މުޒާހަރާ

އަންނަ ހޯމަ ދުވަހު މަޖިލިސް ކައިރީ މުޒާހަރާ ކުރަނީ

އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި މުޒާހަރާއެއް ކުރުމަށް ވާތު ފިޔަވައިގެ ސިޔާސީ ހަރަކާތެއް ކަމުގައިވާ ނަވާނަވައިން ނިންމައިފި އެވެ.

ނަވާނަވައިގެ ސްޕޯކްޕާސަން ފާތިމަތު ސާއިރާ "އަވަސް" އަށް ވިދާޅުވީ މުޒާހަރާގެ އިންތިޒާމުގައި ބައިވެރިވާން ކޮންމެ މީހަކަށް ވެސްް ފުރުސަތު އެބަ އޮތް ކަމަށާއި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 9477309 އަށް ގުޅުމަށް އިއުލާން ކޮށްފައިވާނެ ކަމަށެވެ.

އެ މުޒާހަރާ އިންތިޒާމު ކުރަން ބޭނުންވާ ފަރާތްތަކާއެކު ނަވާނަވައިން މާދަމާ ރޭގަނޑު 8:00 ގައި އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ސާއިރާ ވިދާޅުވި އެވެ. އޭގެ ފަހުން އަންނަ ހޯމަ ދުވަހު މަޖިލިސް ކައިރީގައި މުޒާހަރާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ސާއިރާ ވިދާޅުވި އެވެ.

ސާއިރާ ވިދާޅުވި ގޮތުގައި، މަޖިލިސް ކައިރީ މުޒާހަރާ ކުރަން ނިންމާފައިވަނީ އިގްތިސާދު ދަށްވެ އާންމުންގެ މާލީ ހާލަތު ދަަށްވެފައިވާތާ ދެ މަސް ދުވަސްވީއިރު ވެސް ހާލުގައި ޖެހިފައިތިބި މީހުނަށް އެހީތެރިވުމަށް ސަރުކާރުގެ ތެރެއިންނާއި މަޖިލީހުގެ ތެރެއިން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކައިރީގައި ކުރަން ހަމަޖެހިފައިވާ އެ މުޒާހަރާގެ ބައިވެރިން ކޮވިޑް-19 ގެ ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް އެޑްވައިސް ކުރާނެ ކަމަށް ސާއިރާ ވިދާޅުވި އެވެ. މި ގޮތުން މާސްކް އެޅުމަށާއި ގައިދުރުވުމުގެ ހަމަތަކާ އެއް ގޮތަށް މުޒަހާރާ ކުރިއަށް ގެންދިއުމުގައި އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ކޮވިޑް-19 ގެ ރޯގާ ފެތުރެން ފެށި، މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ތެރެއިން، ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅެވޭނެ ގޮތަށް ބޮޑު ލުއެއް ދިނުމަށް ފަހު މާލޭގައި އިންތިޒާމު ކުރާ ފުރަތަމަ މުޒާހަރާ އެވެ.

ނަވާނަވައިގެ ސިޔާސީ ހަރަކާތުން އަންނަ ހޯމަ ދުވަހު މަޖިލީހުގެ އިދާރާގެ ކައިރީ މުޒާހަރާ ކުރުމަށް ނިންމާފައިވާއިރު، މީގެ ކުރިން ހޮޓެލް ޖެންގައި ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން ބޭއްވި ޕްރެސް ކޮންފެރެންސްއެއްގައި ލީޑަރުންގެ ކުރިމަތީ އެ ހަރަކާތުން މުޒާހަރާ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ޕާޓީތަކުގެ މެދުގައި ދާއިރާތައް ބަހާނެ ގޮތަކާ މެދު ކޯލިޝަންގެ ލީޑަރުން ބޭއްވި ބައްދަލުވުމަށް ފަހު ބޭއްވި ޕްރެސް ކޮންފެރެންސް އެކެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ހީނަރުވެ ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލައެއް ހުށަހެޅި އެ މަސައްކަތް ނިންމި އެވެ. މަޖިލީހުގެ 13 ކޮމިޓީއަކުން ދިރާސާކޮށް، 300 އަށް ވުރެ ގިނަ ހުށަހެޅުމާއެކު މަޖިލީހުގެ ލަފާ ވަނީ ސަރުކާރަށް ފޮނުވައިފަ އެވެ.

ސަރުކާރުން ވެސް ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފަ އެވެ. އެ ޕެކޭޖްގެ ތެރެއިން މުވައްޒަފުން ބެހެއްޓުން ޝަރުތުކޮށް ވިޔަފާރިތަކަށް ލޯނު ދޫކުރިއިރު ވަޒީފާ ގެއްލިގެން ދިޔަ ފަރާތްތަކަށް ތިން މަސް ދުވަހަށް މަހަކު 5،000 ރުފިޔާގެ އިނާޔަތެއް ދޭން ނިންމި އެވެ. ނަމަވެސް މި ޕެކޭޖާ ގުޅޭ ގޮތުން ވެސް ގިނަ ކަންބޮޑުވުންތަކެއް އުޅެ އެވެ.