ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ހުށަހަޅުއްވާފައިވަނިކޮށް އެމްޑީޕީއަށް ވަކި މީހަކު މުހިއްމު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސަންޓް ތާއީދު އޮތްނަމަ އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާއިރު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް މީހުން ވަނުމުގައި ހަމަތަކެއް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތުން ގައުމީ މަޖިލީހުގެ 50 ޕަސަންޓް ހޯދައިގެން ވަކި މީހަކު ޕާޓީއަށް ވެއްދުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށާއި ޕާޓީއަށް ވަންނަން އެދޭ މީހާއަކީ ޕާޓީގެ އުސޫލުތަކުގެ ތެރެއިން ޕާޓީއަށް ބަލައިގަންނަ މީހެއްކަން ނިންމާނެ ހަމަތައް ޕާޓީގެ ތެރޭގައި ހަމަޖެހިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އެ ޕްރޮސެސްގެ ތެރެއިން ކޮންމެ މީހަކަށްވެސް ޕާޓީއަށް ވަނުމަށް އެދިވަޑައިގަނެވޭނެ. ރިކުއެސްޓް ކުރެވޭނެ. އެ ނިންމާނީ ޕާޓީގެ އެތެރޭގެ ހަމަތަކުގެ މަތިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ޕާޓީއަށް މީހުން ވަންނަން ނިންމާނީ އެމަނިކުފާނު ނޫން ކަމަށެވެ. މީގެ އިތުރުން ސިޔާސީ ކެރިއާގައި ކުރިއަށް ދިއުމަށް ވަކި މީހަކު މުހިންމު ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ޕޮލިޓިކަލް ކެރިއާ ކުރިއަށް ދިއުމުގައި ކޮންމެހެން ވަކި މީހަކު އަޅުގަނޑު ކައިރީގައި ބަހައްޓާކަށް އެއީ ލާޒިމުކަމެއް ނޫން،" ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ހުށަހެޅުއްވި ހުށަހެޅުމާ ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނާނީ އެމްޑީޕީގައި ކަމަށާއި ކުރިއަށްދާނީ އެޕާޓީއާއެކު ކަމަށެވެ. އެމްޑީޕީ ހަލާކުވެގެން ބަލިކަށިވެގެން ދާތަން ބަލަން ނުހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް އެހާ މުހިންމެއް ނޫން ކޮންމެހެން ވަކި މީހަކު ޕާޓީގައި ހުރުމާއި ނުހުރުން. ޕާޓީއަކީ އެއަށްވުރެ މާ ވަރުގަދަކޮށް އޮތް ޕާޓީއެއް،" ރައީސް ވިދާޅުވި އެވެ.
ވަކި މީހަކު ޕާޓީއަށް ގެނައުން މިވަގުތު މުހިންމު ނޫން ކަމަށާއި އެމަނިކުފާނު ނެތަސް އެމްޑީޕީ ހިނގާނެކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.