އެފްއޭއެމްގެ އިންތިހާބު

އެފްއޭއެމްގެ އިންތިހާބު ސަރުކާރުން ބަލައިގެންފި

ޖުލައި މަހު ކުރީކޮޅު ބޭއްވި އެފްއޭއެމްގެ އިންތިހާބު، ސްޕޯޓްސް ކޮމިޝަނާ އޮފީހުން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމު ވަނީ މީގެ ކުރިން އެފްއޭއެމްގެ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާފަ އެވެ. އެފްއޭއެމްގެ އިންތިހާބު ސަރުކާރުން ބަލައިގަތީ، އިންތިހާބު ބޭއްވިތާ ދެ މަސް ފަހުންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯ ބަލައިގަތް ކަމުގެ ލިޔުން، ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމްގެ އަތްޕުޅުން، މިއަދު ބައްސާމް ވަނީ ހަވާލުވެ ވަޑައިގެންފަ އެވެ. އެފްއޭއެމްގެ އިންތިހާބު ބޭއްވީ ޖުލައި ދެ ވަނަ ދުވަހު އެވެ. އެ ދުވަހު އިންތިހާބު ބޭއްވުމުގެ ކުރިން، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ އިންތިހާބު މަޑުޖައްސާލަން އަންގަވާފަ އެވެ. ނަމަވެސް ތިން ވަނަ ފަރާތެއްގެ ނުފޫޒަށް ޖާގަ ދެވެން ނެތް ކަމަށް ހާމަކޮށް އެފްއޭއެމުން އެ ދުވަހުގެ އިންތިހާބު ކުރިއަށް ގެންދިޔަ އެވެ.

އަލީ އާޒިމު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އޭރު ދިރާސާ ކުރަމުން ދިޔަ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެ، މަހްލޫފް ވިދާޅުވީ އިންތިހާބު ފަސް ކުރަން އެންގީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް އަންގަން އެދުމުން ކަމަށެވެ.

ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ނައިބު ރައީސުންނަކީ، ކުރީގެ ފޯވަޑް އަލީ އުމަރާއި ބައްސާމްގެ ކުރީގެ އެކްސްކޯގައި ވެސް ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، ބައްސާމްގެ ކުރީގެ ނައިބު ރައީސް އަހްމަދު ޝަކީބު، ކުރީ ދައުރުގެ އެކްސްކޯ މެންބަރުގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.