އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން ސަރުކާރުން އެންގި ނަމަވެސް، އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ފަށައިފި އެވެ.
ކޮންގްރެސް ކުރިއަށް ދަނީ، އެފްއޭއެމްގެ ހައުސްގަ އެވެ. ކުލަބުތަކުގެ މަންދޫބުންނާއި އެފްއޭއެމްގެ ވެރިންވެސް ވަނީ ކޮންގްރެސް އަށް ހާޒިރު ވެފަ އެވެ.
މީޑިއާ ދައުވަތު ދީފައި ނުވަނީ ކޮންގްރެސް ބާއްވަން ތައްޔާރު ކޮށްފައިވާ ތަނުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން ޖެހުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ. އެހެންނަމަވެސް ކޮންގްރެސްއަށް ފަހު މިއަދު 6:30 ގައި ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް އެފްއޭއެމުން ވަނީ މިޑިއާތަކަށް އަންގާފަ އެވެ.
އިންތިހާބު ފަސް ކުރުމަށް ސަރުކާރުން އެންގީ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އެފްއޭއެމްގެ މައްސަލަ ދިރާސާ ކުރަމުންދާތީ އެކަން ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް ޔޫތު ސްޕޯޓްސް މިނިސްޓްރީއަށް މަޖިލީހުން އެންގުމުންނެވެ. އްޔިތުންގެ މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކޮށް ޔޫތު މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި ވަނީ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ މައްސަލަ ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމް އަންގެމަށެވެ. މިނިސްޓްރީގެ ތަރުޖަމާން މިއަދު ހަތަރެއް ޖެހިއިރު މިޑިއާގެ ވައިބާ ގުރޫޕަށް މެސެޖު ކުރައްވައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން އެދުނު ގޮތަށް އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމްގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
އާޒމު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާ އެއް ގޮތަށް މަހަކު އެއް ފަހަރު ހިންގާ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށާއި ކޮމިޓީގައި ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު ބާއްވާފައި ނުވާ ކަމަށެވެ. ގަވާއިދުގައި ބުނާ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް ވެސް އެފްއޭއެމް އިން އުފައްދާފައިވާ ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި އެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނުތަކާއި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާއިރު ވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.
އާޒިމުގެ އެ ގަރާރު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ފެންނަކަމަށް ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. އެ މައްސަލަ މަޖިލީހުން ދިރާސާ ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ފީފާއިން އިއްޔެ އެފްއޭއެމް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމްގެ އިންތިހާބަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު އަތުވެއްޖެނަމަ ރާއްޖެއަށް ސަސްޕެންޝަންގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.