ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ ފަހުގެ ތާރީހުގައި ސިޔާސީ ގޮތުން ރާއްޖެ ދުށް އެންމެ ހަލަބޮލި ދުވަސްތަކުގައި ވެރިކަން ކުރެއްވި ރައީސެވެ. އެހެން ހުރިހާ ބޭފުޅުންނާ ވަރަށް ތަފާތު ރައީސެކެވެ. ފެބުރުއަރީ 7، 2012 ގައި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ކަމުގެ މަގާމަށް ވަހީދު ވަޑައިގެންނެވީ ނަޝީދުގެ ނާއިބަކަށް ހުންނެވުމަށް ފަހު ޑިފޯލްޓްގަ އެވެ.
ގިނަ ޕާޓީ ބައިވެރިވެގެން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބަކަށް ފަހު އައި ވެރިކަން ބަދަލުވެގެން ދިޔަ ގޮތާމެދު ރައީސް ނަޝީދާއި އެމްޑީޕީން އުފެއްދި ސުވާލާއެކު ފެބުރުއަރީ 8، 2012 އިގައި އެމްޑީޕީގެ ރީނދޫ ލަޝްކަރު ނުކުމެ މަގުތައް ފުރާލި އެވެ. ދުވަހަކުވެސް އޮބިގެން ނުދާނެ ހަމަނުޖެހުންތަކަކާއި ގެއްލުންތައް ލިބުނެވެ. މީހުނަށް އަނިޔާވެ، އަނިޔާ ކުރި އެވެ. ދައުލަތުގެ އެތައް ތަނެއްގައި ހުޅުޖައި އަންދާލި އެވެ. އެ ދުވަހުން ފެށިގެން ރައީސް ވަހީދުގެ ވެރިކަން ނިމެންދެން އެމްޑީޕީ އޮތީ މަގުމަތީގަ އެވެ. މުޒާހަރާ ކުރުމާއި، ރައީސް ވަހީދާ ދެކޮޅަށް އަޑު އުފުލުމުގަ އެވެ.
އެ އަޑުތައް މަޑުވެ މަގުމަތީގެ ސިޔާސީ ހަރަކާތް ހުއްޓާލީ 2013 އިގެ ރިޔާސީ އިންތިހާބާއެކުގަ އެވެ. އޭގެ ފަހުން ވަރުގަދަ ތަފާތު ވެރިކަމެއްގެ ގޮތުގައި ރައީސް އަބްުދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިމިގެން ހިނގައްޖެ އެވެ.
މިހާރު އަނެއްކާ ވެސް މިއޮތީ އެމްޑީޕީގެ ވެރި ކަމެކެވެ. ވެރިކަމުގައި ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ނަޝީދު މިހާރު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިކޮޅުގަ އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރާއެކު އަނެއްކާ ވެސް 2012 އިގެ ސިޔާސީ ހިތި ހަނދާންތަކުގެ ސޮފުހާތައް ދޭތެރެ ދޭތެއިން ނިއުޅައި ރައީސް ވަހީދުގެ ވެރިކަމުގެ ވާހަކަތައް ދެކެވެ އެވެ. އެ ސުރުހީތައް އައި ނަމަވެސް 2013 އަށް ފަހު ރައީސް ވަހީދު ގިނައިން އުޅުއްވީ "އައިސްލާ ގޮސްލާ" އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ރާއްޖެއިން ބޭރުގައި އަދި ސިޔާސީ ކަންކަމާ މުޅީން ދުރުގަ އެވެ.
ނަމެސް އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ ކޭމްޕް ޖަހައި ރައީސް ވަހީދާމެދު އެންމެ ބޮޑަށް "ބޭއިންސާފު" ވެވުނު އުސްފަސްގަނޑު މަތީން އައި ހާދިސާއަކާއެކު އަނެއްކާވެސް ސިޔާސީ މަންޒަރުގެ ތެރެއިން ރައީސް ވަހީދު ފާޅުވެއްޖެ އެވެ. އަލުން ރައީސް ވަހީދާއި ފެބުރުއަރީ 7 ގެ އަޑު ގަދަވެއްޖެ އެވެ. އެމްޑީޕީ ތެދުވެ ވަހީދާ ދެކޮޅަށް ސިޔާސީ ހަމަލާ ދޭން ފަށައިފި އެވެ. މަޖިލީހަށް ކުއްލި މައްސަލަތައް ވަދެ، އެ މަނިކުފާނު ހައްޔަރު ކުރާ ހިސާބަށް ވާހަކަ ގެންގޮސްފި އެވެ. ވެރިކަން ބަދަލުވީ ގޮތް އަލުން ބަލާށާއި ރައީސެއްގެ އިނާޔަތް ކަނޑާލައި އެ ލަގަބު ވެސް އަތުލާ ވާހަކަ ދައްކައިފި އެވެ.
ރައީސް ވަހީދާއެކު "ސިޔާސީ ތަވާ" ހޫނުވެ ދުން އަރައަރާ އޮއްވާ ކުއްލިއަކަށް ރޭ އައި ހަބަރަކީ ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްގެ އިސް އެޑްވައިޒަރެއްގެ ގޮތުގައި ރައީސް ވަހީދު ހަމަޖެއްސެވި ވާހަކަ އެވެ. ކުއްލި ރަސްމިއްޔާތެއް ބާއްވާފައި މިކަން އިއުލާން ވެއްޖެ އެވެ. އަދި އެ ރަސްމިއްޔާތުގައި ރައީސް ވަހީދު ވަނީ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ނޫސްވެރިން ކުރިމަތި ކުރުވި ވަރަށް ގިނަ ސުވާލުތަކަށް ވަހީދު ވަނީ ޖަވާބު ދެއްވާފަ އެވެ.
ތަސައްވުރަކާއެކު އެޑްވައިޒަރަކަށް
ރައީސް ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމު ގަބޫލުފުޅު ކުރެއްވީ ތަސައްވުރަކާއެކު އެވެ. އެ ތަސައްވުރަކީ ވަރުގަދަ ހަރަކާތްތެރި ސިޔާސީ ޕާޓީތަކެއް ރާއްޖޭގައި އޮތުމެވެ. އަދި އޭގެ ނަމޫނާ ޕާޓީއަކަށް ޕީޕީއެމް ހެދުމެވެ.
"އަޅުގަނޑުގެ ތަސައްވުރަކީ މި ޕާޓީއަކީ މިއީ އެންމެ ނިކަމެތި މީހާގެ ވެސް ހާލު ބަލާ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ދެމި އޮތުން. އަދި ރައްޔިތުންނާއި އަޅުގަނޑުމެންނާ [ޕީޕީއެމް] އާ ދެމެދު އޮތް ގުޅުން ވަރުގަދަވުނު" ރައީސް ވަހީދު ވިދާޅުވި އެވެ.
ދުރުގައި ހުންނެވި ނަމަވެސް ރައީސް ވަހީދުގެ ވެރިކަން ނިމުމާ ހަމައިން އެ މަނިކުފާނަކީ ޕީޕީއެމްގެ މެންބަރެކެވެ. އަދި ރައީސް ޔާމީން އިތުބާރު ކުރައްވާ ކައިރި ރަހުމަތްތެރި އެކެވެ. ސިޔާސީ ރާޅުގައި ހަލުވަ ހަލުވާ އޮތް ރައީސް ވަހީދުގެ ސަރުކާރަށް ލިބުނު "ކަނޑުގަދަ ދައުރު" ފުރިހަމަ ކުރެވުނީ ރައީސް ޔާމީން ދެއްވި ސިޔާސީ އެހީތެރި ކަމާއެކު އެވެ. އަދި މިހާރު މަގުބޫލް ސިޔާސީ ލީޑަރަކަށް ވެ ވަޑައިގެންނެވި ނަމަވެސް މާ ބޮޑު މަގުބޫލު ކަމެއް ނެތި ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް ވަހީދު ވެސް ވެވަޑައިގެންނެވީ ސިޔާސީ ވަރަށް ބޮޑު ގުރުބާނީއެއްގެ ތެރެއިންލައިގެނެވެ.
ރައީސް ވަހީދު ރޭ ވިދާޅުވި ގޮތުގައި އެ މަނިކުފާނު އެންމެ އިސްކަން ދެއްވާނީ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވާށެވެ. އެ މަނިކުފާނު މިނިވަން ކުރާށެވެ. އެމަނިކުފާނުގެ ނަޒަރުގައި ރައީސް ޔާމީންގެ މައްޗަށް ހިންގުނީ ބޭއިންސާފު ޝަރީއަތެކެވެ. ބައިނަލް އަގުވާމީ ދުނިޔޭގައި ތަޖުރިބާ ބޮޑު، އަދި ވަރަށް މަގުބޫލު ބޭފުޅެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ވަހީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް އިންސާފު ހޯއްދަވައި ދެއްވަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވަން ދުނިޔޭގެ ތެރެއަށް އެމަނިކުފާނު ނުކުންނަވާނެ އެވެ.
ރިޔާސީ ޓިކެޓް ދީފިނަމަ ވިސްނަވާނެ
ރައީސް ޔާމީން ނެތް ހާލަތެއްގައި އިދިކޮޅުން ނުކުންނާނެ ރިޔާސީ ކެންޑިޑޭޓަކަށްވެ ވަޑައިގަތުމަށް ވަރަށް ގިނަ ބޭފުޅުން މިހާރު ވެސް ތިއްބެވީ ބޭނުންފުޅު ވެފަ އެވެ. "ޕްރެޒިޑެންޝަލް މެޓީރިއަލް" ފުރިހަމަ ބޭފުޅެއްގެ ގޮތުގައި އެއްވެސް ބޭފުޅަކަށް ސަމާލުކަން ހޯއްދެވި ނެތް ނަމަވެސް އެކަމަށް ބަލަބަލާ ތިއްބެވި ބޭފުޅުންގެ ލިސްޓު ކުރެއް ނޫނެވެ.
ރައީސް ޔާމީނާ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން އުފެއްދި ޕީޕީއެމާއި އަދި އެ ޕާޓީއާ އެއްބަފާ ކޮންގްރެސް ޕާޓީގެ ތެރެ އާއި ދެ ޕާޓީން ބޭރުގައި ވެސް އިދިކޮޅުގެ ރިޔާސީ ޓިކެޓަށް ބޫޓު އޮފް ކުރައްވައިގެން ތިއްބެވި ބޭފުޅުން އެބަތިއްބެވި އެވެ.
ނަމަވެސް ރައީސް ޔާމީންގެ ވަދާއި ވަސިއްޔަތުގައި އެނބުރި މަނިކުފާނަށް ވަޑައިގެންނެވެންދެން "މިނިިކާ ބާޒަކަށް" ޕާޓީން ފުރުސަތު ނުދޭން އެދި ވަޑައިގެންފައި ވަނިކޮށް މި ފެނުނު ބަދަލާއެކު އެންމެ ގިނަ މީހުންގެ ސުވާލަކީ މި ބަދަލުގެ ސަބަބެވެ. އަދި ސަބަބު ގުޅުވާލަނީ "މިނިކާ ބާޒާ" އެވެ.
ޕީޕީއެމްގެ ބާރު ގަދަ މަގާމަކަށް ރައީސް ވަހީދު ވަޑައިގެންނެވީ ރިޔާސީ ޓިކެޓްގެ ބޭނުމުގައި ކަމަށް ބައެއް ފަރާތްތަކުން ރެއިން ފެށިގެން ނިންމައިފި އެވެ. އެކަމާ ގުޅޭގޮތުން ރޭ އެ މަނިކުފާނަށް ސުވާލެއް ވެސް ކުރިމަތި ކުރެވުނެވެ. ރައީސް ވަހީދު ޖަވާބު ވެސް ދެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި 2023 އޮތީ އަދި ވަރަށް ދުރުގަ އެވެ. ފޯކަސް އޮތީ ރައީސް ޔާމީން މިނިވަން ކުރުމާއެކު ޕީޕީއެމް ހަރުދަނާ ކުރާށެވެ. ޕާޓީގެ ތެރޭގައި ޑިމޮކްރަސީ ވަރުގަދަ ކުރާށެވެ. އަދި 2023 ގައި ޕީޕީއެމްގެ ސަރުކާރެއް އުފެއްދާށެވެ.
ރޭގެ ކުއްލިސިޔާސީ ހަރަކާތާއި ރައީސް ވަހީދަށް އަމާޒު ކުރެވުނު ސުވާލުތަކުގެ ޖަވާބުގެ ޖުމްލަތައް ގުޅުވާލައި ވަށާޖައްސާފައިވާ ގޮތަށާއި ރޭ ރައީސް ވަހީދާއެކު ޕީޕީއެމްގެ ލީޑަޝިޕް އެތުރިފައިވާ ގޮތާއި އެ ބޭބޭފުޅުންގެ މޫނު މަތީގައި ހުރި ހިނުތުމަށް ބަލާއިރު ފެނުނީ ރައީސް ވަހީދަކީ ރައީސް ޔާމީން ބޭނުންފުޅު ވެގެން ޕްރޮގްރެސިވް ކޯލިޝަންގެ ކޮށީގެ ތެރެއަށް ވެއްދި "ބާޒެއް" ގެ ގޮތުގަ އެވެ.
ރައީސް ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަކަށް އެމަނިކުފާނު ނުވިސްނަވަ އެވެ. ދެން އޮތީ އެފަދަ ފުރުސަތެއް ލިބިއްޖެނަމަ ނުވަތަ ޕާޓީން ހުށައަޅައިފިނަމަ ހަދާނީ ކިހިނެތްތޯ އާންމު މީހާ ކުރާނެ ސުވާލެވެ.
ސިޔާސީ ސަމާސާގެ ތެރޭގައި ރޭ ވަހީދު ވިދާޅުވި ގޮތުގައި އެފަދަ މަރުހަލާއަކަށް ދަތުރު ކުރާން ޖެހިއްޖެ ނަމަ އެހިސާބަކުން އެކަމާ ވިސްނަވާނެ އެވެ. އެކަމަކު އެއީ ސަމާސާއަކަށް ވުރެ ސީރިއަސް ކަމެއް ގޮތުގައި ފޯކަސް ކުރައްވާ ސިޔާސީ ބޭފުޅުން ވެސް އާންމުން ވެސް ތިބޭނެ އެވެ.
ރައީސް ޔާމީންގެ "ބާޒު ވަސިއްޔަތް" އައީ ޖަލު ހުކުމް އިއްވުމުގެ އެއް ދުވަސް ކުރިންނެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު 207 ދުވަސްވީ އެވެ:
"އަޅުގަނޑު ނެތޭ ކިޔާފަ އަޅުގަނޑުމެންގެ ޕާޓީ [ޕީޕީއެމް] ގެ މައްޗައް މިނިކާ ބާޒުތަކެއް ސަވާރުވިޔަ ނުދެއްވާތި، އެއީ ޖާގަ ދީގެން ވާނެ ކަމެއް ނޫން!"
ރައީސް ޔާމީން އެ ވިދާޅުވިފަދަ ބޭފުޅަކަށް ރައީސް ވަހީދު ވެވަޑައިނުގެންނެވީ ހެއްޔެވެ؟ ވަހީދު "މިނިކާ ބާޒަކަށް" ނުވަނީ ހެއްޔެވެ؟ މި ނިންމުން އައީ ކިހިނެތް ކޮން ބޭނުމެއްގައި ބާއްވައެވެ؟
އިދިކޮޅު ލީޑުކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ރައީސް ވަހީދު، ޕީޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖެއްސެވުމަކީ ރައީސް ޔާމީންގެ ނިންމެވުމެކެވެ. އަދި އެއީ ރައީސް ވަހީދު ވެސް ބޭފުޅުންވެވަޑައިގަންނަވާ ގޮތެކެވެ. "ބޭރޫތުގެ އެމެރިކަން ޔުނިވާސިޓީގެ ދެ ދަރިވަރުން" މެދުގައި ސިޔާސީ ގޮތުން "ރަނގަޅު އަންޑަސްޓޭޑިން" އެއް އެބައޮތެވެ.
ވަހީދު، ޕީޕީއެމްގެ އިސް މަގާމަކަށް ވަޑައިގެންނެވި އިރު މިދިޔަ ދުއިސައްތައެއްހާ ދުވަހު އިދިކޮޅު އޮތީ 100 ޕަސެންޓް ރައީސް ޔާމީންގެ ވިސްނުންފުޅަށް ބޭނުންފުުޅުވެ ވަޑައިގަންނަވާ ގޮތަށެވެ. އެއްވެސް ކަމެއް އެމަނިކުފާނުގެ ނިންމެވުމާ ހިލާފަކަށް ނުދެ އެވެ. އެހެން ކަމުން އިދިކޮޅު ކޯލިޝަންގެ ހަފޮޅު ތެރެއަށް ރައީސް ވަހީދު އެތެރެ ކޮށްލުމަކީ ރައީސް ޔާމީން ސިޔާސީ ގޮތުން ހަޔަކަށް، ދުރަށް ޖެއްސެވި ބޯޅައެއް ކަމަށް ބެލެވޭނެ ފުރުސަތު އެބައޮތެވެ.
ޕީޕީއެެމްގެ ލީޑާޝިޕަށް ޝައުގުވެރިވެވަޑައިގަންނަވާ އަދި ޕާޓީގެ އެތެރޭގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ރައީސް ޔާމީނަށް ޗެލެންޖަކަށްވާ އެއްވެސް ބޭފުޅަކަށް އިދިކޮޅުން ފުރުސަތު ނުދެއްވާނެ އެވެ. ވަހީދަށް ފުރުސަތު ދެއްވީ އެކަމުގެ ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށް އޭނާ ދެކެ ވަޑައިގަންނަވަ އެވެ.
"ރައީސް ޔާމީން ސާފު ކޮށްދީފައި އޮވޭ ދެ ޕާޓީގެ [ޕީޕީއެމާއި ޕީއެންސީ] އިސް ވެެރިންނަށް އެމަނިކުފާނު އެ ވިދާޅުވާ 'މިނިކާ ބާޒު' ތަކަކީ ކޮބައިކަން! އެފަދަ އެއްވެސް މެންބަރެއްގެ މެންބާޝިޕް ފޯމްވެސް ޕާޓީއަށް ބަލައިގަތުން ވެސް އޮތީ މަނާކޮށްފައި. އެހެންވީމަ ޕީޕީއެމާއި ޕީއެންސީ އެ ހިނގަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް. ހަގީގަތަކީ ރައީސް ޔާމީނަށް ކުޑަވެސް ޗެލެންޖެއް ދޭނެ ބޭފުޅަކު ޕާޓީގެ އިސްސަފަށް ކީއްކުރަން ޕާޓީގެ މެންބަރަކަށް ވެސް ނުހައްދަވާނެ،" އޭނާ ވިދާޅުވި އެވެ.
ބައެއް މީހުންގެ ނަޒަރުގައި ރައީސް ވަހީދު ވަޑައިގެންނެވީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް "ޕްރޮގްރެސިވް އިންޖީނު" ހިންގާށެވެ. އަދި ބައެއް އެން ބޭފުޅުންގެ ނަޒަރުގައި ރައީސް ވަހީދު ޕީޕީއެމްގެ ތެރެއަށް ގެނައުމުގައި އެހެން ސަބަބުތަކެއް ވެއެވެ. އެއީ 2023 ގައި ޕީޕީއެމްގެ ސަރުކާރެއް އުފެދެން އޮތް އެއްވެސް ފުރުސަތު ގެއްލޭނެ މަގުތައް ބަންދު ކުރުމެވެ.
އެމްޑީޕީއާއި ޕީޕީއެމްގެ އިތުުރުން ތިންވަނަ ފިކުރެެއް، ރިޔާސީ އިންތިހާބުގެ ކުރިން އުފެދި ބޮޑު ކުރެވިއްޖަ ނަމަ އެ ފިކުރެއް ވަރުގަދަ ވުމުގެ ފުރުސަތު ހަނި ނަމަވެސް އެބަ އޮތެވެ. އޭރުން މިހާރުގެ ސަރުކާރުން ބަޔަކާއި އިދިކޮޅުން ބައެއް އެ ފިކުރުގެ ތެރެއަށް ޖަމާވާނެ އެވެ. އަދި އޭރަށް ރީނދުލާއި ފިޔާތޮއްޓަށްވުރެ ތިންވަނަ ކުލައެއްގެ ބާރު ގަދަވާން ޗާންސެއް ލިބޭނެ އެވެ. ވަރަށް ހަނި ޗާންސަކުން އިންތިހާބެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ތަނަވަސް ވެދާނެ އެވެ. "މެތަމެޓިކަލް ޗާންސް" ގެ އެ ހިސާބު ޖަހާ "މިޑްލް ރޭންޖް ޕޮލިޓީޝަނުން" އެބަތިއްބެވި އެވެ. އެހެން ކަމުން ރައީސް ޔާމީން. ވަހީދު ހޯއްދެވީ އެމްޑީޕީ އާއި ޕީޕީއެމާ ދެމެދަށް އަތުވެދާނެ އެހެން ބާރެއް އުފެދުނަ ނުދޭން އުސް ފާރެއް ރޭނުމުގެ ބޭނުންފުޅުގަ އެވެ.
ނަމަވެސް ބައެއް އެހެން ބޭފުޅުންގެ ނަޒަރުގައި ރައީސް ޔާމީނާ ގާތަށް ރައީސް ވަހީދު ގެންނެވި ނަމަވެސް ތިންވަނަ ފިކުރެއްގެ ޗާންސް ބަންދުވެގެން ނުދާނެ އެވެ. އެ ފަދަ ބޭފުޅުންގެ ނަޒަރުުގައި ތިންވަނަ ފިކުރެއް އުފެދޭއިރު އޭގެ ތެރޭގައި ރައީސް ވަހީދު ހުންނެވުން މުހިންމެއް ވެސް ނޫނެވެ. އަދި އެ ފިކުރުގެ ތެރޭގައި ރައީސް ވަހީދު ނުހުންނަވާ ޕީޕީއެމާ ގުޅުމަކީ އެ ފިކުރު އިތުރަށް ވަރުގަދަވެ ބައެއް އާންމުންގެ ތާއީދު އެ ފިކުރަށް ހޯދަން ފަސޭހަވާނެ ސަބަބަކަށް ވާނެ އެވެ.
"މިހާރުވެސް ސިޔާސީ ޗާޓް ކުރެހެމުން މިދާ ގޮތުން އެބަ އިނގޭ، ތިންވަނަ ފިކުރެއްގެ ތެރެއިން ފެންނާނީ ކޮންކޮން ބޭފުޅުންނެތްކަން. އެ ލިސްޓްގައި ރައީސް ވަހީދުގެ ނަމެއް ނެތް. އަދި އެމަނިކުފާނުގެ ތިންވަނަ ފިކުރާއެކު ހުންނެވުން ވެސް އަޅުގަނޑުގެ ނަަޒަރުގައި މާ މުހިންމެއް ވެސް ނޫން. އެހެންވީމަ ޕީޕީއެމުން އެ އެޅީ އާ ފިކުރު އުފެއްދުމަށް ހުރަސް ކަމަށް ދެކޭނަމަ އެއީ ކުށްހީއެއް،" އިދިކޮޅުގައި ހިސާބަޖަށް ފެއަށް ޖެހިވަޑައިގެން ހުންނެވި ލީޑަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ރައީސް ވަހީދާއެކު އިދިކޮޅުގެ މަސައްކަތްތައް ވަރަށް ތަރުތީބުވެފައި ވަރުގަދަ ވާނެ އެވެ. ހާއްސަކޮށް ރައީސް ވަހީދުގެ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ރައީސް ވަހީދުގެ ރޭވުންތެރިކަމާއެކު ބޭރު ދުނިޔޭގައި އެ ޕާޓީގެ މަސައްކަތްތައް ވަރަށް ބޮޑަށް ފުޅާވާނެ އެވެ.
ރައީސް ވަހީދަކީ ބޭރު ދުނިޔެ ދަންނަ ވަރަށް ފަރިތަ މަގުބޫލް ބޭފުޅެކެވެ. ގިނަ ގައުމުތަކުގެ އެންމެ އިސް ލީޑަރުންނާއި ގުޅުން ރަނގަޅު ބޭފުޅެއްވެސް މެއެވެ. ގާތްގަނޑަކަށް 16 އަހަރު އދ. ގެ އެކި މަގާމުތައް ފުރުއްވާފައިވާ ރައީސް ވަހީދަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި ބޭރުގެ ތަޖުރިބާ އެންމެ ބޮޑު ސިޔާސީ ލީޑަރެވެ. އެހެން ކަމުން ރައީސް ވަހީދާއެކު ޕީޕީއެމްގެ އަޑު ބޭރު ދުނިޔޭގައި ގަދަވުމަކީ ޝައްކު އޮތް ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން އިދިކޮޅުން ކުރަމުންދާ މަސައްކަތް ވަރުގަދަ ވެގެން ދާނެ ވެސް މެ އެވެ.
އަނެއްކޮޅުން ރައީސް ވަހީދު ރޭ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އިސް މަގާމަކާއެކު ހަރަކާތްތެރި ދައުރަކަށް ވަޑައިގެންނެވީ ޖެހިލުންވެ ވަޑައި ނުގެން މަސައްކަތްތަކެއް ކުރެއްވުމަށެވެ.
"އަޅުގަނޑަކީ ވަރަށް ބާރަށް ހިނގާ މީހެއް. އަދިވެސް އިރާދަކުރެއްވިޔާ މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ މަގުމައްޗަށް ވެސް ނުކުންނާން،"