ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޖައުފަރުގެ މައްސަލަ ކުރިއަށް ނުގެންދަން ރައީސް ވަހީދު އެދިއްޖެ

މިދިޔަ އާދީއްތަ ދުވަހު މާލެ އުސްފަސްގަނޑު ސަރަހައްދުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލި ކަމަށް ރައީސް ވަހީދު ތުހުމަތު ކުރައްވާ މައްސަލަ ފުލުހުން އަނބުރާ ނަގަން ނިންމަވާފައިވާ ކަން ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޖައުފަރަށް އެތައް މައްސަލައެއް ދިމާވެފައިވާ ކަމަށް އެނގިވަޑައިގަތުމުން ޖައުފަރާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ކަމާ ބެހޭ އިދާރާތަކަށް އެދިިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތަށް ރަސްމީކޮށް އަންގަވާނެ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ޖައުފަރަށް އެފަދަ މައްސަލަތައް ދިމާވެފައިވާ ކަމަށް ބެލެެވެނީ ސިޔާސީ ޕައުނެއްގެ ގޮތުގައި ބޭނުން ކޮށްފައިވާތީ، ސިޔާސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޖައުފަރުގެ ފަރާތުން ރައީސް ވަހީދަށާއި އެމަނިކުފާނުގެ އާއިލާއަށް ލިބިފައިވާ ފުރައްސާރަތަކާ ގުޅިގެން، ރާއްޖޭގެ ގާނޫނުތައް މުގުރާލާފައި އެމަނިކުފާނަށް އާންމުން ފުރައްސާރަ ކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ހިތްވަރު ދީފައިވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ.

މި ކަމުގައި ރައީސް ވަހީދު އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވަނީ ރައީސް ވަހީދުގެ އިނާޔަތްތައް ކަނޑާލުމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލައްވާފައިވެ އެވެ.

މީގެ ކުރިން ރައީސް ވަހީދު ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރީ އެމަނިކުފާނުގެ އަރިހުގައި އެ ވަގުތު ތިބި ސެކިއުރިޓީންނެވެ. ކުރީގެ ރައީސުންނަށް ލިބިދޭ އިނާޔަތުގެ ތެރޭގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ވެސް ހިމެނެ އެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓިވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަސް ނޫން އަނެއް ދުވަހުގައި މާލެއާއި އެތައް ރަށެއްގެ މަގުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާތަކުގެ ތެރޭގައި ދައުލަތުގެ އެތައް މުދަލަށް ގެއްލުންވިއިރު، އެމްޑީޕީގެ ސަޕޯޓަރުންނަށް ވެސް އެތައް އަނިޔާއެއް ލިބުނެވެ.