އެމްޑީޕީ

އެމްޑީޕީގައި ލީޑަޝިޕްގެ ވަރުގަދަ ކޯޅުމެއް!

Jun 27, 2020
44

އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔުއްވެވި މުޙައްމަދު ފަރުޙާދަކީ ޚާރިޖީ ދާއިރާގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވެވި އަދި ފަހުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއި، ބައިނަލްއަގުވާމީ މަސްރަހާއި އަދި މުޖްތަމައުގެ ތަފާތު އެކި މައްސަލަތައް ދިރާސާ ކުރައްވާ ބޭފުޅެކެވެ. އިންޑިއާގެ އޮޒްމޭނިއާ ޔުނިވަސިޓީން ސިޔާސީ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ސިޔާސީ ދާއިރާއިން މާސްޓާސް ހޯއްދަވާފަފައި ވެއެވެ.

_________________________________________________________

ދިވެހި ދައުލަތުގެ މިހާރުގެ ސަރުކާރަށް ދެ އަހަރާ ގާތްވަމުން ދާއިރު ގަދަ ހިތްވަރާއެކު ކަތި ގުދު އެއްލަމުން ނަމަވެސް އަދިވެސް ކުރިއަށް ދެވޭތޯ ސަރުކާރުން ގަދައަޅައި މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ. އިދިކޮޅު ސިޔާސީ ޕާޓީއާ ހެދިއެއް ނޫނެވެ. ނޮވެމްބަރު 17، 2018 ގައި ރައިސް ސޯލިހު ހުވާ ކުރައްވާ ހިސާބުން ފެށިގެން ކުރީގެ ރައިީސް ނަޝީދު ހުންނަވާނީ މި ސަރުކާރުގައި ކާށި ގުނަން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

ބޮޑު ތާއީދަކާ ހުރިހާ ބާރަކާއެކު އެމްޑީޕީއާ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމް ގުޅިގެން އެމްޑީޕީ އިސްވެ އޮވެގެން ގެނައި ސަރުކާރު ބާރު ސްޕީޑުގައި ކުރިއަށް ނުގެންދެވި ކަތި ގުދުލާން ދިމާވެގެން މިދާ މަންޒަރުން، މި ސަރުކާރު ގެނައުމަށް އެތައް މަސައްކަތެއް ކުރި ރައްޔިތުން ނާއުއްމީދު ވާން މި ދިމާވެގެން އުޅޭ މަސްރަހަކީ ކޮބައި ހެއްޔެވެ؟

ދުރު ނޫން މާޒީއަށް ޖެހިލަމާ ހިނގާށެވެ. ކުރީގެ ރައިސް ނަޝީދު 2019 އިގެ ނޮވެމްބަރު މަހު ރާއްޖެއަށް އެނބުރި ވަޑައިގަތުމާއެކު އެދުވަހު ވެސް އެމަނިކުފާނު ބޭނުންފުޅުވީ، މި ސަރުކާރު ގެނައުމަށް ވޯޓުލީ އެންމެހާ ރައްޔިތުންގެ އުފަލުގައި އެތައް ސަތޭކަ ބަޔަކު އުފާފާޅު ކުރުމަށާއި އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެއްވި އެއްވުން އެމަނިކުފާނު އަނބުރާލެއްވީ އެއީ އެމަނިކުފާނަށް އެކަނިމާއެކަނި އެ އެންމެހާ ރައްޔިތުންގެ ތާއީދު އޮތްކަން ދޭހަކޮށްދީ އަދި ދުވަހުގެ މައި ބަތޮލުގެ ގޮތުގައި ދެއްކެވުމަށެވެ.

އެއީ އެމަނިކުފާނުގެ އާއްމު މިޒާޖުފުޅެވެ. އެކަން އެމްޑީޕީގެ ތެރޭގައި އޮންނަ އެމަނިކުފާނުގެ "ޓީމުން" ވަރަށް ރަނގަޅަށް ކެމެރާތަކަށާއި ސިކުނޑިތަކަށް ކުރަހާލި ވެސް މެއެވެ. އެ ކުލަތައް ޖެއްސިލެއް ގަދަ ކަމުން އެމްޑީޕީގައި ރައީސް ސޯލިހު ކުރެއްވި މިންނެތް މަސައްކަތްޕުޅު މަންޒަރުން ފަނޑުކޮށްލެވިގެން ދިޔަ އެވެ. އެހެން ނަމަވެސް އެއިގެ އަސްލު ކުލައާއެކު ދޭތެރެ ދޭތެރެއިން އެ މަންޒަރުތައް އެކިއެކި ޕްލެޓްފޯމް ތަކުގައި އިއާދަވަމުންދާތަން ރައްޔިތުންނަށް ފެނެއެވެ. އެއީ އެތައް ބައެއްގެ ކުރެހުމެމެކެވެ.

އެއްކަމެއް ޔަގީނެވެ. ސުވާލެއް ނެތި ތާއީދުކުރާ އެމަނިކުފާނަސް ތާއީދު ކުރާ ކޮންމެވެސް ބަޔަކު އެތާ ތިބޭނެ އެވެ. ހަމައެހެންމެ އެ އެންމެނަކީ އެމަނިކުފާނަށް ސުވާލެއް ނެތި ތާއީދު ކުރާނެ ބައެއް ނޫންކަން ސާބިތު ވަނީ މިވެރިކަން ގެނައުމަށް ވޯޓުލީ އެތައްބަޔަކު އެމީހުންގެ ކާމިޔާބީ މަދުދުވަސްކޮޅެއް ތެރޭގައި އަލުން އަނެއްކާ ވެސް ތަކުރާރު ކޮށްލުމަށް އެއްވާން ބޭނުންވި ބައެއްކަން އެއްވެފައި ތިބި ރައްޔިތުންނަށް ބެލުމުން ޔަގީންވާނެ އެވެ.

ހާއްސކޮށް އެމްޑީޕީގެ އާ ލީޑަރުގެ އިތުރުން އިއްތިހާދުގެ އިސް ލީޑަރުން އެ ކުރެހުމުން ކުރެހިގެން ދިއުން ހެއްކަކަށް ފުދެއެވެ. އިންތިޚާބުގެ ފޮނި ކާމިޔާބީގެ ޖަޒުބާތުން އެތައް ސަތޭކަ ބަޔަކު އުފާވެރިކަމުގެ ކަނޑެއްގައި އަރަގުވެފައި ތިބި ވަގުތުކޮޅަކަށް ފަހު އަސްލު މަންޒަރު ކުރެހުމުގެ ތެރެއިން މަދު ވަގުތު ކޮޅެއްގެތެރޭގައި މަޑުމަޑުން ފާޅުކުރުވަން ފެށުނެވެ.

އެ ދުވަހު ރައިސް ނަޝީދުގެ އިންޓަވިއުއެއް ތަރުތީބު ވެގެން ދިޔައެވެ. އެމަނިކުފާނުގެ މޫނުމަތިން ވަރުބަލިކަމާއި ދެންވެސް ހުރި ބަލިތައް މިލާފައިވާ އަދި އޮޅުންބޮޅުންވެފައިވާ ސިކުނޑިފުޅަކުން ނެރުއްވި އެވެ. އެގޮތުން ފުރަތަމަ ހަމަލާވެސް ސިޔާސީ ނިޒާމަށް އަމާޒު ކޮށްލެއްވި އެވެ. ރާއްޖެއަށް އެއްމެ ކަމުދަނީ ބަރުލަމާނީ ނިޒާމެއް ކަމަށް އަބަދުވެސް ދެކޭ ކަމަށާއި އެކަމަށް އެދިވަޑައިގެންފައިހުރި މިންވަރު ހާމަކުރެއްވިގެން ދިޔައެވެ.

އެމަނިކުފާނު އެގޮތަށް އެއިރު ވިދާޅުވީ ކޮން ސަބަބުތަކާހުރެތޯ އެވެ؟ ރާއްޖޭގައި މިވަގުތު އޮތީ ދުނިޔޭގެ ގައުމެއްގައި މިވަގުތު ނެތްފަދަ ޑެމޮކްރެޓިކް ނިޒާމަކަށް ވެގެންގޮސްފައި ވަނީ އދ. އާއި ބައިނަލްއަގުވާމީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ވަރުގަދަ ނިޒާމަކަށް ވާއިރުވެސް މެއެވެ. އެހެންކަމުން އެއީ އެމަނިކުފާނަށް މަންޒަރުން ޖާގައެއް ލިބިވަޑައިނުގަތުން އެއީ މައިގަނޑު ސަބަބެވެ.

އެމަނިކުފާނަށް ރާއްޖެ ވަޑައިގެންނެވުނުއިރު އިއްތިހާދު އެއްބަސްވުމުގައިވާ ގޮތުގެ މަތީން އަމަލުކުރެވި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގައި އިއްތިހާދުގެ އެއްބައިވެރިޔާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހޮވިވަޑައިގެންފަ އެވެ. އަދި އިއްތިހާދުގެ ކެބިނެޓެއް ވަނީ އެކުލެވިފަ އެވެ. ރައްޔިތުންގެ މަޖުލިހުގެ ރައީސް ގާސިމް އިބްރާހީމް މަޖުލިހުގެ އެއްބާރުލުން ސަރުކާރަށް ވީހާވެސް އޮމާން ކަމާއެކު ގެންދެވުމަށް ރައިސް ސޯލިހަށް އެހީތެރިކަން ދެއްވަން ވަނީ ފައްޓާވާފަ އެވެ. ނަމަވެސް ކުރީގެ ރައިސް ނަޝީދު އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ރައީސްކަމުގެ ރޯލް ލިބިވަޑައި ނުގަތުމުން މިކަމުގައި އެމަނިކުފާނަށް ހިތްތިރި ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އެމަނިކުފާނުގެ ލޯފުޅު މަޖިލިހަށް އަމާޒު ކުރެއްވި އެވެ.

އެއިގެ ދާދި މަދު ދުވަސްކޮޅެއް ފަހުން އެމަނިކުފާނު އާއްމު އުސޫލުގެ މަތީން މީޑީއާތަކަށް އިއްވި ކުއްލި ނިންމެވުމުގެ ސަބަބުން ސަރުކާރު ތެރެއަށް ވަރުގަދަ ގުޑުމެއް އަރުވާލެއްވި އެވެ. އާދެ ރައްޔިތުންގެ މަޖްލިހުގެ އިންތިހާބަށް އިއްތިހާދު ސަރުކާރުން އެއްބަސްވެފައިވާ އެއްބަސްވުންތައް އެއްފުށުން އަނެއްފުށަށް ޖައްސަވައި އެއެއްބަސްވުންތައް އެންމެ ފަހުން ފުންނާބު އުސްވަކީލުން ލައްވައި އެއީ އެއްބަސްވުންތަކަކަށް ވެސް ނުވާކަމަށް ބުނުވައި އެމްޑީޕީން އެކަނިމާއެކަނި މަޖުލިސް އިންތިޚާބަށް ނިކުންނާނެކަމަށް އަމިއްލަފުޅަށް އިއުލާންކުރެއްވި އެވެ.

އަދި ރައިސް ސޯލިހާއެކު އެމްޑީޕީގެ އެތައް ބަޔަކު އިއްތިހާދުގެ ދެންތިއްބެވި ލީޑަރުންނާ ބޭފުޅުންނާއެކު އުފައްދަވާފައިވާ އިންތިހާއަށް މުހިންމު ބަދަހި ގުޅުމަށް ގަސްތުގައި ހަމަލާ ދެއްވަން ފެއްޓެވި އެވެ. އަދި ރައިސް ސޯލިހު އިއްތިހާދުގެ އެހެން ބައިވެރިންނާއެކު ކުރެއްވި ބުރަ މަސައްކަތްޕުޅުން ގެންނެވި ސަރުކާރު ދަތި އުނދަގޫ މާހައުލެއްގެ ތެރެއަށް ކޮށްޕަވާލައްވައި ރައިސް ސޯލިހަށް ބޮޑު ބުރަފުޅެއް އުފުއްލަވަން ޖެއްސެވި އެވެ. މިކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ސަރުކާރުގެ މުހިންމު އެއް ބައިވެރިޔާ ގާސިމަސް ކުރީގެ ރައިސް ނަޝީދު ބަހުގެ ހޫނު ހަމަލާތަކެއް އަނެއްކާވެސް ތަކުރާރު ކުރެއްވުމުން "މޭވާ އަޅާ ގަސްގަހަށް ގަޅި އުކާނެ ކަމަށް" ގާސިމް އިބްރާހީމްގެ ރައްދު އަމާޒުވެގެން ދިޔުމާއި މަޝްހޫރު 12 މެންބަރުންނަށް އެބޭފުޅުން އަލުން އެބޭފުޅުންގެ ދާއިރާތަކަށް ކުރިމަތިލުމަށް މަގުފަހިކޮށް ދިނުމަށް ވެވުނު އެއްބަސްވުމަށް ހުރަސް އެޅުއްވުމުންނެވެ. ރައިސް ސޯލިހަކީ އެމްޑީޕީއަށް މުހިންމު ލީޑަރެކެވެ. ރައިސް ސޯލިހަކީ ތަފާތު ލީޑަރެކެވެ. އެމްޑީޕީގެ އެންމެ މުހިންމު ލީޑަރެވެ.

ނަމަވެސް މިފަދަ ހާލަތަކަށް ރައީސް ސޯލިހުގެ ލީޑަޝިޕް ވައްޓަވާލައްވާފައި ވަނިކޮށް ދެންވެސް ފެނުނީ ރައިސް ސޯލިހުގެ ސަރުކާރަށް މަޖުލިސް ގޮނޑިތައް ކާމިޔާބުވުމަށްޓަކައި ޖުމްހޫރީޕާޓީ އާއި އެމްއާރުއެމުން ވެސް މާ ބޮޑު ވާދަ ކުރުމެއް ކުރިމަތި ނުކޮށް ކެންޑިޑޭޓުންތަކެއް އިއުލާންކުރުން ފިޔަވައި ފަނޑު ކެމްޕޭނަކާއެކު ހިމޭންވި މަންޒަރެވެ. އެހެންކަމުން ދާދި ފަސޭހައިން ރައިސް ސޯލިހުގެ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުން އެބޭފުޅުން ކުރިމަތިލެއްވި ދާއިރާތައް ކާމިޔާބުކޮށް ރައިސް ސޯލިހަށް ސަރުކާރު އޮމާންކަމާއެކު ހިންގެވުމަށް މަޖުލިސް ވެސް ކާމިޔާބުވެ ރިޔާސީ އިންތިޚާބުގައި ދިން އިތުބާރާއި ތާއިދު އަނެއްކާވެސް ރައިސް ސޯލިހުގެ ސަރުކާރަށް ރައްޔިތުން ތަކުރާރުކޮށް ދިން މަންޒަރެވެ.

ނަމަވެސް ކުރީގެ ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ރައިސް ސޯލިހުގެ ސަރުކާރަށް ލިބުމާއެކު އެއީ އެމަނިކުފާނަށް ލިބިލެއްވި މެންޑޭޓެއް ކަމަށް ނިންމަވައި ފުރަތަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދަށް ބާރު ފޯރުއްވައި ގަވައިދު ބަދަލުކޮށް ރައިސް ސޯލިހަށް އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާގޮތުގެ މަތީން ހަވާލުވެފައިވާ ޕާޓީގެ ރައީސްކަމުގެ މަސްއޫލިއްޔަތުން އެމަނިކުފާނު ހޫރާލައްވައި މުޅި އެމްޑީޕީގެ އެތަކެއް ބޭފުޅުންގެ އުއްމީދީ ޑިމޮކްރަސީ ހަމަހިމޭން ކޮށްލެއްވި އެވެ.

ރައީސް ސޯލިހުގެ ކެތްތެރިކަން މިފަހަރު ގުޑުވާލުމުން ކުރިއަސަރުގެ ބާރުމިން މަޖިލިހުގެ ރައީސަކަށް ބޭފުޅަކު ހޮވުމުގެ މަސައްކަތަށް ސީދާ އަމާޒުވެގެން ދިޔަ އެވެ. މިފަހަރު ރައިސް ސޯލިހު އެމަނިކުފާނަށް ސަރުކާރު ހިންގަން ފަސޭހަފުޅުވާނެ ގޮތަކަށް މަޖުލިސް ތެރެއިން އެއްމެނާއެކު މަސައްކަތްކުރެވޭނެ މޮޑަރޭޓް ބޭފުޅެއް މަޖިލިހުގެ ރައީސަކަށް ގެންނަވަން މަސައްކަތްޕުޅު ކުރެއްވި ނަމަވެސް މިފަހަރު ވެސް ރައިސް ސޯލިހާއިއެކުވާ އެމްޑީޕީގެ މޮޑަރޭޓް ވިންގު ދަތިތަކުގެ ތެރެއަށް ގަންބާލުމަށްފަހު ސީދާ ކުރީގެ ރައީސް ނަޝީދު މަޖުލިހުގެ ރައިސްކަމަށް ވަޑައިގަތެވެ.

ނާކާމިޔާބުގައި ހިތްތިރި ކުރެއްވުމުގެ ހިއްވަރުފުޅު ދެއްކެވުމެއްނެތި ކުރީގެ ރައީސް ނަޝީދު މަޖުލިހުގައި މިހާރު މިފެންނަނީ ޕާޓީގެ އާ ލީޑަޝިޕް ގަބޫލް ނުކުރައްވައި މެދުމިނުގެ ސިޔާސަތުގެ ވިންގަށް ހުރަސް އަޅުއްވައި އެމަނިކުފާނުގެ އެކްޓިވިސްޓް ވިންގްގެ ބާރުގަދަ ކުރައްވަން ކުރައްވާ މަސައްކަތެވެ. އަދި އެމަނިކުފާނުގެ ބާރު ހިންގުމަށް އެކްޓިވިސްޓް ވިންގު ދަމަހައްޓަވަން ކުރާ މަސައްކަތެއްގެ ގޮތުގައި ފެނިގެން މިދަނީ ސަރުކާރަށް ކުރިމަތިކުރާ ހުރަސްތައް އެއީ ސަރުކާރުގެ ދެންތިބި އެހެން ސިޔާސީޕާޓީތަކުގެ ބައިވެރިންގެ ބޮލަށް ކަނޑުއްވަން ބޭނުންކުރާ ހަތިޔާރެއްގެ ސިލްސިލާ ބޮޅުތަކެއް ކަމަށް ހައްދަވައި، ރައީސް ސޯލިހާއި ބައިވެރިންނާ ރައްޔިތުން ހަވާލު ކޮށްފައިވާ ސަރުކާރުގެ ބުރަ ބިޔަ ބޮޑު މަސްއޫލިއްޔަތު ހަލުއިކޮށް އުފުލަން ކުރައްވާ މަސައްކަތަށް ދަތިއަޅުވަމުންދާތަނެވެ.

ސަރުކާރުން ބޭނުންވާ އެއްބާރުލެއްވުން މަޖިލިހުން ފަސޭހަގޮތަކަށް އެއްމެ ކަމެއްގައިމެ ނުދެއްވާތަނެވެ. އެއީ މުއައްސަސާތަކަށް މީހުން އައްޔަން ކުރުން ކަމުގައި ވިޔަސް، ގާނޫނު ފާސް ކުރުން ކަމުގައި ވިޔަސް ރައީސް ސޯލިހަށް މިވަނީ މަޖިލިސް އެއީ ދަތިއުނދަގުލަކަށް ވެފައެވެ. އެހެންކަމުން އެތައް ލަހެއް ކުރިމަތިވެ ސަރުކާރު ހިންގުމުގެ ސްޕީޑް އިންތިހާއަށް ލަސްކުރުވަމުންދާތަނެވެ.

މިހާތަނަށް ހިންގަވާފައިވާ މިފަދަ ހަމަލާތަކުގެ ތެރޭގައި ސަރުކާރު ބައިވެރިންގެ އެހެން ޕާޓީތަކުގެ ވަޒީރުންނަށް ފުރައްސާރަ ކުރިމަތިކުރެއްވުމުގެ އިތުރުން އަދާލަތު ޕާޓީގެ ފަރާތުން ހުންނެވި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ކެބިނެޓުން ދުރުކޮށްލަން އިންތިހާއަށް ޕްރެޝަރު ކުރެއްވުމުގެ ސަބަބުން އެކަމަނާ ފަހަތަށް ޖެހިވަޑައިގަނެ އިސްތިއުފާ ދެއްވުން ހިމެނެއެވެ.

އަދި އިއްތިހާދުގެ އަނެއްބައިވެރިޔާ ކުރީގެ ރައިސް މައުމޫންގެ އެމްއާރުއެމް އަށް ނިސްބަތްވާ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމުގެ ތުހުމަތު އެޅުވި އެހެން ނަމަވެސް އެކަނާ މިވަނީ މަޖުލިހުގެ ސީދާ ހުށަހެޅުންތަކަށް ބޯލަންބަވައި އަދި އާދޭހުގެ ސިޓީފުޅެއް ފޮނުއްވާ މަގާމު ދިފާއު މިވަގުތަށް ކުރައްވާފަ އެވެ. އެހެންނަމަވެސް އެމްއާރުއެމްގެ އަނެއްވަޒީރު ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު މިވަނީ އެކަމާނާއަށް ކުރެއްވި ޑިމާންޑްތަކަށް ނޫނެކޭ ވިދާޅުވެ ހާލަތުގަ ބަލިވެ ވަގުތުން އިސްތިއުފާ ދެއްވާފައެވެ.

އަދި 7 ފެބްރުއަރީގެ މައްސަލަ ބައިނަލްއަގުވާމީ ދުނިޔޭގައި ވެސް ނިމިފައި ވަނިކޮށް އެ މައްސަލަ އަލުން ނެގުމާއި ގައުމުގައި އިތުރު ހަމަނުޖެހުން ހިންގުމަށް ކުރީގެ ރައިސް ޑރ ވަހީދަށް ފުރައްސާރަ ކުރިމަތި ކުރުވުމާއި ފުލުހުންގެ މުޅި މުއައްސަސާއަށް އަމާޒު ކުރަމުން މިދާ ހަމަލާތަކަކީ އެކްޓިވިސްޓް ވިންގެއްގެ ލީޑަޝިޕް ނެންގެވުމަށް ކުރީގެ ރައީސް ނަޝީދު މަޖްލިސް ބޭނުން ކުރައްވާ ހިންގަވާ އެކްޓިވިސްޓް ހަރަކާތްތަކުގެ ސާފު ހެއްކެވެ. ބިރު ދެއްކުމާއި ގޯނާ ކުރުންތަކުގެ ތެރެއިން ޑިމޮކްރަސީއަށް އަބަދުވެސް ކުރިމަތިވާ ގޮންޖެހުންތައް އަނެއްކާވެސް މިދަނީ ތަކުރާރުވަމުންނެވެ.

ކޮވިޑް-19 އިގެ ބިރުވެރިކަމުގައި ގައުމު ލޮކްޑައުންގައި ވަނިކޮށް، ހުދުމުހުތާރު ގޮތްތައް ކުރިއަށް ނެރުނު ގައުމުތަކުން ވެސް ފެނިގެންދިޔަ ގޮތްތައް، ރާއްޖޭގެ މަޖިލިހުން ވެސް ކަޝްފު ނުވެ ނުގޮސް އަދިވެސް ހަމަ މިދަނީ ކުރިއަށެވެ. އަދި މަޖުލީހުގެ ރައީސް ކުރީގެ ރައީސް ނަޝީދު، ރައިީސް ސޯލިހުގެ ލީޑާޝިޕަކަށް ޖާގަ ދެއްވަން އެއްގޮތަކަށް ވެސް ބޭނުންފުޅު ނުވާކަން މަޖިލިހުން މިވަގުތު ސަރުކާރަށް ކުރިމަތިކުރުވާ ހުރަސްތަކުން ސާފުކޮށް ބުނެދެ އެވެ.

ދިވެހިޖުމްހޫރިއްޔާގައި ރައްޔިތުން މިވަނީ ސިޔާސީ ނިޒާމަކަށް ރިޔާސީ ނިޒާމު ބަލައިގެންފައެވެ. އަދި އެ ރިޔާސީ ނިޒާމުގައި ވޯޓަކުން ސީދާ ރައްޔިތުން ހޮވާ ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު މަޖިލިހުން ހަނިކޮށް ދަތި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ކުރީގެ ރައީސް ނަޝީދަށް ވަރަށް ސާފުކޮށް ދިވެހި ރައްޔިތުން ވަނީ ފާއިތުވިތަނުގެ ނަތީޖާއަށް ބަލައި 2013 އިގެ ރިޔާސީ އިންތިޚާބުގައި ނޫނެކޭ ބުނެފަ އެވެ. ނަމަވެސް އެމަނިކުފާނު ގޮތް ދޫނުކުރައްވައި އަދިވެސް ރާއްޖޭގެ ވެރިކަން ކުރައްވަން ގަސްތުފުޅު ކުރައްވާނަމަ ރައްޔިތުން މިފަދަ ކަންކަމާމެދު ފާރަވެރިވާނެކަން ދަނެވަޑައިގެން ރާއްޖޭގެ ސިޔާސީ މަސްރަހަށާއި ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމް ކުރައްވައި ރައީސް ސޯލިހަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހިންގަން ފުރިހަމައަށް އެއްބާރު ލެއްވުން ދެއްވަންޖެހެ އެވެ. އެހެން ނޫންނަމަ އެމަނިކުފާނުގެ ބޮޑު އެދުންފުޅު ކަމުގައިވާ ބޮޑުވަޒީރުކަމުގެ ހުވަފެންފުޅު ވެސް ނުވަތަ 2023 އިގެ ރިޔާސީ އިންތިޚާބުގެ ހުވަފެންފުޅު ވެސް ފެނަށްވެގެންދާނެ ކަމާމެދު ޝައްކު ކުރާނެ ޖާގައެއް ނޯންނާނެކަން ދަނެވަޑައިގަންނަވަންޖެހެ އެވެ.

އަދި ދިވެހިރާއްޖޭގެ ރިޔާސީ މި ނިޒާމަށް ކުރުނީސްކޮށް ތިންބާރު ވަކިވެފައިވާ މިނިޒާމު ފުރިހަމައަށް ގެންދިއުމަށް މަޖިލިހުން ހަމައެކަނި އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތު ފިޔަވައި ޑިމޮކްރަސީއާ ބީރައްޓެހި ސަގާފަތެއް އާލާ ނުކުރައްވައި ކުރިއަށް ވަޑައިގަންނަވަން ޖެހެއެވެ. އަދި އެމްޑީޕީއަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކަށް މިހާރު މިފެންނަ މަންޒަރުން މާޔޫސްކަން މެދުވެރިވިޔަ ނުދެވޭނީ އެއެއްމެހާ ރައްޔިތުންގެ ހައްގަށް އިހުތިރާމް ކުރެވިގެންކަމީ ޔަގީން ކަމެކެވެ. އަދި ގައުމުގެ ހަމަޖެހުން ވަނީ މި ރާސްތާގައިކަން ރައްޔިތުން މިވަނީ ވަރަށް ސާފުކޮށް ބުނެފައިކަން މަޖުލިހުގެ ރައީސްގެ ހަނދުމަފުޅުގައި އަބަދުމެ ބަހައްޓަވަން ކޮންމެހެންވެސް ޖެހެ އެވެ. މިވަގުތު އެމަނިކުފާނަށް ހަމައެކަނި އޮތީ ކާށި ގުނުމެވެ. އެކަމާއިގެން މިވަގުތު ކޮންމެހެންވެސް އުޅުއްވުން އިންތިހާއަށް މުހިންމެވެ. ރައްޔިތުންނަށް ހަގީގަތުގައި ވެސް އޯގާތެރިކަން ދެއްކެވުމަށާއި ސަރުކާރު އޮމާންކަމާއެކު ގޮސް ރައްޔިތުންނަށްވަޢުދުވި ކަންކަން ފުއްދައި ދިނުމަށްޓަކައެވެ.