މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމް ދޫކޮށް އެހެން ކްލަބަކަށް ނުދާނެ ކަމަށް އެ ޓީމުގެ ތަރި ހެރީ ކޭން ބުނެފި އެވެ.
ޓޮޓެންހަމްގައި މަޑު ކުރާނެ ކަމުގެ ޔަގީންކަން ކޭން ދީފައި ވަނީ ސޯޝަލް މީޑިއާގައި އޭނާ ކުރި ޕޯސްޓަކުންނެވެ. އެގޮތުން ޓްވިޓާ މެދުވެރިކޮށް ކޭން ބުނީ ސަމާ ޓްރާންސްފާގައި އޭނާ އެއްވެސް ޓީމަކަށް ބަދަލު ނުވާނެ ކަމަށާއި ޓޮޓެންހަމްގައި މަޑު ކުރާނެ ކަމަށެވެ. އަދި ޓީމަށް ކާމިޔާބު ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމަށެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކޭން ގެންދިއުމަށް ގިނަ ޓީމު ތަކަކުން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، މެންޗެސްޓާ ސިޓީ އަދި ޗެލްސީ ހިމެނެ އެވެ.
މީގެ ތެރެއިން ކޭން ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައި އޮތީ ސިޓީއަށެވެ. އެގޮތުން ސިޓީން ވަނީ އުމުރުން 28 އަހަރުގެ ކޭން ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. ނަމަވެސް ޓޮޓެންހަމް އިން ކޭން ދޫކުރަން އެއްބަސް ނުވީ އެވެ. މި ސީޒަނުގައި ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރި މެޗުގައި ޓޮޓެންހަމްގެ ޓީމު ލިސްޓުގައި ކޭން ނުހިމަނަ އެވެ.
ކޭން ޓޮޓެންހަމްގައި އޭނާގެ ސީނިއާ ޑިބަޓް ހަދާފައިވަނީ 2011 ވަނަ އަހަރު އެވެ. މިހާތަނަށް ކޭން ވަނީ 336 މެޗެއް ޓޮޓެންހަމް އަށް ކުޅެދީ 221 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ކޭނަ ވަނީ ޓޮޓެންހަމްގެ ތާރީހުގައި ދެވަނަ އަށް އެންމެ ގިނަ ގޯލު އެ ކްލަބަށް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާގެ ޖާގަ ހޯދާފަ އެވެ. އަދި ޕްރިމިއާ ލީގުގައި 166 ގޯލު ޖަހާފައިވާ ކޭން އަކީ ޕްރިމިއާ ލީގުގައި ހަތް ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.