ކެބިނެޓް

ހައްގުތަކާބެހޭ ދެ މުއާހަދާއެއް ތަސްދީގު ކުރަނީ

އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ދިވެހިރާއްޖެއިން ތަސްދީގު ކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވުމުން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް އެދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ތަސްދީގު ކުރުމަށް ނިންމެވި ދެ މުއާހަދާއަކީ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ގާއިމުކުރެވިފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް" އާއި "އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް" އާ ބެހޭ މުއާހަދާއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅުއްވި ދެ ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އޯޕީއައިސީއީއެސްސީއާރު މުއާހަދާ އަކީ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގެ ދަށުން ކަށަވަރުކޮށްދޭ އިގްތިސާދީ، އިޖްތިމާއީ އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން އައިސީއީއެސްސީއާރުގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކި ވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިއްބައިދޭ މުއާހަދާއެކެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސް ކަމުގައިވަތީ މި މުއާހަދާ ތަސްދީގު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރުން ވަނީ ފާހަގަކުރައްވާފައެވެ.

ސީއީޑީ މުއާހަދާ ތަސްދީގު ކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ދޭ އަހައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިހްތިސާސްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ހައްގުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޯޕީއައިސީއީއެސްސީއާރު މުއާހަދާ ފާސްކޮށްފައިވަނީ، އދގެ އާންމު މަޖިލީހުން ޑިސެންބަރު 10، 2008 ގައެވެ. މި މުޢާޙަދާ ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ ސެޕްޓެންބަރު 24، 2009 ގައެވެ. ދިވެހިރާއްޖެއިން ސެޕްޓެންބަރު 21، 2011 ގައި މި މުއާހަދާގައި ސޮއިކޮށްފައި ވީނަމަވެސް ދިވެހިރާއްޖެއިން އަދި މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ. މިއަދާ ހަމައަށް މި މުއާހަދާ ތަސްދީގުކޮށްފައިވަނީ މި މުއާހަދާގައި ސޮއިކޮށްފައިވާ 45 ގައުމުގެ ތެރެއިން 24 ގައުމަކުންނެވެ.

ސީއީޑީ މުއާހަދާ އެޑޮޕްޓް ކޮށްފައިވަނީ ޑިސެންބަރު 20، 2006 ގައި އެމެރިކާގެ ނިއުޔޯކުގައެވެ. އެ މުއާހަދާއަށް އާންމުކޮށް އަމަލުކުރަން ފަށާފައިވަނީ ޑިސެންބަރު 23، 2010 ގައެވެ. އަދި ދިވަހިރާއްޖެއިން މި މުއާހަދާގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ 6، 2007 ގައެވެ. މި މުއާހަދާގައި މިހާތަނަށް 98 ގައުމަކުން ސޮއިކޮށްފައިވާއިރު، މުއާހަދާ ތަސްދީގު ކޮށްފައިވަނީ 62 ގައުމަކުންނެވެ.