ރައްޔިތުންގެ މަޖިލިސް

އަސްލަމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ނަމުގައި އުފެއްދި އާ މިނިސްޓްރީއަށް އައްޔަން ކުރެއްވި މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރަން ކަމާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ސިޓީފުޅެއް ތަޅުމަށް މިއަދު އިއްވި އެވެ. އެއީ މިނިސްޓަރު އަސްލަމަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފޮނުއްވި ސިޓީފުޅަކާއި، އާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ދިރާސާ ކުރުމަށް އެދި ރައީސް ފޮނުއްވި ސިޓީފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަަތުގައި އޭރު އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ދެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވާނެ ކަމަށެވެ. އެ ކޮމިޓީން ދިރާސާކުރުމަށްފަހު، މިނިސްޓަރަށް ރުހުން ދިނުމަށް ތަޅުމުގައި ވޯޓަށް އަހަން ޖެހެ އެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވިއިރު، ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ރައީސް ނިންމެވީ، ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަން ކުރެއްވި އާތިފާ، އިސްތިއުފާ ދެއްވީ އަލާސްކަންފުޅާ އުޅުއްވާތީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވެން ނެތުމުންނެވެ.

މީގެ ކުރީ ސަރުކާރުތަކުގައި އެ ދެ މެންޑޭޓަށް އެއް މިނިސްޓްރީ އޮތްއިރު، ރައީސް ސޯލިހްގެ ސަރުކާރުގައި ދެ މިނިސްޓްރީއަށް އެކުލަވާލަން ނިންމެވުމުން ވެސް ދެ މިނިސްޓްރީގެ މެންޑޭޓްތަކުގައި ފުށު އެރުންތަކެއް އޮންނަ ކަމަށް ވާހަކަ ދެކެވުނެވެ.