ހުސައިން ފިޔާޒު މޫސާ

މާލީ ބަޔާން އާންމުކުރަން ލާޒިމްކުރުން މުހިންމު: ކޮމިޝަނަރު

މާލީ ބަޔާން އާންމު ކުރަން ލާޒިމު ކުރުމަކީ މުހިންމު ކަމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މެންބަރުންގެ އަނބިން / ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އާންމުނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވަނިކޮށެވެ. މެންބަރުގެ އާއިލާގެ މާލީ ބަޔާންތައް އާންމުނުކުރާ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން 62 ފާސްކުރީ މެންބަރުންގެ ވޯޓުންނެވެ. ގަވާއިދު އެ ގޮތަށް އިސްލާހު ކުރަން ނުފެންނަ ކަމަށް މެންބަރަކު ވޯޓު ދެއްވި އެވެ. އެ އިސްލާހަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ގެންނެވި އިސްލާހެކެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އެ ރައްޔިތުންގެ ފައިސާއިން މުސާރަ ދޭ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމްކުރުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

"އަދި ހަދިޔާ އާއި މަސްލަހަތު ފުށުއެރުން ރެޖިސްޓްރީކުރުން ވެސް މުހިންމު. އަޅުގަނޑާއި އައިކޮމްގެ މުވައްޒަފުންނަށް މިފަދަ އުސޫލެއް މިދަނީ އެކުލަވާލަމުން. ހާމަކުރި ވަރަކަށް ނަޒާހަތްތެރިވާނެ،"

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މާލީ ބަޔާންތައް މެންބަރުން ހުށަހަޅަން ޖެހެނީ ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިންނެވެ. ހުށަނާޅައިފިނަމަ، ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހެ އެވެ. ސަސްޕެންޝަންގެ މުއްދަތުގައި މެންބަރުގެ މުސާރަ ވެސް ކެނޑިގެންދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ.