ރައްޔިތުންގެ މަޖިލިސް

ރައީސް ވަހީދުގެ އިނާޔަތް ކަނޑާލައި ހައްޔަރު ކުރަން ގޮވާލައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަަށް ކުރީގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށާއި އެތައް ރައްޔިތަކަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން ގޮވާލައްވައިފި އެވެ.

ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

ރައީސް ވަހީދު އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެމަނިކުފާނަށް ލިބިދޭ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލުމަށާއި އެމަނިކުފާނު ހައްޔަރު ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ، ގައުމުގެ މުސްތަގުބަލަށް ކުރިއަށް ދާން ރައްޔިތުން ބޭނުންވެގެން އެމްޑީޕީގެ ސަރުކާރު އަނެއްކާ ގެނައި ނަމަވެސް ކުރިން ހިނގައި ދިޔަ ކަންކަން ހަނދާނުން ފިލައިގެން ނުދާނެ ކަމަށެވެ.

އީވާ ވިދާޅުވީ ފެބްރުއަރީ 8، 2012 ގައި ވަހީދު ކުރި އަނިޔާތައް ހިތުން ފިލައިގެން ނުދާ ކަމަށާއި އެ ކަމަށް މައާފު ވެސް ނުކުރައްވާނެ ކަމަށެވެ. ރައީސް ވަހީދަކީ ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށާއި އަދި އެތައް ރައްޔިތަކަށް އަނިޔާ ދީފައިވާތީ އެމަނިކުފާނަށް އެ ލިބިދޭ އިނާޔަތްތައް ހައްގު ނޫން ކަމަށް ވިދާޅުވި އެވެ.

"ރައީސް ވަހީދު ކުރި ބަޣާވާތާ ހަމައަށް [ފުލުހުން] ތަހުގީގު ކޮށްގެން ހުއްޓާލައިގެން ނުވާނެ. ރައްޔިތުންގެ ވޯޓަކުން އިންތިހާބުވި ވެރިއެއް ނޫން. ރައްޔިތުންނަށް އެތައް އަނިޔާއެއް ދީފައި ހުރި މީހަކަށް ދިވެހިން ވެރިންނަށް ހައްގު އިނާޔަތް ދިނުމަށް އަޅުގަނޑަކަށް ނުފެނޭ." އީވާ ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ، ވެރިކަމުގައި ހުންނެވިއިރު އެތައް ރައްޔިތަކަށް އަނިޔާ ދީފައިވާ ބޭފުޅަކު އާންމު ރައްޔިތަކާ ގުޅޭ ގޮތުން އިތުރުފުޅު މިއަދު ހެއްދުވުމުން އެ މައްސަލާގައި ރައީސް ވަހީދު ހައްޔަރު ކުރަން ޖެހޭ ކަމަށެވެ.

"މި ރާއްޖޭގެ މުސްތަގުބަލު ނަގާލަން އަނެއްކާ ވެސް މަސައްކަތް ކުރާތީ އާންމު ރައްޔިތަކާ މެދު އެ ވަރުގެ ބޮޑު އިތުރުފުޅެއް ހެއްދެވީމައި، [ރައީސް] ވަހީދު ހައްޔަރުކުރަން ގޮވާލަން. ޕޮލިސް ކޮމިޝަނަރު [މުހައްމަދު ހަމީދަށް] މި ކަން ކުރަން ގޮވާލަން." ހަސަންޓޭ ވިދާޅުވި އެވެ.

ހަސަންޓޭ ވެސް ވިދާޅުވީ ރައީސް ވަހީދަކީ ރައްޔިތަކު ވޯޓި ދީގެން އިންތިހާބުގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ. ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ލިބިދޭ އިނާޔަތްތަކާއި ބޮޑު އޮފީސްތައް ހިންގުމުގެ ހައްގު ރައީސް ވަހީދަށް ލިބިގެން ނުވާނެ ކަމަށް ހަސަންޓޭ ވިދާޅުވި އެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވިދާޅުވީ، އިންތިހާބަކާ ނުލައި ވެރިކަމަށް ވަޑައިގަތުމުގެ އިތުރަށް ކަނޑައެޅިފައިވާ ރިޔާސީ ދައުރުގެ އިތުރަށް އެއް ހަފުތާއަށް ވެސް ވަހީދު ވެރިކަން ކުރެއްވި ކަމަށެވެ. މި ދެ ކަންތައް ވެސް ކުރެއްވީ ގާނޫނާ ހިލާފަށް ކަމަށެވެ. ވަހީދަށް ލިބިދޭ އިނާޔަތްތައް ކަނޑާލަން ޔޫނުސް ގޮވާލެއްވި އެވެ.

"ގާނޫނާ ހިލާފަށް ބަޣާވާތް ކޮށްގެން ވެރިކަމަށް އެރުމަށް ފަހު، އަދި ގާނޫނާ ހިލާފަށް ކޯޓަކުން އަމުރެއް ނެރިގެން ރިޔާސީ ދައުރުގެ ބޭރުން އިތުރު އެއް ހަފުތާއަށް ވެރިކަން ވެސް ކުރެއްވި. އެ ކަމަށް ޓަކައި އޭނާގެ އިނާޔަތްތައް ކަނޑާލަން ގޮވާލަން." ޔޫނުސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފެބްރުއަރީ 7، 2012 އާއި ފެބްރުއަރީ 8، 2012 ގައި ހިނގާ ދިޔަ ކަންކަން ބަލަން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލެއްވި އެވެ. އަދި އެ ކަމަށްޓަކައި ވަގުތީ ނުވަތަ ސަންސެޓް އުސޫލުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގޮވާލެއްވި އެވެ.

ރައީސް ވަހީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް ނަޝީދުގެ ނައިބު ރައީސެވެ. އަދި ފެބުރުއަރީ 7، 2012 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް ވަޑައިގެންނެވީ ވަހީދެވެ. އޭގެ ފަހުން އެމްޑީޕީގެ އެކްޓީވިސްޓުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށް ފާޑު ކިޔާ ބޭފުޅަކީ ރައީސް ވަހީދެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ އެއް ބަޔަކު ގުޅި، ދެން ހިނގައިދިޔަ ހަމަނުޖެހުމަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ. އެމްޑީޕީގެ މެންބަރުންނެއް އެ ރިޕޯޓު ބަލައެއް ނުގަނެ އެވެ.