ކުޅިވަރު

ކޭންގެ ގޯލުން ސްޕާސް ޔޫރަޕްގެ އުންމީދު އާކޮށްފި

ހެރީ ކޭން، ކާމިޔާބު ކުރި ފުރަތަމަ ލަނޑާއެކު ވެސްޓްހަމް ޔުނައިޓަޑްގެ މައްޗަށް 2-0 ން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް އިން ޔޫރަޕްގެ މުބާރާތަށް ކޮލިފައި ވުމުގެ އުންމީދު އާ ކޮށްފި އެވެ.

އަނިޔާގައި ހަ މަސް ދުވަހު ހޭދަ ކުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އައި ކޭން، ރޭ ގެ މެޗުގައި ކާމިޔާބު ކުރި ލަނޑަކީ މި އަހަރު އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނީ ލަނޑު ޖެހުމަކީ ކޭން އާސާސެއް ކަމަށެވެ.

"އަހަރެން މެޗުގެ ކުރިންވެސް ބުނިން ހެރީ [ކޭން] ލަނޑު ޖަހައިފިއްޔާ އަހަރެން ހައިރާނެއް ނުވާނެ،" މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުންޏެވެ. "އޭނާ އަކީ މި ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް، އެހެންވެ މިރޭ [ރޭ] މީ ހެރީ އަށް ވަރަށް ރަނގަޅު ރެޔެއް، އަދި އަހަރެމެން ޓީމަށް މާބޮޑަށް ރަނގަޅު ރެޔެއް."

މޮޅާއެކު ޓޮޓެންހަމް ވަނީ ހަތް ވަނަ އަށް ޖެހިލާފަ އެވެ. އަދި ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑާ އެއް ޕޮއިންޓް ކައިރިއަށް ޖެހިލާފަ އެވެ. މޮރީނިއޯ ބުނީ ރޭ ގެ މެޗުން ލިބުނީ މުހިންމު ތިން ޕޮއިންޓް ކަމަށެވެ. މެޗުން މޮޅު ނުވެވުނު ނަމަ ޔޫރަޕްގެ މުބާރާތަށް އުންމީދު ނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ކޭން ޖެހި ލަނޑަކީ އޭނާ ކާމިޔާބު ކުރި 137 ވަނަ ލަނޑެވެ، އަދި ރޭ ގެ މެޗަކީ ޕްރިމިއާ ލީގްގައި އޭނާ ކުޅުނު 200 ވަނަ މެޗެވެ. އޭނާ ބުނީ ފިޓްނަސް ރަނގަޅު ވެއްޖެ ކަމުގެ އިހްސާސް ކުރެވޭ ކަމަށެވެ.

"އަހަރެން މިހުރީ ފިޓްނަސްގެ ގޮތުން ރަނގަޅު ބައްޓަމެއްގައި، ލަނޑު ޖެހުމަކީ ދުނިޔޭގައި ކުރެވޭނެ އެންމެ އުފާވެރި އިހްސާސް،" މެޗަށް ފަހު ވާހަކަ ދައްކަމުން ކޭން ބުންޏެވެ. "ލަނޑެއް ނުޖަހާތާ ވަރަށް ދުވަސް ކޮށްފަ ލަނޑު ޖެހުނީމަ އެއީ ދެން ވަރަށް ރަނގަޅު ކަމެއް."

މެޗުން ބަލިވެ، ވެސްޓްހަމް އަށް ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓުމުގެ ބިރު ކުރިމތި ވެފަ އެވެ. ރެލިގޭޝަން ޒޯންގައި އޮތް ބޯންމައުތު އާއި ވެސްޓްހަމް އަށް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ވެސްޓަހަމް ކުރި ލިބެނީ އެންމެ ލަނޑެއްގެ ތަފާތުންނެވެ.

ވެސްޓްހަމްގެ ކޯޗް ޑޭވިޑް މޮއިސް ބުނީ، އޭނާ ޓީމުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. އަދި ނަތީޖާ އަނބުރާ ނުލެވުނީ ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވެމުން ކަން އޭނާ ފާހަގަ ކުރި އެވެ. އޭނާ އިޝާރާތް ކުރީ ޖެރާޑް ބޮވެން އަށް ލިބުނު ފުރުސަތަށެވެ. ބޮވެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ.

ޓޮޓެންހަމްއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ވީއޭއާރުން ގަބޫލު ކޮށްގެން ނުވާނެ ކަމަށް މޮއިސް ބުންޏެވެ. އެ ލަނޑަކީ ވެސްޓްހަމްގެ ތޯމަސް ސޫޗެކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ވީޑިއޯ ރިޕްލައިން ފެންނަ ގޮތުގައި ސްޕާސްގެ ޑާވިންސަން ސަންޗޭޒް އަތުގައި އެ ބޯޅައިން ޖެހެ އެވެ.