ބޮލީވުޑް

މަންމަ އާއި އަންހެނުންގެ އަރާރުމުން ނަވާޒުއްދީނުގެ ގަނޑުވަރު ނާމާންވެފައި

އެކްޓަރު ނަވާޒުއްދީން ސިއްދީގީ މުމްބައިގައި އޭނާގެ ހުވަފެނީ ތާޖް މަހައްލު ބިނާ ކުރި އެވެ. ހުދު ކުލައިގެ ސަންގުމަރުމަރުން އޭނާ ބިނާކުރި މި ރީތި ގަނޑުވަރުގެ ކޮންމެ ގަލަކީ އޭނާ ދާ އޮހޮރުވައިގެން ކޮށްފައިވާ ބުރަ މަސައްކަތުން ހޯދާފައިވާ އެއްޗިއްސެވެ. އެ ގެ ފުރިހަމަކޮށް ނިމުނުއިރު އެތަން ހީވަނީ ހަމަ ހަގީގަތުގައި ވެސް ތާޖް މަހައްލު ހެންނެވެ. އެ ގެ އާމެދު ނަވާޒުއްދީން ވަރަށް ފަޚުރުވެރިވެ އެވެ.

ނިދާ ކޮޓަރީގެ ހަ ކޮޓަރިއާއި، ބޮޑު ދެ ހޯލް، ވަރަށް ތަނަވަސްކޮށް މި ގޭގައި ހުރެ އެވެ. ގޭގެ ފުރަތަމަ ބުރި ނަވާޒުއްދީން ޚާއްސަ ކޮށްފައިވަނީ ގަސް ހެއްދުމަށެވެ.

އޭނާގެ ހުވަފެނީ މި ޕްރޮޖެކްޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނަވާޒުއްދީން ބުނީ މި ގޭގެ ޗާޓު ކުރެހުމުން ފެށިގެން ގޭގެ ކޮންމެ އަކަ އިންޗިއެއް ވެސް ފުރިހަމަކުރީ އޭނާގެ ޚިޔާލަށް އޭނާގެ ފައިސާ އިންނެވެ.

އެ ގޭގެ އެންމެ ކުޑަ ތަންކޮޅެއް ވެސް އޭނާ ބޭނުން ނޫން ގޮތަކަށް ހަދާފައެއް ނުވެ އެވެ. އޭނާ ނެތް ވަގުތެއްގައި އޭނާ ހިތްހަމަނުޖެހޭ ގޮތަކަށް ތަނެއް ހަދާފައި ހުއްޓަސް އޭނާއަށް އެތަނެއް ފެނުމާއެކު އެތަން ތަޅާލައި އަލުން ހައްދާފައިވާނެ ކަމަށް ވެސް ނަވާޒުއްދީން ބުންޏެވެ. އަދި އޭނާ ނެތް ވަގުތުތަކުގައި އޭނާގެ ބޭބެ ގޭގެ ހުރިހާ ކަމެއް ބަލަހައްޓަމުންދިޔަ ކަންވެސް ނަވާޒުއްދީން ފާހަގަކުރި އެވެ.

ނަވާޒުއްދީނުގެ މި ގެ ރީތިކަމުން ޝާހް ރުކް ޚާންގެ "މަންނަތު"އާ މިގެއާ އަޅާ ކިޔަ އެވެ. ނަމަވެސް މަންނަތު އަކީ ޝާހް ރުކްގެ ހުވަފެނީ ގެ ކަމަށާއި މިއީ އޭނާގެ ހުވަފެނީ ގެ ކަމުން ދެ ގެ އަޅާ ނުކިޔަން ނަވާޒުއްދީން އެދެ އެވެ.

އެކަމަކު ނަވާޒުއްދީނުގެ މި ރީތި ގަނޑުވަރު މިހާރު ވަނީ ނާމާންކަމުން ފުރިފަ އެވެ. އެ ގޭގައި އުޅެން ބޭނުން ނުވެގެން ޚުދު ނަވާޒުއްދީން ވެސް މިހާރު ވަނީ ހޮޓަލެއްގައި ދިރިއުޅެން ފަށާފަ އެވެ.

މި ގެ ނާމާންވީ އެ ގެއަށް ޖިންނި ފުރޭތައިގެ އުނދަގުލެއް ދިމާވެގެނެއް ނޫނެވެ. ނަވާޒުއްދީނުގެ މަންމަ އާއި އަންހެނުން މި ގެއާއި މުދަލާ ހެދި ކުރާ ހަނގުރާމައިގެ ސަބަބުންނެވެ.

ނަވާޒުއްދީންގެ އަންހެނުން އާލިޔާ އާއި އޭނާގެ ދަރިން އެ ގޭގެ ކޮޓަރިތަކަށް ވަނަ ނުދީ ކޮޓަރިތަކުގައި ބޮޑުތަޅު އަޅުވައިގެން އުޅެނީ ނަވާޒުއްދީނުގެ މަންމަ އެވެ. އެހެންވެ އާލިޔާ އޭނާގެ ކުދިން ގޮވައިގެން ނިދާ ހަދަނީ ލިވިން ރޫމް ސޯފާތަކުގަ އެވެ.

ނަވާޒުއްދީނުގެ ރީތި ގޭގެ ތެރޭގައި މިހާރު އެންމެ ގިނައިން އުޅޭތީ ފެންނަނީ ފުލުހުންނާއި ގާނޫނީ ވަކީލުންނެވެ.

މަންމަ އާއި އަންހެނުންގެ އަރާރުން ހައްލުކުރުމަށެވެ. އެކަމާ ބޮލަށް ތުރާވެގެން ގޮސް ނަވާޒުއްދީން އެއްގޮތަކަށް ވެސް އެ ގެއަކަށް ނުވަދެ އެވެ. މަންމަ އާއި އަންހެނުން ކުރެ އޭނާ އަރަންވީ ކާކުގެ ކޮޅަކަށް ކަމެއް ނަވާޒުއްދީނަކަށް ނުނިންމުނެވެ. އޭނާ ކޮންމެ އެއްޗެކޭ ބުންޏަސް އެއީ ކޮންމެވެސް އެކަކު ހިތްހަމަނުޖެހޭ އެއްޗަކަށް ވާނެތީ އޭނާ ހުރީ ހައްޕު ކިޔައިގެންނެވެ.

ކޮންމެ ގޮތެއް ވިޔަސް ކޮންމެވެސް އެކަކަށް މިފަހަރު އޭނާ ގޯސްވާނެކަން ނަވާޒުއްދީނަށް ޔަގީންވެ އެވެ. އެހެންވެ އަމިއްލަ ޒިންމާތަކުން ރެކިގެން އޭނާ ކަންތައްތައް ވާގޮތް ބަލަން މި ވަގުތު އަދި ހުރީ އެވެ. ނަވާޒުއްދީން ބޭނުންވަނީ އޭނާގެ ގާނޫނީ ވަކީލުން މި މައްސަލަ ހައްލުކޮށްދޭށެވެ.