ވިޔަފާރި

އެޕަލްއިން ރާއްޖޭގެ ޑިސްރިބިއުޓަރެއް ހަމަޖައްސައި، އަންނަ މަހު ފޯނު ވިއްކަން ފަށަނީ

Sep 29, 2015

އެޕަލް އުފެއްދުންތަކުގެ ރާއްޖޭގެ ޑިސްރިބިއުޓަކަށް "ސޮފްޓް ޓަޗް މޯލްޑިވްސް" ހަމަޖައްސައި، އަންނަ މަހު އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ވިއްކަން ފަށަން ތައްޔާރު ވެއްޖެ އެވެ.

ފޯނާއި އައިޕެޑް އުފެއްދުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެޕަލް ކުންފުނީގެ ފަރާތުން ރާއްޖޭގައި ޑިސްރިބިއުޓަރެއް ހަމަޖެއްސާި މިއީ ފުރަތަމަ ފަހަރެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެޕަލްގެ "ޑިސްރިބިއުޓާ އެންޑް ރީޖަނަލް ސްޓޮކިން" އަކަށް ރާއްޖޭގައި ހަމަޖައްސާ ސޮފްޓް ޓަޗް އެވެ. ސޮފްޓް ޓަޗް ކުންފުނިން ރާއްޖޭގައި ވިއްކަން ފަށަނީ އެޕަލްގެ އައި ފޯނާއި އައިޕެޑް އެވެ. އަދި މި އުފެއްދުންތައް ރާއްޖެ ގެންނަނީ އެޕަލް ސިންގަޕޫރުންނެވެ.

އެޕަލްގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ އައިފޯން 6 އެސް އަދި އެސް ޕްލަސް ވެސް އަންނަ މަހު ރާއްޖޭގައި ވިއްކަން ފަށާނެ އެވެ. އެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު ވަނީ އެޕަލްގެ ފޯނުތަކުގެ ރަސްމީ ނެޓްވޯކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.