މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅުގައި ހިއްކޭ ބިމުގެ ސަރަހައްދަށް ބަދަލުކުރާއިރު އެ ސަރަހައްދުގައި އެޅޭނީ ވަރަށް އަވަހަށް ފުރިގެންދާނެ ވަގުތީ ބަނދަރެއް ކަމަށް ވިދާޅުވެ، ސަރުކާރުގެ މަޝްރޫއަށް ކުރީގެ ހައުސިން މިނިސްޓަރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކެބިނެޓުން ނިންމާފައި ވަނީ ގުޅިފަޅު ހިއްކައިގެން ލިބޭ ބިމުގެ ސަރަހައްދަށް އެ ބަނދަރު ބަދަލު ކުރުމަށެވެ.
އެކަމާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތިލަފުށީގައި މި ސަރަހައްދުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރު އޅޭނެ ޖާގަ ވެސް އެބަ އޮތް ކަމަށެވެ. ގުޅިފަޅުގައި ބަނދަރު އަޅާނަމަ އަވަސް ކުރު މުއްދަތެއްގެ ތެރޭގައި ފުރިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގުޅިފަޅަކީ ކުރު މުއްދަތެއްގައި ފުރޭނެ ވަގުތީ ޕޯޓްއެއް، ތިލަފުށީގައި މި ސަރަހައްދުގެ އެންމެ ބޮޑު ޕޯޓް ހެދޭނެ ޖާގަ އެބަ އޮތް،" މުއިއްޒުގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ގުޅިފަޅު ބޭނުން ކުރަންވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ހައްލެއްގެ ގޮތުން ގޯތި ދިނުމަށާއި ފްލެޓް ދިނުމަށެވެ. ގުޅިފަޅުގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކާފައި ލިބޭނެ ބިމުގެ ސަރައްދުން ވެސް ގޯއްޗާއި ފްލެޓް ދޫކުރަން ސަރުކާރަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅިފަޅުގައި މިދިޔަ ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. ގުޅިފަޅުގައި މިހާރު ހިއްކާފައިވާ ބިމުގެ ސަރަހައްދު ވެސް ހިއްކާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ތަނުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ. ނަމަވެސް އެ މަސައްކަތް އޮތީ ފަހުން ހުއްޓިފަ އެވެ.
މާލޭގެ ވިޔަފާރި ބަނދަރު ބަދަލު ކުރަން ބޭނުންވާ ބިމުގެ ސަރަހައްދަށް ގުޅިފަޅު ހިއްކަމުންދާއިރު އޭގެ ސަބަބުން ވިލިމާލެ ފަރަށް ކިސަޑުއެޅި ތިމާވެއްޓަށް ވެސް އަސަރުތަކެއް ކުރަމުންދާތީ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މައްސަލަ ދިރާސާކުރި އެވެ. އެ ކޮމިޓީން ވެސް ލަފާ ދެނީ ގުޅިފަޅުން ފްލެޓް އަޅަން ބިމެއް ކަނޑައެޅުމަށެވެ.