ހަބަރު

ރައީސް ވަހީދު ދޮގު ހެއްދެވި ކަމަށް ބުނެ މަޖިލީޙަށް ކުއްލި މައްސަލައެއް

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުން އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިނަށް މީހަކު ހަމަލާދީފައިވާ ކަމަށް ވިދާޅުވެ ދޮގު ވާހަކަތަކެއް އިއްޔެ ފަތުރާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު "ބަޣާވާތަކުން" ވައްޓާލައި ވެރިކަމަށް ވަޑައިގެން ވަހީދު ވަނީ އޭގެ ފަހުން މަގުމަތީގައި އިހުތިޖާޖު ކުރި އެތައް ރައްޔިތަކަށް ނުހައްގުން އަނިޔާކޮށްފައިވާ ކަމަށެވެ.

އަދި އިއްޔެ މަގުމަތީގައި މީހަކާ ދެމެދު ކުރެވުނު ޒުވާބަކާ މެދު ހިތްހަމަޖެހިވަޑައިނުގެން، ރައީސް ވަހީދަށް "ޖިސްމާނީ ހަމަލާއެއް" އެ އާންމު މީހާއަށް ދީފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ރައްޔިތުންނަށް އޮޅޭ ގޮތަށް ރައީސް ވަހީދު ވާހަކަ ދައްކަވާފައިވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.

މެންބަރު ވައްޑެ ހުށަހެޅުއްވި އެ ކުއްލި މައްސަލައަށް ބަހުސް ހުޅުވާލަން ފެންނަ ކަމަށް ފާސްކުރީ 33 މެންބަރުންގެ ވޯޓުންނެވެ. ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެހެންކަމުން އެ ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފަ އެވެ.

ރައީސް ވަހީދާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މަގުމަތިން ފުރައްސާރަކޮށްފައިވާ ކަމަށް ހާމަ ކުރައްވައި އިއްޔެ ހެނދުނު ޓްވީޓެއް ކުރެއްވި އެވެ. ރައީސް ވަހީދުގެ އެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި މަގުމަތިން އެމަނިކުފާނާ ދިމާކޮށްލައި ފުރައްސާރަ ކުރީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ޖެރޯ އެވެ.

ރައީސް ވަހީދަށް މަގުމަތިން ފުރައްސާރަ ކުރުން ވަރަށް ގިނަ މީހުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމަނިކުފާނަށް ގުޅުއްވައި ރައީސް ވަހީދާއި އެމަނިކުފާނުގެ އާއިލާގެ ހާލު ބެއްލެވި އެވެ. އަދި ފުލުހުން ވެސް ދަނީ އެ މައްސަލަ ބަލަމުންނެވެ.

ނަމަވެސް އެމްޑީޕީން ވަނީ ރައީސް ވަހީދުގެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި މައްސަލާގައި އިއްޔެ ޓްވީޓު ކުރައްވައި އެމްޑީޕީގެ އެކްޓިވިސްޓު ދިފާއު ކުރެއްވި އެވެ. ނަޝީދު ވިދާޅުވަނީ ވަހީދު "ބަޣާވާތް" ކުރައްވާފައިވާތީ ގިނަ ދިވެހިންނަށް އެމަނިކުފާނަށް "ބާޣީ" އަށް ގޮވޭނެ ކަމަށެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓީވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ އެއް ބަޔަކު ގުޅި، ދެން ހިނގައިދިޔަ ހަމަނުޖެހުމަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް އެކުލަވާނި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓުގައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ.