ފިނިޕޭޖް

ތަރިންގެ ނުރަ ބޮލާއި ތުނބުޅި ލޮކްޑައުންގައި ފެނިއްޖެ

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ބޮލީވުޑްގެ ހުރިހާ ތަރިން ވެސް ގޭގޭގައި ލޮކްޑައުން ވެފައި ތިބުމުގެ ސަބަބުން އެ ތަރިންގެ ހަގީގީ ސިފަ ބެލުންތެރިންނަށް ފެންނަ ގޮތް ވެއްޖެ އެވެ. ހަގީގަތުގައި އެމީހުންގެ ތުނބުޅި އާއި ބޮލުގައި ހުރީ ކިހާ ނުރައެއް ކަމެއް އަދި އެމީހުން އުމުރުން ދުވަސްވެފައި ހުރި ވަރެއް ފިލްމު ބަލާ މީހުންނަކަށް މީގެ ކުރިއަކުން ނޭނގެ އެވެ. ސަބަބަކީ މި އެކްޓަރުން އާންމުކޮށް ފެންނަނީ ފިލްމުތަކުންނާއި ޓީވީ ޝޯތަކުން ކަމަށް ވާތީ އެވެ.

ފިލްމުތަކުގައި ތަރިން ތިބެނީ އެމީހުންގެ ކެރެކްޓާއަކާ ގުޅޭ ގޮތަކަށް ތައްޔާރު ވެގެން ކަމަށް ވާތީ އެ މީހާގެ އަސްލު ސޫރައެއް ފިލްމަކުން އެއްގޮތަކަށް ވެސް ނުފެނެ އެވެ. އަނެއްކޮޅުން ޓީވީ ޝޯތަކަށް އަރާއިރު ވެސް ގަދަޔަށް މޭކަޕްކޮށްފައި ތިބޭނީ އެއީ ވެސް އެމީހުން އަސްލު ތިބޭ ގޮތް ނޫންކަން ޔަގީންވެ އެވެ.

ނަމަވެސް ލޮކްޑައުންގައި ހޭދަކުރި މުއްދަތުގައި ފިލްމީ ތަރިންނަށް އުޅެން ޖެހުނީ މޭކަޕްއަޕް ނުކޮށް އެމީހުންގެ އިސްތަށިގަނޑާއި ތުނބުޅީގައި ހުރި ނުރަތައް ވެސް ކަޅު ނުކޮށް ކަމުން އެމީހުންގެ އަސްލު ސޫރަ ހާމަވީ އެވެ.

އެގޮތުން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެއް އެކްޓަރަކީ އާމިރު ޚާނެވެ. "ދަންގަލް" ގެ ބޮޑު ބައެއްގައި އާމިރު ހުރީ ނުރަބޮލެއް ލާފައި ނަމަވެސް އެއީ އަސްލު އޭނާގެ ސިފަ ނޫންކަން އެންމެންނަށް ވެސް ގަބޫލު ކުރެވުނެވެ. ނަމަވެސް ލޮކްޑައުންގައި ހުރިއިރު އޭނާ ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމުން ހަގީގަތުގައި ވެސް އޭނާގެ ބޮލުގައި މިހާޜު ގިނައީ ކަޅު އިސްތައްޓަށް ވުރެ ނުރަކަން ޔަގީންވި އެވެ. ދަރިފުޅު އީރާ އާ އެކު ނަގާފައިވާ ފޮޓޮއެއްގައި އާމިރު ފެނުނީ ވަރަށް އުމުރުން ދުވަސްވެފައިވާ އަދި ބޯ ނުރަވެފައިވާ މީހެއްގެ ސިފައިގަ އެވެ.

ރިތިކް ރޯޝަން އަކީ ބޮލީވުޑްގެ އެންމެ ރީތި އެކްޓަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ލޮކްޑައުންގައި ރިތިކް ނަގާފައިވާ ފޮޓޯތަކުން އޭނާއަށް ވެސް އުމުރުން ދުވަސްވުމުން އަންނަ ބަދަލުތައް ވަރަށް ބޮޑަށް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ. ބޮލުގައި ކެޕެއް އަޅާފައިވާތީ އިސްތަށިތަކުގެ ހާލަތު ނޭނގުނަސް ތުނބުޅި ވަރަށް ބޮޑަށް ނުރަވެފައިވާކަން ޔަގީން ކުރެވުނެވެ.

ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރުގެ ފޮޓޯ ތަކުން ވެސް ފެނުނީ ހަމަ މިފަދަ މަންޒަރެކެވެ. ތުނބުޅި ވަރަށް ބޮޑަށް ނުރަވެ އުމުރުން ދުވަސްވެފައިވާ ކަމުގެ ނިޝާންތައް ވަރަށް ބޮޑަށް މި ދެ ތަރިންގެ މޫނުން ވެސް ފެންނަން ހުއްޓެވެ.
އަޖޭ ދޭވްގަން އަކީ މިހާރުއްސުރެ ވަރަށް ޒުވާންކޮށް ފެންނަ އެކްޓަރެއް ނަމަވެސް އޭނާގެ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއަކުން އޭނާ ވެސް މިހާޜު އަސްލު ހުންނަނީ ވަރަށް ބޮޑަށް ތުނބުޅި އާއި އިސްތަށީގަނޑު ނުރަކޮށް ކަން ވަނީ ހާމަވެފަ އެވެ.

އެންމެ ބޮޑަށް ދުވަސްވީ ކަމަށް ދައްކާފައިވަނީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އެވެ. ކަރަން އިންސްޓަގްރާމް ކުރި ފޮޓޮއެއްގައި އޭނާގެ ބޮލުގެ އިސްތަށީތައް ވަރަށް ބޮޑަށް ނުރަވެފައި ހުއްޓާ ފެނިފައި ވެއެވެ. ނަމަވެސް އެންމެން އޭނާއަށް މަލާމަތްކުރަން ފެށުމުން އަވަހަށް ބޯ ކަޅުކޮށްގެން ފޮޓޯ ނަގާ ކަރަން ވަނީ ސޯޝަލް މީޑިއާގައި އެ ފޮޓޯ ޝެއާ ކޮށްފަ އެވެ.