ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިނަމަ 7 ފެބުރުއަރީގައި އެ މަނިކުފާނާއެކު މަގާމުން އިސްތިއުފާ ދެއްވެވީސް ކަމަށް ރައީސް ނަޝީދުގެ ނާއިބަކަށް ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އަވަސްގެ ހެނދުނުގެ ޝޯ "ފަށަމާ" ގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވުމަކީ ރައީސް ނަޝީދުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ.
ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވީ ފެބްރުއަރީ 7، 2012 ގައެވެ. އޭރު އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ނަޝީދުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.
ވަހީދު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނާ ނުބައްސަވާ ކަންކަން ކުރެއްވުމަށް ކަމަށެވެ. އަދި ފަހުން އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރައްވާ ކަމަށެވެ. ފެބްރުއަރީ 7 ގައި ހިނގައިދިޔަ ކަންކަމަށް ފަހު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ނިންވުމަށް ފަހު އެކަން ހިއްސާ ކުރައްވާ އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވިނަމަ އެ މަނިކުފާނު ވެސް އެކުގައި އިސްތިއުފާ ދެއްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
"ވިދާޅެއް ނުވޭ އަޅުގަނޑު ކައިރީގައި އިނގޭތޯ އިސްތިއުފާ ދެއްވާށޭކޭ ބައްލަވާ... މިހާރު އަޅުގަނޑު ގާތުގައި ވާހަކަ ދައްކަވާލައްވައިގެން ... މި ވާހަކައަކީ އެމްޑީޕީގެ ބޭފުޅުންނަށް ދަންނަވާ އެއްޗެއް... ރައީސް [ނަޝީދު] އަޅުގަނޑު ކައިރީގައި އެވާހަކަ ދަންނަވާލައިގެން ތިމަންނަ މިހެނޭ ހަދަން މިއުޅެނީ، ހިނގާށޭ ދެ މީހުން އިސްތިއުފާދީފައި ގޮސް އަނެއްކާވެސް އޭރުން އަވަސް އިންތިހާބަކަށް އާދެވޭނޭ، މިކަހަލަ ވާހަކައެއް ނުދައްކަވާ. ހަމަ މަސައްކަތް ކުރެއްވީ އަޅުގަނޑުގެ ބޮލަށް އަރާ ފިއްތާލާފާ ދެން އަޅުގަނޑާ ނުބައްސާ މިކަންތައް ކުރަން. އަޅުގަނޑާ ގުޅުއްވާލައްވައިގެން އުޅުއްވިނަމަ އަޅުގަނޑު ކައިރީގައި ވިދާޅުވިނަމަ އަޅުގަނޑު ވެސް އިސްތިއުފާދީފައި އެކީގައި ގޮސް އަނެއް ދުވަހު އިންތިހާބަށް ނިކުންނާނީ ނޫންތޯ. އެގޮތަކަށް ނޫން އެކަން ކުރެއްވީއެއް. އަޅުގަނޑު ދަންނަވާނީ އެބޭފުޅުން މެޗުއަނޫނީއޭ އެވަރަށް،"
ވިދާޅެއް ނުވޭ އަޅުގަނޑު ކައިރީގައި އިނގޭތޯ އިސްތިއުފާ ދެއްވާށޭކޭ ބައްލަވާ... މިހާރު އަޅުގަނޑު ގާތުގައި ވާހަކަ ދައްކަވާލައްވައިގެން ... މި ވާހަކައަކީ އެމްޑީޕީގެ ބޭފުޅުންނަށް ދަންނަވާ އެއްޗެއް... ރައީސް [ނަޝީދު] އަޅުގަނޑު ކައިރީގައި އެވާހަކަ ދަންނަވާލައިގެން ތިމަންނަ މިހެނޭ ހަދަން މިއުޅެނީ، ހިނގާށޭ ދެ މީހުން އިސްތިއުފާދީފައި ގޮސް އަނެއްކާވެސް އޭރުން އަވަސް އިންތިހާބަކަށް އާދެވޭނޭ، މިކަހަލަ ވާހަކައެއް ނުދައްކަވާ. ހަމަ މަސައްކަތް ކުރެއްވީ އަޅުގަނޑުގެ ބޮލަށް އަރާ ފިއްތާލާފާ ދެން އަޅުގަނޑާ ނުބައްސާ މިކަންތައް ކުރަން. އަޅުގަނޑާ ގުޅުއްވާލައްވައިގެން އުޅުއްވިނަމަ އަޅުގަނޑު ކައިރީގައި ވިދާޅުވިނަމަ އަޅުގަނޑު ވެސް އިސްތިއުފާދީފައި އެކީގައި ގޮސް އަނެއް ދުވަހު އިންތިހާބަށް ނިކުންނާނީ ނޫންތޯ. އެގޮތަކަށް ނޫން އެކަން ކުރެއްވީއެއް. އަޅުގަނޑު ދަންނަވާނީ އެބޭފުޅުން މެޗުއަނޫނީއޭ އެވަރަށް،ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
ރައީސް ވަހީދު ރޭ ވިދާޅުވި ގޮތުގައި ބައެއް ބޭފުޅުންގެ ނަޒަރުގައި ވެސް އަދި ގަބޫލުފުޅު ކުރައްވާ ގޮތުގައި ވެސް އެ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދު އެތައް ފަހަރަކު އެމަނިކުފާނު އަރިހުގައި ވިދާޅުވި އެވެ. ނަމަވެސް ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެއީ ހަގީގަތެއް ނޫނެވެ.
އަދި ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވި ދުވަހުވެސް މަގާމުން އިސްތިއުފާ ދެއްވަން ރައީސް ނަޝީދު އެދިވަޑައިގެންފައި ނުވާ ކަމަށެވެ.
ވެރިކަން ބަދަލުވީ ގޮތް އަލުން ބަލާނެ ސަބަބެއް ނެތް
ރައީސް ވަހީދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތް މިނިވަން ކޮމިޝަނަކުން ފުރިހަމައަސް ބަލާފައިވާ ކަމަށެވެ. އަދި އެއީ ސަރުކާރުގެ އަދި އެމަނިކުފާނުގެ ވެސް އެއްވެސް ނުފޫޒެއް ނެތި މިނިވަން ކަމާއެކު މަސައްކަތް ކުރި ކޮމިޝަނެއް ކަމަށެވެ.
އެ ކޮމިޝަންގެ ރިޕޯޓްގައި ވެރިކަން ބަަދަލުވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައަޅާފައިވާ ކަމަށާ އެ ރިޕޯޓް ސިޔާސީ ޕާޓީތަކާއި ބޭރުގެ ގައުމުތަކުން ވެސް ބަލައިގެންފައިވާ ކަމަށެވެ. އަދި އެމްޑީޕީވެސް އެ ރިޕޯޓް ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ މަޖިލީހުގައި ބާރު އޮތުމުން ވެރިކަން ބަދަލުވީ ގޮތް ބެއްލެވިދާނެ ކަމަށެވެ. ނަމަވެސް އެހާ ސާފުކޮށް އޮތް މައްސަލައެއް އަލުން ބަލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އެ މައްސަލަ އަލުން ނަންގަވައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ފަރިއްކުޅުވައިގެން ތިއްބަވާ ބަޔަކު އިތުރު ވަގުތުތަކެއް ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނެ... މައްސަލަ ބެއްލެވިޔަސް އަޅުގަނޑަށް މައްސަލައެއް ނެތް،"
ރައީސް ވަހީދު ވިދާޅުވީ ރިޔާސީ ކޮމިޝަން އުފައްދަވާ އެ ކޮމިޝަނަށް ބާރުތައް ދެއްވީ ކޮންމެ ގޮތަކަށް ނަތީޖާ ނިކުން ނަމަވެސް އެކަން ގަބޫލު ކުރައްވަން ތައްޔާރުވެ ވަޑައިގެން ކަމަށެވެ. އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ކުށެއް ނުވަތަ ވެރިކަން ބަދަލުވީ ގާނޫނީ އިމުން ބޭރުން ކަމަށްވާނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އެ ވާހަކަ ކޮމިޝަންގެ ރައީސަށް ފުރަތަމަ ދުވަހު ވެސް ދެންނެވި ކަމަށް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވީ މައްސަލަ އަލުން ނަންގަވައިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަންގަވައިގެން ފަރިއްކުޅުވައިގެން ތިއްބަވާ ބަޔަކު އިތުރު ވަގުތުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެ ހެން. މައްސަލަ ބެއްލެވިޔަސް އަޅުގަނޑަށް މައްސަލައެއް ނެތްޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
ވަހީދަކީ އިންތިހާބަކާ ނުލައި ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށް އެމްޑީޕީގެ މަޖިލީސް މެންބަރުން ވިދާޅުވާ ވިދާޅުވުމަށް ވެސް އެމަނިކުފާނު ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ އެ މެންބަރުންނަކީ ޖުމްހޫރީ ނިޒާމު ހިނގާގޮތް އެނގިވަޑައި ނުގަންނަވާ ބޭފުޅުން ކަމަށެވެ.
ތެޔޮ ރިޕޯޓާ ގުޅުވަނީ އޮޅުވާލަން
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއަކާބެހޭ ރިޕޯޓެއް ރައީސް ވަހީދު ފޮރުވައިގެން އުޅުއްވާ ކަމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ގުޅޭގޮތުން ވެސް ރައީސް ވަހީދު ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެއީ "ހިޔާލީ" ވާހަކަތަކެއް ކަމަށެވެ. އަދި ކިތަންމެ މަސައްކަތް ކުރެއްވި ނަމަވެސް އެމަނިކުފާނާ އެ މައްސަލަ ގުޅުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"ނެތް އެއްޗެއް ކިހިނެތްތޯ ފެންނާނީ. ވުޖޫދަށް ނާންނަ އެއްޗެއް ފެންނާނީ ކިހިނެތްތޯ؟" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ މެންބަރުން ހިތަށް އެރި އެއްޗެއް ގޮވަމުން ދަނިކޮށް މައްސަލައިގެ ހަގީގަތް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހާމަ ކޮށްދެއްވި ކަމަށެވެ. އަދި އުޝާމް ޖެއްސެވި ކައްޓަކުން ފުފިފައިވާ މަޖިލީސް ހިނދިގެން ދިޔަ ކަމަށެވެ.
އެސްޓީއޯއިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތު ކުރާ ތެލުގެ ވަގު ވިޔަފާރިއާބެހޭ މައްސަލާގެ ލިޔުންތައް އެބަހުރި ކަމަށާއި މައްސަލަ ރިވިއު ކުރަން ނިންމާފައިވާ ކަމަށް އޭސީސީން ރޭ ހާމަކޮށްފައި ވާތީ އެ މައްސަލައިގެ އިތުރު ވާހަކަތައް ދައްކަވަން މިވަގުތު ބޭނުންފުޅު ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަކީ ތެލުގެ ވިޔަފާރި ކުރާ މީހެއް ނޫން. ތެލުން ބައެއް އެޅުނު މީހެއް ނޫން. އެހެންވީމަ އަޅުގަނޑުގެ އިންޓްރަސްޓް ހުރި ކަމެއް ނޫން މިއީ،"
މަޖިލީހަށް ބާރުތައް ދަނީ ޖަމާކުރަމުން
ރައީސް ވަހީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު ދަތުރަކީ ދިގު އަދި އެހާމެ ބުރަ ދަތުރެއް ކަމަށެވެ. އެ ދަތުރުގެ ހަގީގީ ބައިވެރިންނަކީ ކޮބައިކަން ރައްޔިތުންނަށް ނޯޅޭ ކަމަށާ މިއަދު ބާރުތައް އެއްކުރަން މަސައްކަތް ކުރަނީ އެ ދުވަހު އެ މަސައްކަތް ކުރެެއްވި ބޭފުޅުން ނޫން ކަމަށެވެ.
އެތައްހާސް ރައްޔިތުންނެއްގެ ބުރަ މަސައްކަތުން ގެނައި ޑިމޮކްރަސީއާއި ބަލައިގެން ގާނޫނު އަސާސީގައި ތިން ބާރު ވަކިކޮށް ކޮންމެ ބާރެއް މިނިވަންކަމާއެކު ހިންގުމަށް ކަނޑައަޅާފައިވީ ނަމަވެސް އެކަންކަމަށް ނުރައްކާ ވަމުންދާ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި ތިން ބާރު މިނިވަންކަމާއެކު ހިނގާކަމުގެ އިހުސާސު މިއަދު ނުކުރެވޭ ކަމަށާއި އެއީ ޑިމޮކްރަސީއަށް އޮތް ނުރައްކަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
"މިހާރު އެބަފެނޭ އެހެން ރޫހެއް. އެއީ ތިން ބާރު ވަކިކޮށް ބޭއްވުމުގެ ގޮތުން ކުރި މަސައްކަތް ކޮންމެވެސް ނުރައްކަލެއް އެބަ އާދޭ. ތިން ބާރު ވަކިން ފަންކްޝަން ކުރާ ކަމުގެ އިހުސާސެއް މިހާރު ނުކުރެވޭ. މިހާރު ހީވަނީ ހައްތަހާވެސް އެއް ދިމާލަކަށް ހުރިހާ ބާރުތައް އެއްވަމުން އަންނަހެން. އެއީ ޑިމޮކްރަސީގައި ރަނގަޅު ގޮތެއް ނޫން އަދި ރައްކާތެރި ގޮތެއްވެސް ނޫން،"