ކުޅިވަރު

ޔުނައިޓެޑަށް ފަސޭހަ މޮޅެއް، ޓޮޓެންހަމް ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 0-3 އިން ލެސްޓާ ސިޓީ ބަލިކުރިއިރު ޓޮޓެންހަމް ހޮޓްސްޕާ އިން 0-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ގަދަ ހަތަރަކަށް އަރައިފި އެވެ.

ރޭގެ މެޗުތަކާ އެކު ޔުނައިޓެޑް މިހާރު އޮތީ 24 މެޗުން ހޯދި 49 ޕޮއިންޓާ އެކު ތިންވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ވަނީ 24 މެޗުން 42 ޕޮއިންޓް ހަމަކޮށްފަ އެވެ. ފަހަކަށް އައިސް ފޯމު ދަށްވެފައިވާ ނިއުކާސަލް ޔުނައިޓެޑް މިހާރު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.

ރޭ ޔުނައިޓެޑުން ހޯދި މޮޅުގައި ވެސް ވިދާލީ މާކަސް ރަޝްފޯޑް އެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ރަޝްފޯޑް ޖެހިއިރު، މި ސީޒަނުގައި ރަޝްފޯޑް ޖެހި ގޯލުގެ އަދަދު ވަނީ 24 އަށް އަރައިފަ އެވެ. މިއީ ރަޝްފޯޑްގެ ކެރިއަރުގައި ގޯލް ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.

ރަޝްފޯޑް ފުރަތަމަ ގޯލު ޖެހީ 25 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުންނެވެ. ދެވަނަ ގޯލު ފްރެޑްގެ އެހީތެރިކަމާ އެކު ޖެހީ 56 ވަނަ މިނެޓުގަ އެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލު ޖެހީ ބެންޗުން ކުޅެން އެރި ޖޭޑަން ސަންޗޯ އެވެ. މިއީ ވެސް ބްރޫނޯގެ އެހީގައި ސަންޗޯ ޖެހި ލަނޑެކެވެ. އަމިއްލަ ސަބަބަކާ ގުޅިގެން ތިން މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް މިއީ ސަންޗޯ ޖެހި ދެވަނަ ލަނޑެވެ.

ޓޮޓެންހަމް ރޭ ހޯދި މުހިއްމު މޮޅުގައި ދެ ގޯލު ވެސް ފެނުނީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ޖެހީ އެމަސަން ރޮޔާލް އެވެ. އޭގެފަހުން 72 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖެހީ ސޮން ހެއުން މިން އެވެ. ބެންޗުން ކުޅެން އެރި ސޮން މި ގޯލު ޖެހީ ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ޔުނައިޓެޑް އަތުން ބަލިވި ލެސްޓާ 24 ޕޮއިންޓާ އެކު އޮތީ ލީގުގެ 14 ވަނައިގަ އެވެ. މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ވެސްޓް ހޭމް އޮތީ 18 ވަނައިގަ އެވެ. އެޓީމަށް ލިބިފައިވާ 20 ޕޮއިންޓާ އެކު ރެލިގޭޝަނުގެ ބިރު ވަނީ ބޮޑުވެފަ އެވެ.