ހެރީ ކޭން ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅުނު 400 ވަނަ މެޗުގައި 0-2 އިން އެވަޓަން ބަލިކޮށް ލީގު އެއް ވަނައިގައިވާ އާސެނަލާ ޕޮއިންޓަކާ ގާތަށް ޓޮޓެންހަމް ޖެހިލައިފި އެވެ.
ރޭގެ މެޗާ އެކު ކޭން ވަނީ އެވަޓަންއާ ދެކޮޅަށް ކުޅުނު ލީގުގެ 15 މެޗުގައި 14 ގޯލު ޖަހައިފަ އެވެ. ކޭން މިހާރު ވަނީ ޓޮޓެންހަމަށް 266 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޓޮޓެންހަމްގެ އެންމެ ގިނަ ގޯލު ކުޅުންތެރިޔާގެ މަގާމް ހޯދުމަށް ކޭން އަށް ދެން ބޭނުންވަނީ ނުވަ ގޯލެވެ.
ޓޮޓެންހަމް ރަނގަޅު ފޯމެއްގައި އޮތްއިރު މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ސީޒަނެއްގެ ފުރަތަމަ 10 މެޗުގައި ޓޮޓެންހަމުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ފަހަރެވެ. މީގެ ކުރިން އެޓީމަށް 10 މެޗުން 23 ޕޮއިންޓް ހަމަކުރެވުނީ 64-1963 ވަނަ ސީޒަނުގަ އެވެ.
ޓޮޓެންހަމް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އެޓީމު 23 ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. އާސެނަލް 24 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވެސް ވަނީ 23 ޕޮއިންޓް ހޯދާފަ އެވެ. ޓޮޓެންހަމް 10 މެޗު ކުޅެފައިވާއިރު އާސެނަލާ ސިޓީ ކުޅެފައިވަނީ ނުވަ މެޗެވެ. މިރޭ އާސެނަލް ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު ސިޓީ ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ.
ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ޓޮޓެންހަމުން މެޗުގައި ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 59 ވަނަ މިނެޓުގައި ހެރީ ކޭން އެވެ. ޕެނަލްޓީ ދިނީ ކޭން އަށް ލިބުނު ބޯޅައަކަށް އެވަޓަންގެ ޖޯޑަން ޕިކްފޯޑް ފައުލްކުރުމުންނެވެ. މިއީ ކޭން ފުޓްބޯޅަ ކެރިއަރުގައި ޖެހިޖެހިގެން ފަސް ވަނަ މެޗުގައި ގޯލު ޖެހި ފުރަތަމަ ފަހަރެވެ.
ޓޮޓެންހަމްގެ ދެ ވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕިއޭ-އެމިލް ހޮއިބިއާ އެވެ. އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ އެވަޓަންގެ އަލެކްސް އިވޯބީގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އެވަޓަންގެ ރިޗާލިސަން އަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. ރިޗާލިސަންގެ އަނިޔާ ސީރިއަސް ނުވި ނަމަވެސް އަންނަ ހަފްތާ ކުޅޭ މެންޗެސްޓާ ޔުނައިޓެޑް މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.
ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ފުލަމް އާއި ބޯންމައުތު ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ވުލްވްސް ވަނީ 0-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް 17 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.