ހަބަރު

މިނިސްޓަރު އަސްލަމަށް ރުހުން ދޭން ކޮމިޓީން ނިންމައިފި

ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލައި އުފައްދާފައިވާ އާ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދިނުމަށް އެ މައްސަލަ ދިރާސާ ކުރަން ފޮނުވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގައި އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރި އަސްލަމަށް ރުހުން ދިނުމަށެވެ. އާ މިނިސްޓްރީގެ މެންޑޭޓް ވެސް ކޮމިޓީން ދަނީ ދިރާސާކުރަމުންނެވެ.

މިނިސްޓަރު އަސްލަމަށް މަޖިލީހުން ރުހުން ދިނުމަށް ތަޅުމަށް ގެންދަން ކޮމިޓީން ފާސްކުރިއިރު، ގާނޫނު އަސާސީގައި ބުނާ ގޮތުން ވަޒީރުންގެ މަޖީލިހަށް ނުވަތަ ސަރުކާރުގެ ކެބިނެޓްގައި ހިމެނޭ މިނިސްޓްރީއަކަށް މިނިސްޓަރަކު އައްޔަން ކުރުމަށް ފަހު، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.

މިނިސްޓަރު އަސްލަމަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކުރިއިރު، ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަކަށް އެޖެންޑާކޮށް ތަޅުމުގައި ބަހުސެއް ކުރިއަށް ގެންދާނެ އެވެ. މިނިސްޓަރަށް ރުހުން ދިނުމަށް ފާސްވާނީ އެ ބަހުސަށް ފަހު ތަޅުމުގައި ނަގާ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ރައީސް ނިންމެވީ، ކުރިން ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އައިމިނަތު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އެމްއާރުއެމްގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަން ކުރެއްވި އާތިފާ، އިސްތިއުފާ ދެއްވީ އަލާސްކަންފުޅާ އުޅުއްވާތީ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވެން ނެތުމުންނެވެ.

މީގެ ކުރީ ސަރުކާރުތަކުގައި އެ ދެ މެންޑޭޓަށް އޮންނަނީ އެއް މިނިސްޓްރީ އެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ދެ މިނިސްޓްރީއަށް އެކުލަވާލަން ނިންމެވުމުން ވެސް ދެ މިނިސްޓްރީގެ މެންޑޭޓްތަކުގައި ފުށު އެރުންތަކެއް އޮންނަ ކަމަށް ވާހަކަ ދެކެވުނެވެ.