މުޒާހަރާ

ޖިންސީ ގޯނާއާ ދެކޮޅަށް މަޖިލީހުގެ އިދާރާގައި އަޑުއުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ފުލުހުންގެ ހިދުމަތުގެ ބިލަށް ހިޔާލު ހޯދުމުގެ އާންމު ބައްދަލުވުމުގައި ޖިންސީ ގޯނާއާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ އަޑުއުފުލައި އިހްތިޖާޖު ކޮށްފި އެވެ.

މަޖިލީހުގެ އިދާރާގައި މި ބައްދަވުން ފެށިއިރު އިހުތިޖާޖްގެ ބައިވެރިން ހިމޭން ކަމާއެކު އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއެކު އާންމުން ތިބެން ހަމަޖައްސާފައިވާ ގޮނޑިތަކުގައި ތިއްބެވެ. އެ މީހުން ގެންގުޅު ު ބޯޑުތަކުގައި "ޒީރޯ ޓޮލެރެންސް ކޮބައިހޭ؟" ސުވާލު ކުރާ ބޯޑުތަކާއި "ކުޑަކުދިން ހިމާޔަތް ކުރޭ" ފަދަ ޝުއޫރުތައް ހިމެނެ އެވެ.

މި ބައްދަލުވުމުގެ ތެރެއިން އިހުތިޖާޖްގެ ބައިވެރިން ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުތައް ވެސް ކޮށްފަ އެވެ. އަދި ޖިންސީ ގޯނާގެ ޝިކާރައަކަށްވާ މީހުންގެ ހިމާޔަތުގައި ކުރެވިފައިވާ މަސައްކަތްތަކާއި އާ ބިލުން ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ސުވާލު ކުރި އެވެ.

އެ ސުވާލުތަކުގެ ޖަވާބުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ ކުށް ކުރާ މީހާއަށް ހައްގު އަދަބު ދިނުމުގެ ގޮތުން އަނިޔާ ލިބޭ ފަރާތުގެ ހިމާޔަތަށް ވެސް ފުލުހުން މަސައްކަތް ކުރާ ކަމަށެވެ. އަދި ވިދާޅުވީ ވިކްޓިމްއަށް ސަޕޯޓް ކުރަން ހާއްސަ ޑެސްކްއެއް ވެސް ހުންނަ ކަމަށާއި ޓްރައިން ޕްރޮފެޝަނަލް މުވައްޒަފުން މެދުވެރިކޮށް ވިކްޓިމްއާ މުއާމަލާތް ކުރާ ކަމަށެވެ.

ބައްދަލުވުމުގައި ސުވާލު ކުރުމުގެ ފުރުސަތު ބަންދުކުރި ހިސާބުން އިހްތިޖާޖުގެ ބައިވެރިން ކޮޅަށް ތެދުވެ އަޑުއުފުލަން ފެށި އެވެ. މި ގޮތުން ޖިންސީ ގޯނާއަށް އޮތް ޒީރޯ ޓޮލެރެންސްގެ ސިޔާސަތުގައި ކޮބައިތޯ ސުވާލުކޮށް އެ މީހުން އަޑު އުފުލި އެވެ. އަދި ކުޑަކުދިން ހިމާޔަތް ކުރުމަށް ވެސް ގޮވާލި އެވެ.