ލައިފްސްޓައިލް

ޑިޕްރެޝަންގެ މައްސަލަތަކެއް ތަހައްމަލުކުރިން: ނަވާޒުއްދީން

އެކްޓަރު ނަވާޒުއްދީން ސިއްދީގީ އަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް އެކްޓަރު ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ނަވާޒުއްދީނުގެ ކެރިއަރުގައި އަދި ހަޔާތުގެ ކުރީކޮޅު ވަރަށް ގިނަ ތަފާތު މައްސަލަތަކާ އޭނާއަށް ވެސް ކުރިމަތިލާން ޖެހުނެވެ. ދިރިއުޅުމަށް އޭނާ އުފުލި ބުރަތަކަކީ ހަމަ ގައިމުވެސް އޭނާ ކަހަލަ އެކްޓަރުންނަށް ރަނގަޅު އިބުރަތެއް ލިބޭނެ ފިލާވަޅުތަކެކެވެ.

ފިލްމު ބަލާ މީހުންގެ ހިތްތަކުން ނަވާޒުއްދީން ޖާގަ ހޯދީ ވަރަށް ބުރަ މަސައްކަތްކޮށް ދާ އޮހޮރުވައިގެންނެވެ. އެހާ ބުރަކޮށް އުޅޭއިރުވެސް މާޔޫސްވެގެން ގޮސް ޑިޕްރެޝަނަށް ދާތަން ވަރަށް ގިނައިން އަންނަ ކަމަށް ވެސް ނަވާޒުއްދީން ބުންޏެވެ.

"ބައެއް ފަހަރު ޑިޕްރެޝަންގެ މައްސަލަތައް ގޯސްވެގެން ގޮސް ހިތަށް އަރާ މި ދެން މަރުވަނީ އޭ ވެސް. އެހާ ހާލަތު ގޯސްވޭ،" ކުޅަދާނަ އެކްޓަރު ބުންޏެވެ.

ނަވާޒުއްދީން ޑިޕްރެޝަންގެ ވާހަކަ ދައްކާފައިވަނީ ބޮލީވުޑް ތަރި ސުޝާންތު ސިންގް ރާޖްޕޫތު މަރުވީ ޑިޕްރެޝަންގެ މައްސަލަތައް ބޮޑުވެގެން ކަމަށް ވާހަކަ ދެކެވޭ ވަގުތެއްގަ އެވެ.

ނަވާޒުއްދީން ބުނީ ޑިޕްރެޝަންގެ އަނދަވަޅަށް މީހާ ކުއްލިއަކަށް ވެއްޓެނީ ވަރަށް ބޮޑެތި ކާމިޔާބުތައް ހޯދުމުގެ ހުވަފެންތައް ދެކެން ފަށައި ހަށިގަނޑުގައި ހުރިނަމަ ހުރި ޖޯޝެއް ލައިގެން ކާމިޔާބު ހޯދަން މަސައްކަތް ކުރަނިކޮށް ދިމާވާ ހުރަސްތަކާ ހުރެ އެވެ.

"އަހަރެންގެ މިޒާޖުގައި ހުންނަ ގޮތުން އަހަރެންގެ އިހްސާސްތައް ހުންނަނީ މަޖޫރީއެއް ގޮތަށް. މަޖޫރީން ކުރާ ގޮތަށް މަސައްކަތް ކުރަނީ. މަޖޫރީއަކަށް ވުރެ އަހަރެން ބޮޑު ކަމަކަށް އަހަރެން ނުދެކެން. އެމީހުން ވެސް މަސައްކަތް ކުރަނީ އުޖޫރައަށް. އަހަރެން ވެސް މަސައްކަތް ކުރަނީ އުޖޫރައަށް. ބޮޑު ތަރިއަކަށް ވުމުގެ ހުވަފެނެއް އަހަރެން ނުދެކެން. އަހަރެންގެ ހުރިހާ ވެސް ވިސްނުމެއް ހުންނަނީ ފިލްމު އިންޑަސްޓްރީގައި ދެމި ހުރުމަށް ކުރާ މަސައްކަތަށް. ކޮންމެ ދުވަހެއްގެ ފުރާގު ލިބޭ ވަރު ކުރަން. ފާއިތުވީ 10 އަހަރު ވެސް ކަންތައް ކުރަމުން މިދަނީ ހަމަ އެގޮތަށް،" ނަވާޒުއްދީން ބުންޏެވެ.

ޑިޕްރެޝަންގެ މައްސަލަތައް އޭނާގެ އެންމެ ބޮޑުވީ މަސައްކަތެއް ނުލިބި ކާން ބޯން ވެސް ނުލިބޭ ހާލަތަށް ދިޔައިމަ އެވެ.

"އޭރު ވަރަށް ދުރުގައި ހުންނަ ރައްޓެއްސެއްގެ ގެޔަށް ހިނގާފައި ދަނީ ކާން ވެސް. އެގެއިން އޭނާ ދޭ އެތިކޮޅެއް ކާލައިގެން ހުންނަނީ. ހަގީގަތުގައި ޑިޕްރެޝަންގެ ސަބަބުން މާޔޫސްކަން ލިބެނީ ބޮޑެތި ހުވަފެންތައް ދެކެން ފެށީމަ،" ނަވާޒުއްދީނުގެ ތަޖުރިބާ ހިއްސާ ކުރަމުން އޭނާ ބުންޏެވެ.

ޑިޕްރެޝަންގެ މައްސަލަ އާ ހެދި ސިއްހަތު ވަރަށް ގޯސްވި އިރެއް ވެސް ދިޔަ ކަމަށް ނަވާޒުއްދީން ބުންޏެވެ. ބޮލުގައި ހުރި އިސްތަށިތައް ފައިބާ ގައިގައި ހަކަތަ ނެތް އިރެއް ވެސް ދިޔަ ކަމަށާއި އެންމެ ދެ ކިލޯ މީޓަރަށް ވެސް ހިނގާލުމުން ވެސް ވަރުބަލިވެގެން ގޮސް ހަލާކުވާ ވަރުވީ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ހީކުރީ އަހަރެން ދެން މި މަރުވަނީ އޭ. ބޮޑަށް ސިއްހަތު ގޯސްވީ ކެއުން މަދުވެގެން. އެހެންވެ ގޭގައި ހުރުމުގެ ބަދަލުގައި އަހަރެން ބެލީ ވީހާވެސް ބޭރު ތެރޭގައި މީހުން ފެންނަ ހިސާބުގައި އުޅުމަށް. ސަބަބަކީ އަހަންނަށް އިތުރަށް ދުނިޔޭގައި ހުރެވޭނީ ކިހާ ދުވަހެއް ކަން ޔަގީން ނުވާތީ،" ނަވާޒުއްދީން ބުންޏެވެ.