ދަރިވަރުންނާއި ސްކޫލްތަކުގެ މުވައްޒަފުން ބޭނުން ކުރަން ޖެހޭނީ އެއްވެސް ފަރުމާ އެއް ނެތް (ޕްލެއިން) ފޮތި މާސްކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސްކޫލްތައް އަލުން ހުޅުވާލާއިރު، ސްކޫލްތަކަށް ވަދެނިކުމެވާއިރު މާސްކު އަޅަން ޖެހެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާސްކުގެ ގޮތުގައި ސާޖިކަލް ނުވަތަ ފޮތި މާސްކުވެސް ބޭނުންކުރެެވޭނެ ކަމަށް ބުނެފަ އެވެ. އަދި، ފޮތި މާސްކު ބޭނުންކުރާނަމަ ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އެގޮތުން، މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ ނޭވާލާން ފަސޭހަ ފޮއްޗަކަށް ވާންޖެހެ އެވެ. މާސްކުގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެން ނުފާއްދާ ފޮއްޗަކުން އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވެ، ބަންދުވާނެހެން ކަމަށާއި ބޭނުންކުރާ މާސްކަކީ ބާރު ނުވަތަ ދޫވެގެން އަބަދު އަބަދު އަތްލާ ރަނގަޅު ކުރަންޖެހޭ ފަދަ މާސްކަކަށްވެގެން ނުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މާސްކުތަކަކީ ތިން ފަށަލައިގެ އެއްވެސް ޑިޒައިނެތް ނެތް ޕްލެއިން މާސްކުތަކެއް ކަމުގައި ވާން ޖެހޭ ކަމަށް އެޑިއުކޭޝަނުން ވަނީ އަންގާފަ އެވެ.
"ދަރިވަރުންނާއި ސްކޫލްތަކުގެ މުވައްޒަފުންވެސް ބޭނުން ކުރަންވާނީ އެއްވެސް ފަރުމާއެއް ނެތް (ޕްލެއިން) ފޮތިން ފަހާފައިވާ މާސްކު" މިނިސްޓްރީގެ ޓްވީޓުގައި ބުނެފައި ވެ އެވެ.
ސްކޫލްތައް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވަނީ އެކި ސްކޫލްތަކުގެ ލޯގޯ ޖަހައިގެން މާސްކު ވިއްކަން ފަށާފަ އެވެ. މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމަކީވެސް ހުއްދަ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.
ނިއުނޯމަލްގައި ކިޔަވައިދޭން ތައްޔާރުވަމުންދާ އިރު، އަންނަ މަހުގެ އެކަކުން ފެށިގެން ބަލި ނެތްރަށްރަށުގެ ސްކޫލްތައް ހުޅުވަން ވަނީ ސަރުކާރުން ނިންމާފަ އެވެ. މާލެ ސިޓީގައި ކިޔަވައިދޭނީ ގްރޭޑް ނުވަ އަކުން މައްޗަށެވެ.