ބޮލީވުޑް

ބޮލީވުޑް އެކްޓަރުންގެ ފީ ކުޑަކޮށްދޭން ޕްރޮޑިއުސަރުން އެދިއްޖެ

ކޮވިޑް-19ގެ ކުރިން އެކްޓަރުންނަށް ދެމުން ގެންދިޔަ ފީ ދެން ނުދެވޭނެ ކަމަށާއި އެމީހުން އަމިއްލައަށް ފީތައް ކުޑަކޮށްދިނުމަށް ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ކުރީގައި އުޅޭ ހުރިހާ އެކްޓަރުންގެ ކިބައިން ޕްރޮޑިއުސަރުން އެދިއްޖެ އެވެ.

މިކަން އަދި ރަސްމީކޮށް އެކްޓަރުންނަށް ނޭންގި ނަމަވެސް އަނގަ ބަހުން މި ވާހަކަ ޕްރޮޑިއުސަރުން ވަނީ އެކްޓަރުން ކައިރީ ބުނެފަ އެވެ. އަދި ކޮރޯނާވައިރަހުގެ ވަބާގެ ކުރިން ނަގަމުން އައި އަގު ދޭން މިހާރު އެކަކުވެސް ޑިމާންޑް ކޮށްގެން ނުވާނެ ކަމަށް ޕްރޮޑިއުސަރުން ފިލްމީ ތަރިންނަށް އަންގާފައިވާ ކަމަށް ވެއެވެ.

ބޮލީވުޑް ފިލްމުތައް އުފައްދައި ޑައިރެކްޓްކުރުމުގެ މަސައްކަތްކުރާ މީހަކު އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި މިހާޜު މުޅި ދުނިޔެ ވެސް މިވަނީ ބަދަލުވެފަ އެވެ. ފިލްމީ ދުނިޔެ ވެސް މިހާރު ކުރިޔާ ވަރަށް ބޮޑަށް ތަފާތެވެ.

ބަލިމަޑުކަމުގެ ސަބަބުން ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވާތީ ހުރިހާ އެންމެންނަށް ވެސް ފައިސާގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ. މީގެ އަސަރު އެންމެ ބޮޑަށް ނުކުރާނީ ފިލްމީ ތަރިންނަށް ކަމަށް ޕްރޮޑިއުސަރު ދެކެ އެވެ. ސަބަބަކީ އެމީހުން އަތުގައި ތިން ހަތަރު ފަހަރު ދުނިޔޭގައި އުޅޭހާ ވެސް ފައިސާ މިހާރު އެއްކުރެވިފައި ހުންނާނެ އެވެ. ނަމަވެސް 50-60 ކްރޯޑު ފީ ނެގި ޒަމާން މިހާރު ފާއިތުވެއްޖެ އެވެ. އެހެންވީމާ އެންމެ އަގުބޮޑު ތަރިންނަށް މިހާރު އޮތް ގޮތަކީ އަގުތައް ކުޑަކުރުމެވެ. ނޫނީ ފިލްމު ކުޅުމާ ދުރަށް ދިއުން ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

ބޮލީވުޑް ބައެއް ސުޕަސްޓާރުން ފިލްމު ކުޅެދޭން ވަރަށް ބޮޑެތި ފީތައް ނަގަ އެވެ. އަނެއްކޮޅުން އާމިރު ޚާނާއި އަކްޝޭ ކުމާރު ފަދަ ތަރިން ކުރާ ކަމަކީ އެ ފިލްމެއްގެ ކޯ-ޕްރޮޑިއުސަރަކަށް ވެގެން ފިލްމުން ލިބޭ ފައިދާ ޝެއާ ކުރާ ގޮތަށް ކޮންޓްރެކްޓް ހަދަނީ އެވެ.

އެހެން ޕްރޮޑިއުސަރަކު ބުނި ގޮތުގައި ފައިސާ ދޭ މޮޑެލް އަށް ވެސް ދެން ބަދަލުތަކެއް އަންނާނެ އެވެ. ފިރިހެން ތަރިންނަށް މީގެ ކުރިން ދެމުން އައި ފީތައް ޕްރޮޑިއުސަރުންނަކަށް ދެނެއް ނުދެވޭނެ އެވެ. ވަރަށް ބޮޑު ރިސެޝަނަކަށް ދަނެ ކަން ޔަގީން ކަމަށާއި އޭ-ލިސްޓުގައި ހިމެނޭ އެންމެ އަގުބޮޑު ތަރިންނަށް ކުރިން ދެމުން އައި ވަރަށް ނުދެވޭނެ ކަމަށް އޭނާ ވެސް ބުންޏެވެ.

"އެމީހުންނަށް ޖެހޭނީ އަމިއްލައަށް ފީތައް ކުޑަ ކުރަން. އެނޫން އެއްވެސް ގޮތެއް މިހާރަކު ނެތް،" ޕްރޮޑިއުސަރު ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ބޮޑެތި އެކްޓަރުންގެ މުސާރަތައް ކުޑަކުރުމަކީ ފިލްމު އިންޑަސްޓްރީގެ ސަލާމަތަށްޓަކައި ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެން ނޫންނަމަ އިންޑަސްޓްރީގެ ދުވަސް ދާނެ އެވެ.