ރައީސް މުހައްމަދު ނަޝީދު

މި ސަރުކާރަށް ގެއްލުން ލިބޭނެ ކަމެއް އަޅުގަނޑު ނުކުރާނަން: ނަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަން ކުރުމުގެ ބާރުގެ ތެރެއަށް މަޖިލީހުން ވަންނަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހައަކާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާރު އޮތް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސް އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. ރައީސް ސޯލިހަކީ އެމަނިކުފާނުގެ ގާތް އެކުވެރިއެއް ކަމަށެވެ. މަޖިލީހުގައި އޮތީ ހަމަ އެ ޕާޓީގެ ސުޕަ މެޖޯރީޓީ ކަމަށެވެ. މަޖިލީހުން ވެސް އަދި އެމަނިކުފާނު ވެސް ސަރުކާރަށް ގެއްލުން ލިބޭނެ ކަމަށް ނުކުރާނެ ކަމަށެވެ.

"އެ ކެންޑީޑޭޓަކީ [ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ] އަޅުގަނޑު އުފަންވީއްސުރެން އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ. މި ސަރުކާރަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް އަޅުގަނޑު ނުކުރާނަން. އަޅުގަނޑު، މި ސަރުކާރު ސަލާމަތް ކުރަން ވެގެން ގާނޫނު ތަން ދިން ހުރިހާ ކަމެއް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމެވެ. އަދި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މައްސަލައަކީ ސަރުކާރަށް މަދަދުގާރީވެ އެއްބާރުލުން ދީގެން ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވެސް ކުރުމެވެ. ގުޅިގެން މަސައްކަތް ކުރަން އެއްވެސް ދަތި ކަމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް [މަޖިލީހަށް] ދިމާއެއް ނުވޭ އެ ބާވަތުގެ އެއްވެސް ދައްޗެއް. އަޅުގަނޑު ގާނޫނީ ގޮތުން ޖާގަދޭ ކަމަކަށް ކުރަން އެދުނީމަ ރައީސުލްޖުމްހުރިއްޔާއެއް ހުރަސް ނާޅާނެ، އަދި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު ގާތުގައި ގާނޫނީ ކަމަކަށް އެދުނީމަ އެ ކަމަކަށް އަޅުގަނޑު ހުރަހެއް ނާޅާނެ. ވަރަށް ބޮޑު އޮޅުމެއް އެއީ." ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުން ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަންނަ ކަމަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން ވިދާޅުވެ އެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ނުތަނަވަސްކަމެއް އުފެދިގެން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވެފައިވެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން އެ ކަން ދޮގު ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ޖަވާބުދާރީވުމުގެ ބަދަލުގައި މަޖިލީހުގެ މެންބަރުން ސީދާ ކަން ކުރަން ވާނެ ގޮތުގެ އިރުޝާދު ވަޒީރުންނަށް ދެއްވާ ކަމަށް ރައީސް ސޯލިހް މަޖިލީހަށް ދިން ރިޔާސީ ބަޔާނުގެ ޖަވާބުގައި މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވިދާޅުވެފައިވެ އެވެ.