ހަބަރު

ސަރުކާރުން އެމެރިކާގެ ޕީއާރު ފާމަކާ އެކު ތިން ލައްކަ ޑޮލަރުގެ އެއްބަސްވުމެއް

ސަރުކާރުގެ ފަރާތުން އދ ގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ސަހީރު ސޮއި ކުރައްވާފައިވާ އެ އެއްބަސްވުމުގެ މުއްދަތަކީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗް ހަތް ވަނަ ދުވަހެވެ. އެ އެއްބަސްވުމުގެ ދަށުން ޕޮޑެސްޓާ ގްރޫޕަށް މަހަކު 50،000 ޑޮލަރުގެ ފީއެއް ސަރުކާރުން ދައްކަން ޖެހެ އެވެ. އެ އެގްރިމަންޓްގެ މުއްދަތުގައި ރާއްޖެއިން އެ ކުންފުންޏަށް ގާތްގަނޑަކަށް 300،000 ޑޮލަރު ދޭން ޖެހޭނެ އެވެ.

މި އެގްރިމެންޓާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.

ޕޮޑެސްޓަ ގްރޫޕަކީ އެމެރިކާގެ ބައެއް ރިޔާސީ ކެމްޕޭންތަކުގައި އެކި ކެންޑިޑޭޓުންނަށް ކެމްޕޭން ލަފާދިނުމާއި ސިޔާސީ އެކި ކަންކަމުގައި އެގައުމުގެ ސަރުކާރަށް ވެސް ބައެއް ފަހަރު ކޮންޓްރެކްޓް އުސޫލުން ލަފާދޭ ކުންފުންޏެކެވެ. މީގެ އިތުރުން މިސްރާއި އަޒަރު ބައިޖާންގެ ހާރިޖީ ކަންކަމުގައި ވެސް އެ ކުންފުނިން އަންނަނީ ލަފާދެމުންނެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައިގައި ގާނޫނީ ލަފާދިނުމަށާއި ރާއްޖޭގެ ގާނޫނީ މުއައްސަސާތައް ވަރުގަދަ ކުރުމަށް ލަފާދިނުމަށް ސަރުކާރުން ވަނީ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އަނބިކަބަލުން، ޝެރީ ބްލެއާގެ ލޯފާމް އޮމްނިއާ ސްޓްރެޓެޖީ ވެސް ހޮވައިފަ އެވެ.

އެ ކުންފުންޏަށް ސަރުކާރުން ދޭ ފައިސާގެ އަދަދެއް ނޭނގެ އެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ޕީއާރު ފާމްތަކާއި ލޯފާމްތައް ހަޔާ ކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދުވަސްވަރު އާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އަދި އޭގެ ފަހުން ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައިވެސް ލޯފާމްތަކަށާއި ޕީއާރު ފާމްތަކަށް އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް ހަރަދުތައް މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ ހިލާފުކަން އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވެ އެވެ.