ޕްރިމިއާ ލީގް

ޓޮޓްނަމް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗެއްގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ ޓޮޓްނަމް ހޮޓްސްޕާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

މި މެޗުގައި ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްއަށް ސީދާ ރަތް ކާޑެއް ދައްކާފައިވެ އެވެ.

ބްރޫނޯ ފެނާންޑޭސްއަށް ސީދާ ރަތް ކާޑު ދެއްކީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ޓޮޓްނަމްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަންއަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ޓޮޓްނަމްގެ ބްރެނާން ޖޯންސަން ވައްދާލި ލަނޑުން އެ ޓީމުން ކުރި ހޯދާފައިވެ އެވެ. ދެވަނަ ހާފުގައި އެޓީމުގެ ޑޭޔާން ކުލުސެވްސްކީ އާއި ޑޮމިނިކް ސޮލާންކޭ ވެސް ވަނީ ލަނޑު ޖަހާފަ އެވެ.

މި މެޗުން މޮޅުވުމާއެކު ޓޮޓްނަމް ވަނީ ހަ މެޗުން 10 ޕޮއިންޓް ހޯދައި، ލީގު ތާވަލުގެ އަށްވަނައަށް ޖެހިލާފަ އެވެ. އަނެއްކޮޅުން ޔުނައިޓެޑް ވަނީ 12 ވަނައަށް ވެއްޓިފަ އެވެ. މިހާތަނަށް ކުޅުނު ހަ މެޗުން އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ލީގުގައި ޔުނައިޓެޑަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ހަމަ އެ ދުވަހު ޓޮޓްނަމް ނިކުންނާނީ ރަށުން ބޭރުގައި ބްރައިޓަންއާ ދެކޮޅަށެވެ.