ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިއަށް އޮތީ ދަތި ހަ މަސް: ރައީސް

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަ މަސް ދުވަސް ގެއްލިފައިވާ ކަމަށާ ކުރިއަށް އޮތީވެސް ދަތި ދުވަސްތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ދުވަސްތަކެއް ގެއްލިފައިވާ ކަމަށާ އެކަމުގެ ސަބަބުން އިގްތިސާދީ އެތައް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ދިރިއުޅުމަށްވެސް ބަދަލުތައް އައިސްފައިވާ ކަމަށާ މިއީ ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިވާންވީ ވަގުތު ކަމަށެވެ.

މިހާތަނަށްވެސް ސަރުކާރުން މަސައްކަތްކޮށްފައިވާނީ ރައްޔިތުންނަށް ވެދެވެން އޮތް އެހީތެރިކަމެއް ދިނުމަށް ކަމަށާ ނަމަވެސް ދައުލަތުގެ ބަޖެޓް ހުރިހާ ކަމެއް ކުރުމަށް ތަންނުދޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާތަނަށް 20،973 މީހެއްގެ ލޯން ފަސްކޮށްދިނުމަށް އެދިފައިވާ ކަމަށާ އެއީ 16 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 13 ބިލިއަން ރުފިޔާގެ ލޯން މިހާރު ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

244 ވިޔަފާރިއަކަށް މިހާތަނަށް ބޭންކްތަކުން ލޯން ދޫކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން 238 މީހަކަށް ލޯން ދޫކޮށްފައިވާވެސް ވިދާޅުވިއެވެ. އެއީ ހަތް މިލިއަން ރުފިޔާއެވެ.

ރައީސް ވިދާޅުވީ މިއީ އެކަށީގެންވާ އަދަދެއް ނޫން ނަމަވެސް އެހީތެރިވެ ދެމުންދަނީ ބަޖެޓް ތަންދޭ މިންވަރަކުން ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ އެހީދޭ ގައުމުތަކާއި ޖަމާއަތްތަކުން ފައިސާ ހޯދާ އާންމު ހާލަތަށް ވީހާވެސް އަވަހަށް ގައުމު ގެންދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެކަން ކުރެވޭނީ 900 މިލިއަނާ 1 ބިލިއަން ޑޮލަރުގެ ފައިސާ މާލިއްޔަތުގެ ތެރެއަށް ވަދެގެން ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަ މަސްދުވަހަކީ ދަތި ދުވަސްތަކަކަށްވާނެ ކަމަށާ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ތިއްބެވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ބަލިމަޑުކަމުން މުޅިން އަރައިގަނެ އާންމު ދިރިއުޅުމަށް ދިއުމަށް ކުރިއަަށް އޮތް ދުވަސްތަކުގައިވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.