ކުޅިވަރު

ކޭންގެ ގޯލުތަކުން މޮޅުވެ ޓޮޓެންހަމަށް ހިތްހަމަޖެހުމެއް

ހެރީ ކޭން ޖެހި ދެ ގޯލާ އެކު ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް 0-4 އިން ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާ އިން ލީގުގައި ކުރިއަށް ދިއުމުގެ ހިތްހަމަޖެހުން ހޯދައިފި އެވެ.

ފީފާ ވޯލްޑް ކަޕަށް ފަހު ކުޅުން އަލުން ފެށިފަހުން ފުރަތަމަ ދެ މެޗުން ޓޮޓެންހަމަށް މޮޅެއް ނުވެވުނެވެ. ރޭގެ މޮޅާ އެކު ޓޮޓެންހަމް އޮތީ 33 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ޕެލެސް އިންނެވެ. މެޗުގެ ނަތީޖާ ޓޮޓެންހަމް އިން އަނބުރާލީ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ދެ ގޯލު ކޭން ޖެހީ 48 ވަނަ މިނެޓާއި 53 ވަނަ މިނެޓުގަ އެވެ. 68 ވަނަ މިނެޓުގައި މެޓް ޑޮހަޓީ ތިންވަނަ ގޯލު ޖެހިއިރު ފަހު ގޯލު 72 ވަނަ މިނެޓުގައި ޖެހީ ސޮން ހެއުން މިން އެވެ.

ރޭގެ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކޭން ކުޅުނު 300 ވަނަ މެޗެވެ. ޓޮޓެންހަމްގެ ޖާޒީގައި މިދިޔަ 11 ސީޒަނުގައި ވެސް ކޭން ވަނީ ޕްރިމިއާ ލީގުގައި ގޯލު ޖަހައިފަ އެވެ. ރޭގެ ގޯލުތަކާ އެކު ލީގުގެ ތާރީހުގައި ކޭން ޖެހި ގޯލުގެ އަދަދު 198 އަށް ވަނީ އަރައިފަ އެވެ. ހުރިހާ މުބާރާތެއްގައި ކޭން ވަނީ ޓޮޓެންހަމަށް 264 ގޯލު ޖަހައިފަ އެވެ.

1992 ވަނަ އަހަރު ޕްރިމިއާ ލީގުގެ ނަމުގައި އިނގިރޭސި ލީގު ފެށިފަހުން އެންމެ ގިނަ ގޯލު ޖަހާފައިވަނީ ބްލެކްބާން ރޯވާސް އާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު އެލެން ޝިއެރާ އެވެ. ދެވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކުޅުނު ވޭން ރޫނީ އެވެ. ކޭން މިހާރު އޮތީ ތިން ވަނައިގަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސައުތެމްޓަން ދަނޑުގައި ނޮޓިންހަމް ފޮރެސްޓް ވަނީ 1-0 އިން މޮޅުވެފަ އެވެ. މި ސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ސައުތެމްޓަން އޮތީ 12 ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ.

ރޭ ދެން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ލީޑްސް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑް ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ވުލްވްސް ވާދަކުރި މެޗު އެއްވަރުވީ 1-1 އިންނެވެ.