ބޮލީވުޑް

ކިޔާފައިވާ ގިނަ ލަވަތަކުގެ އަގު އަދިވެސް ނުލިބޭ: ސުނީދީ

ލަވަކިޔައިދިން ގިނަ ފިލްމު ތަކުގެ އަގު ނުލިބޭ ކަމަށް ސުނީދީ ޗައުހާން ބުނެފި އެވެ.

ސުނީދީ ޗައުހާން އަކީ އިންޑިއާގައި ތިބި ޕްލޭބެކް ލަވަކިޔުންތެރިންގެ ތެރޭގައި ވަރަށް ބޮޑަށް ފާހަގަކުރެވޭ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ.

ސުނީދީއަށް ތިން ފިލްމްފެއާ އެވޯޑާއި އެއް ފިލްމްފެއާ ސައުތު އެވޯޑު ވެސް ލިބިފައިވެ އެވެ.

ބޮލީވުޑްގައި މަސައްކަތް ކުރާ ފަންނާނުންނާ އެކު ކުރިއަށް ގެންދާ "ޕޮޑްކާސްޓް އޮފް ރާޖް ޝަމާނީ"ގައި މިއުޒިކް އިންޑަސްޓްރީން ފެންނަން ބޭނުންވާ ބަދަލަކީ ކޮބައިތޯ ސުނީދީއާ ސުވާލުކުރުމުން އޭނާ ބުނީ މިއުޒިކް އިންޑަސްޓްރީގައި ބަދަލުކުރަން ބޭނުންވާ އެއް ކަމަކީ ފިލްމުތަކުގައި ލަވަކިޔާ ނުވަތަ ފިލްމު ކުޅުމަށްފަހު ދޭންޖެހޭ އުޖޫރަ ވީހާވެސް އަވަހަށް އިންސާފުވެރި ކަމާއެކު ލިބުން އަވަސްކުރުން ކަމަށެވެ.

ސުނީދީ ޗައުހާން ބުނީ ލަވަތަކުގެ ރެކޯޑިން ހެދުމަށްފަހު މަދުފަހަރު ނޫނީ އޭނާ އުޖޫރައެއް ނުނަގަ އެވެ. އެއީ ފިލްމުތަކުގެ ޕްރޮޑިއުސަރުންނަށް ކުރާ ސަޕޯޓެއްގެ ބޮޑުކަމުން ކުރާ ކަމެއް ކަމަށްވެސް ބުންޏެވެ.

ސުނީދީ ވަނީ ބޮލީވުޑް ފިލްމުތަކަށް މަޝްހޫރު ލަވަތަކެއް ކިޔައިދީފަ އެވެ. މީގެތެރޭގައި ޝީލާ ކީ ޖަވާނީ، ކަމްލީ، ކަޝްމީރު މައިން ޓޫ ކަންޔަކުމާރީ، ޑެސީ ގާލް، ދަ ޑިސްކޯ ސޯންގް އަދި ދާވަތު-އޭ-އިޝްކް ފަދަ ލަވަތައް ކިޔާފައިވެ އެވެ.