ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ "ބަޣާވާތަކުން" ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނީ އޮނިގަނޑެއް ވުޖޫދުކޮށް ސަންސެޓް ގާނޫނެއް ހަދަން ޖެހޭ ކަމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދުގެ ދެކަނބަލުން އިއްޔެ ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދުގައި އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލައި ފުރައްސާރަކޮށްފައިވާ ކަމަށް ވިދާޅުވެ އިއްޔެ ޓްވީޓެއް ކުރެއްވި އެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓް ކުރުމުން ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
ރައީސް ވަހީދު އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރު ސައްލެ ވިދާޅުވީ އެމްޑީޕީގެ އެހެން މެންބަރުން ފާހަގަކުރެއްވި ގޮތަށް މަޖިލީހުން "ބަޣާވާތުގެ" މައްސަލައަށް އިންސާފު ދިނުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
ސައްލެ ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރި ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނި) ގެ ރިޕޯޓު މީގެ ކުރިން ރައީސް ނަޝީދު ބަލައިގަތީ މަސްލަހަތަށްޓަކައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ސައްލެ ވިދާޅުވި އެވެ. އެއީ މުރާޖައާ ކުރަން ޖެހޭ ރިޕޯޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު ކުރަން ޖެހޭ ކަމަށް ސައްލެ ވިދާޅުވި އެވެ. އެ މައްސަލައަށް އިންސާފު ގާއިމުކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ. އެހެން ގައުމުތަކުގައި ވެސް އިންސާފު ނުލިބި ދިގުދެމިގެންދާ މައްސަލަތައް ބަލަނީ ސަންސެޓް ގާނޫނަކުން ފާހަގަކުރައްވައި އެ ކަން ކުރަން ގޮވާލެއްވި އެވެ.
"މުހިއްމު އިންކުއަރީ ހިންގުމަށް ޓަކައި ސަންސެޓް ގާނޫނު ފާސްކުރަން ޖެހޭ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ކަން ކުރަން ކުރަނީ އެ ގޮތަށް މި ކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް މި މަޖިލީހުން ފާސްކުރަން ޖެހޭ. އެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ." ސައްލެ ވިދާޅުވި އެވެ.
ސައްލެ ވިދާޅުވީ، ހަތެއް ފެބްރުއަރީގެ ހާދިސާ ވެފައި ވަނީ އަރަތެއް ފަދަ ހާދިސާއަކަށެވެ. އެ ކަން ހިނގި ކަމުގެ އެތައް ހެކިންތަކެއް ރާއްޖޭގައި އެބަ ތިބި ކަމަށް ސައްލެ ވިދާޅުވި އެވެ. އެ ގޮތުން މަޖިލީހަށް އެކަނި ބެލިޔަސް، އޭގެ އަނިޔާ ލިބުނު ފަރާތްތަކާއި އެ ކަމުގައި ބައިވެރިވި ފަރާތްތައް އެބަ ތިއްބެވި ކަމަށް ސައްލެ ވިދާޅުވި އެވެ.
ސައްލެ އިޝާރާތް ކުރެއްވީ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ތިން މެންބަރުންނަށެވެ. ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށެވެ. ކޯލިޝަން ޕާޓްނަރެއް ގޮތުގައި ހުންނެވި ކުރީގެ ރައީސް މައުމޫން ވެސް އެ މުޒާހަރާގައި އުޅުއްވި އެވެ.
ފެބްރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ އެއް ބަޔަކު ގުޅި، ދެން ހިނގައިދިޔަ ހަމަނުޖެހުމަށް ފަހު އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.
މިހާރު މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ. އެމްޑީޕީގެ މެންބަރުންނެއް އެ ރިޕޯޓު ބަލައެއް ނުގަނެ އެވެ.