ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ކުރެއްވި ޓްވީޓަކާ ގުޅިގެން ދޮގު ވާހަކަ ފެތުރީކަމަށް ބުނެ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މިއަދު ކޮށްފައިވާ ބަހުސަކީ ބޭކާރު ބަހުސެއް ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
އެ ޓްވީޓުގައި ރައީސް ވަހީދު އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވަހީދަށް ލިބިދޭ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލުމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.
މަޖިލީހުގައި ކުރެވުނު ބަހުސާ ގުޅޭ ގޮތުން ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބަހުސަކީ ބޭކާރު ބަހުސެއް ކަމަށެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި ކުރެވުނު އެ ބަހުސްގެ ސަބަބުން މަޖިލީހުގެ ވަގުތު ވެސް ބޭކާރުވެގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އެމްޑީޕީގެ އެކްޓިވިސްޓު ޖައުފަރު އެމަނިކުފާނާ ދިމާއަށް ގޮވާފައި ވަނީ ހަމައެކަނި "ބާޣީ" ނޫން ކަަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވަހީދާ ދިމާއަށް ބައެއް ހުތުރު ބަސްތައް ވެސް ގޮވިކަމަށް ތުހުމަތު ކުރައްވައި އެ ބަސްތައް ރައީސް ވަހީދުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.
މީގެ އިތުރުން ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިންގެ ދެމެދަށް އައިސް ކައިރިވާން ވެސް ޖައުފަރު މަސައްކަތް ކުރެއްވި ކަމަށް ރައީސް ވަހީދު ތުހުމަތު ކުރެއްވި އެވެ. އެހެންވިޔަސް ޖައުފަރާ ދެކޮޅަށް އޭނާ އެއްވެސް މައްސަލައެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް [މުހައްމަދު ނަޝީދު] އާއި [އެމްޑީޕީގެ] މަޖިލިސް މެންބަރުން، އެއީ ގާނޫނު ހަދައި ގާނޫނު ނެގެއްޓުމުގެ ޒިންމާ އޮތް ފަރާތް، އެ ފަރާތުން އެ ގާނޫނުތައް މުގުރާލާއި އަޅުގަނޑަށް ފުރައްސާ ކުރަން އާންމުންނަށް ގޮވާލާތީ، ވަރަށް ދެރަ،" ވަހީދުގެ ޓްވީޓުގައިވެ އެވެ.
ޖައުފަރާ ދެކޮޅަށް ރައީސް ވަހީދު އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާނެ ކަމަށް ވިދާޅުވިއިރު، މީގެ ކުރިން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރީ އެމަނިކުފާނުގެ އަރިހުގައި އެ ވަގުތު ތިބި ސެކިއުރިޓީންނެވެ. ކުރީގެ ރައީސުންނަށް ލިބިދޭ އިނާޔަތުގެ ތެރޭގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ހިމެނެ އެވެ.
ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓީވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ
ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ އެއް ބަޔަކު ގުޅި، ދެން ހިނގައިދިޔަ ހަމަނުޖެހުމަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.
މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ. އެމްޑީޕީގެ މެންބަރުންނެއް އެ ރިޕޯޓު ބަލައެއް ނުގަނެ އެވެ.