އެޓާނީ ޖެނެރަލް

427 ކަމަކާ ގުޅޭ ގޮތުން ގާނޫނީ ލަފާދީފި

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 427 ކަމަކާ ގުޅޭގޮތުން ގާނޫނީ ލަފާދީފައިވާ ކަމަށް ބަންޑާރަނާއިބްގެ އޮފީހުން ބުނެފި އެވެ.

ބަންޑާރަނާއިބްގެ އޮފީހުން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ އޮފީހުން ދިން ލަފާގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ އޮފީހުން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން 440 ކަމަކާ ގުޅޭގޮތުން ގާނޫނީ ލަފަޔަށް އެދިފައިވެއެވެ. އޭގެ ތެރެއިން 427 ކަމަކާ ގުޅޭ ގާނޫނީ ލަފާ ދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ ތެރޭގައި ބިލް ތަސްދީގު ކުރުމާއި ގުޅޭގޮތުން ދިން ހަތަރު ލަފަޔަކާއި އެއްބަސްވުންތަކާއި ގުޅޭގޮތުން ދިން 156 ލަފަޔެއް ހިމެނެއެވެ. އަދި ގަވާއިދުތަކާއި ގުޅޭގޮތުން 55 ލަފަޔެއް ދީފައިވާއިރު އުސޫލުތަކާއި ގުޅޭގޮތުން 30 ލަފަޔެއް ދީފައިވެއެވެ.

މީގެ އިތުރުން މުއާހަދާތަކާއި ގުޅޭގޮތުން ހަ ލަފަޔެއް އަދި އެހެނިހެން ކަންކަމާއި ގުޅިގެން 178 ލަފަޔެއް އޭޖީ ވަނީ ދެއްވާފައެވެ.