މަސްތުވާތަކެތި

5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށް 6.8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރޭ ހުޅުމާލޭގައި ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ދިވެހިން ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެ އޮަޕަރޭޝަންގައި 6.8 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސްއެވެ. މި ތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ހައްޔަރުުކުރި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި ދެން ތިބި ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ވަނީ ޖަހައިދީފައެވެ. އަނެއް މީހާ ދޫކޮށްލީ އޭނާ ދިރިއުޅުނުގެ ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިނުވާތީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުންނަކީވެސް މަސްތުވާތަކެތީގެ ނެޓްވޯކްގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.

ފުލުހުން ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.