ފަތުވެރިކަމަށް ކޮންމެވެސް ވަރަކަށް ބަރޯސާ ނުވާ ގައުމެއް ދުނިޔޭގައި ވަރަށް މަދުން ނޫނީ މިހާރު ނެތެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތް ވެފައިވަނީ ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ފޯރު ކޮށްދީފައިވާ ސިނާއަތަށެވެ. މުޅި ދުނިޔޭގެ ވަޒީފާ އަދާ ކުރާ މީހުންގެ 10 ޕަސެންޓަކީ ފަތުރުވެރި ކަމުގައި ވަޒީފާ އަދާކުރާ ފަރާތްތަކެވެ. މި އަދަދު އެކި ގައުމުތަކުގައި އުޅެނީ އެކިވަރަށެވެ.
ވަރަށް އާދައިގެ ގޮތެއްގައި 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށި ކަމުގައި ވިޔަސް، މިހާރު ފަތުރުވެރި ކަމަކީ ދިވެހިންގެ އިގްތިސޯދުގެ މައި ނާރެވެ. އިގްތިސޯދުގެ 80 ވަރަކަށް ޕަސެންޓް އެ ސިނާއަތުގެ މައްޗަށް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަރޯސާވާ ސިނާއަތެކެވެ. އެހެން ކަމުން މި ސިނާއަތުގައި ދުނިޔޭގެ ބާޒާރުގައި ކަން ހިނގާގޮތް ބަލާ، ސަމާލުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މި ސިނާއަތުން ލިބޭ މަންފާ އިތުރުކޮށް ކުރިއެރުވުމަށާއި ވާދަވެރިންގެ އުކުޅުތަކަށް ފާރަވެރި ވުމަށާއި، ފަތުރުވެރިންގެ އަމަލުތަކަށް ފަރުވާތެރިވުމަށެވެ. މި ސިނާއަތުގައި ގައުމުގެ ހިއްސާ ސަރަހައްދީ ފެންވަރުގައި ބޮޑު ކުރުމަށް ވެސް މެއެވެ.
މިގޮތުން ބަލާއިރު 2009 ވަނައަހަރު ދުނިޔެ ކުރިމަތިލާންޖެހުނު އިގްތިސޯދީ ހީނަރު ކަމުން 2010 ގައި އަރައިގަތީއްސުރެ 2019 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރެއްގައި ވެސް، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓުމެއްނެތި، އަހަރުން އަހަރަށް ކުރިއަރާފަ އެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދަތުރު ކުރަނީ ކުރިއަރާފައިވާ ގައުމުތަކުގެ ތަހުޒީބު ސަހަރުތަކަށެވެ. ޔޫރަޕްގެ ގައުމުތަކަށާއި އޭސިޔާގެ ކުރިއަރާފައިވާ ގައުމުތަކަށާއި، އެމެރިކާއަށެވެ.
ދެހާސް އަށާރަ ވަނަ އަހަރު ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކުރި 1.4 ބިލިޔަން މީހުންގެ ތެރެއިން 51 ޕަސެންޓް މީހުން ދަތުރު ކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކަށެވެ. އެސިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް 25 ޕަސެންޓް މީހުން ދަތުރުކުށްފައި ވެއެވެ. އަދި 15 ޕަސެންޓް މީހުން ދަތުރުކޮށްފައި ވަނީ އެމެރިކާ ބައްރުގެ ގައުމުތަކަށެވެ.
މީގެ ތެރެއިން އެންމެ ގިނަ ބަޔަކު -- 56 ޕަސެންޓް -- ދަތުރުކުރީ ހިތްހަމަޖެއްސުމަށާއި އަރާމު ކުރުމަށާއި ޗުއްޓީ ހޭދަ ކުރުމަށެވެ. އަދި 27 ޕަސެންޓްމީހުން ދީނީ ކަންކަމުގަ އާއި ސިއްހީ ކަންކަމުގަ އާއި ތަންތަނަށް ޒިޔާރަތް ކުރުމަށް ދަތުރުކުރިއިރު 13 ޕަސެންޓް މީހުން ވިޔަފާރިއާއި އެކިއެކި ޕްރޮފެޝަނަލް ކަންކަމުގައި ދަރުތުފަތުރު ކުރި އެވެ.
ދުނިޔޭގެ އެންމެ ގިނަމީހުން ދަތުރުކުރާ ގައުމުތަކުގެ ލިސްޓްގެ ކުރީގައި އުޅެނީ ފްރާންސެވެ. އެ ގައުމަށް 2010 ވަނައަހަރު 77 މިލިޔަން މީހުން ދަތުރު ކުރިއިރު، 2018 ވަނައަހަރު 89 މިލިޔަން މީހުން ދަތުރު ކޮށްފައި ވެއެވެ. ދެވަނާގައި ސްޕެއިން އޮތްއިރު 2010 ގައި 52 މިލިޔަން މީހުން އެ ގައުމަށް ދަތުރު ކުރިއިރު 2018 ވަނައަހަރު، 82 މިލިޔަން މީހުންނަށްވުރެ ގިނައިން ދަތުރުކޮށްފައި ވެއެވެ. ދުނިޔޭގެ ލިސްޓްގެ ތިންވަނަ ހޯދަނީ 80 މިލިޔަން މީހުންނާއެކު އެމެރިކާއެވެ.
ފަތުރުވެރިކަމުން ލިބުނު ނަފާގެ އެންމެ ކުރީގައި އޮތީ 2018 ވަނައަހަރު، 214 ބިލިއަން ޑޮލަރު ލިބިގެން އެމެރިކާ އެވެ. ދެވަނައިގައި 74 ބިލިޔަން ޑޮލަރު ލިބިގެން ސްޕެއިން އޮތްއިރު ތިންވަނައިގައި އޮތީ 67 ބިލިޔަން ޑޮލަރު ލިބިގެން ފްރާންސެވެ. އަދި 63 ބިލިޔަން ޑޮލަރު ލިބިގެން މި ލިސްޓްގެ ހަތަރުވަނަ ކާމިޔާބު ކުރަނީ ތައިލެންޑެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދަށް ނަޒަރު ހިންގާލާއިރު އެންމެ ގިނަ ބަޔަކު ދަތުރުކުރީ އަވަށްޓެރި އިންޑިޔާ އަށެވެ. ދެހާސް ދިހަ ވަނަ އަހަރު ފަސް މިލިޔަން މީހުން އެ ގައުމަށް ޒިޔާރަތް ކުރިއިރު 2018 ވަނައަހުރު 17 މިލިޔަނަށްވުރެ ގިނަ މީހުން އެ ގައުމަށް ޒިޔާރަތްކުރި އެވެ. ދެވަނައިގައި، 2010 ވަނައަހަރު 792 ހާސް މީހުން ޒިޔާރަތް ކޮށްގެން ރާއްޖެ އޮތަސް، މިހާރު އޮތީ ވާދަވެރި ޝްރީލަންކާ އެވެ.
ދެހާސް އަށާރަ ވަނަ އަހަރު ސްރީލަންކާއަށް 2.3 މިލިޔަނަށްވުރެ ގިނަ މީހުން ދަތުރު ކުރިއިރު ރާއްޖެއަށް ދަތުރުކުރީ 1.4 މިލިޔަން މީހުންނެވެ. ފަތުރުވެރިކަމުގެ ނަފާވެސް އުޅެނީ މި ލިސްޓާއި އެއްގޮތަށެވެ. އެ އަހަރު އިންޑިޔާ 28.5 ބިލިޔަން ޑޮލަރު ފަތުރުވެރި ކަމުން ލިބުނުއިރު ސްރީލަންކާއަށް 4.3 ބިލިޔަން ޑޮލަރު ލިބިފައި ވެއެވެ. ރާއްޖެއަށް ލިބިފައިވަނީ ތިން ބިލިޔަން ޑޮލަރެވެ.
ފަތުރުވެރިކަމަށް ކުރާ ހޭދަޔަށް ބަލާއިރު ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ، ދުނިޔޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ޗައިނާ އެވެ. ދުނިޔޭގެ އެންމެ ބޮޑު އައުޓްބައުންޑް މާކެޓަކީ ވެސް ޗައިނާއެވެ. ދެހާސް އަށާރަ ވަނަ އަހަރު ޗައިނާގެ ފަތުރުވެރިން 277 ބިލިޔަން ޑޮލަރު ހޭދަކުރި އެވެ.
ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާވަރު އަންނަނީ އެއް އަހަރުން އަނެއް އަހަރަށް މަދުވަމުންނެވެ. ދެހާސް ސާދަ ވަނައަހަރު ޗައިނާއިން ރާއްޖެއަށް 363 ހާސްމީހުން ޒިޔާރަތް ކުރިއިރު 2018 ވަނައަހަރު ޒިޔާރަތްކުރީ 283 ހާސްމީހުންނެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ތިންވަނަ ތިން މަސް ދުވަހުގެ ނިޔަލަށް ޒިޔާރަތް ކުރީ 230 ހާސް މީހުންނެވެ. ފަތުރުވެރި ކަމަށް ދުނިޔޭގައި ދެވަނަޔަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އެމެރިކާ މީހުންނެވެ. ދެހާސް އަށާރަވަނަ ވަނައަހަރު 144 ބިލިޔަން ޑޮލަރު އެ ގައުމުގެ ފަތުރުވެރިން ހޭދަ ކުރި އެވެ. ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ އެމެރިކާގެ ފަތުރުވެރިން އަދި އުޅެނީ ވަރަށް ދަށުގަ އެވެ.
މި ލިސްޓުން ތިންވަނަ ހޯދަނީ 94 ބިލިޔަން ޑޮލަރު ހޭދަކޮށްގެން ޖަރުމަނުގެ ފަތުރުވެރިންނެވެ. ހަތަރުވަނައިގައި އުޅެނީ 76 ބިލިޔަން ޑޮލަރު ހޭދަ ކޮށްގެން އިނގިރޭސިވިލާތެވެ. ފަސްވަނައިގައި 48 ބިލިޔަން ޑޮލަރުގައި ފްރާންސް އޮތްއިރު ހަވަނައިގައި 37 ބިލިޔަން ޑޮލަރުގައި އޮތީ އޮސްޓްރޭލިޔާ އެވެ. އެހެނަސް، އޮސްޓްރޭލިޔާއިން އެކަށީގެންވާ އަދަދަކަށް، ރާއްޖެއަށް މީހުން އަންނަން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އެ އަހަރު 27360 މީހުން ރާއްޖެ ޒިޔާރަތް ކުރިއިރު 2018 ވަނައަހަރު 37254 މީހުން ޒިޔާރަތް ކޮށްފައި ވެއެވެ.
އަހަރުތަކަކަށްފަހު ޖަޕާނުން އަންނަ ފަތުރުވެރިން، އަހަރުން އަހަރަށް އިތުރުވާން ފަށާފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. އިންޑިޔާއިން އަންނަ ފަތުރުވެރިން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. މީގެ އިތުރުން ވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ގުޅުންހުރި ތަފާތު އެތައްކަމެއް، ރާއްޖޭގެ ވިޒިޓާ ސާވޭގައި ފާހަގަ ކުރވިފައި ވެއެވެ.
އެ ދިރާސާއިން ދައްކާ ގޮތުން ރާއްޖެއަންނަ މީހުންގެ 64 ޕަސެންޓް މީހުން ރާއްޖެއާބެހޭ މައުލޫމާތު ހޯދަނީ އިންޓަނެޓްގެ ޒަރީއާއިންނެވެ. އަދި 57 ޕަސެންޓް މީހުންނަށް ރާއްޖޭގެ މައުލޫމާތު ލިބެނީ އެހެން މީހަކު އެވާހަކަ ކިޔައިދީގެނެވެ. އަދި 13 ޕަސެންޓް މީހުން ރާއްޖޭގެ މައުލޫމާތު ހޯދީ ތަފާތު މެގަޒިންތަކުންނެވެ. އަދި ޓީވީގެ ޒަރީޔާއިން ރާއްޖޭގެ މައުލޫމާތު ހޯދާފައިވަނީ 10 ޕަސެންޓް މީހުންނެވެ.
މީގެ އިތުރުން ވެސް، މިފަދަ ދަނޑިވަޅެއްގައި ރާއްޖެ އިޝްތިހާރުކޮށް މާކެޓް ކުރުމުގައި ކުރި ހޯދި ދާނެ ކިތަންމެ ކަމެއް އެދިރާސާ ރިޕޯޓްގައި ހިމެނިފައި ވެއެވެ. އެއާއެއްގޮތަށް ކަންކަން ރާވާ ހިންގާލެވިއްޖެނަމަ ފައިދާތަކެއް ލިބޭނެކަން ކަށަވަރު ކުރެވޭއިރު، ޓާގެޓް މާކެޓްތަކަށް ފަސޭހައިން ވާސިލްވުމަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަކުރެވުމުގެ ފުރުސަތު ވެސް ނުހަނު ބޮޑެވެ.