ބޮލީވުޑް

ސަރޯޖް: އިސްލާމްވި މަދު ފަންނާނުންގެ ތެރެއިން އެކަކު

ދެހާހަށް ވުރެ ގިނަ ލަވައަށް ނެށުންތައް ތައްޔާރު ކޮށްދީފައިވާ އަދި ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ މަންމައެއް ފަދަ ޓީޗަރު ސަރޯޖް ޚާން މިދިޔަ ހުކުރު ދުވަހު ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. ސަރޯޖް މި ދުނިޔެ ދޫކުރިއިރު ވެސް ވަރަށް ގިނަ ބަޔަކަށް ނޭނގޭ އެއް ކަމެއް އެބައޮތެވެ. އެއީ އޭނާ އުފަންވީ ހިންދޫ ދެމަފިރިއަކަށް ވެފައި ހަޔާތުގެ ކުރީކޮޅު ހޭދަކުރީ ހިންދޫ ދީނުގައި ކަމެވެ. އަދި އިސްލާމްވެފައި ވަނީ މާ ފަހުންނެވެ.

ގިނަ ބަޔަކަށް ހީވެފައި އޮތީ ސަރޯޖް ޚާން އޭނާގެ ނަން ބަދަލުކުރީ މުސްލިމަކާ ކައިވެނި ކުރަން ކަމަށެވެ. ނަމަވެސް އަދި އޭނާ ބަދަލުކުރީ ހަމައެކަނި ނަން ކަމަށާއި އިސްލާމް ދީނަށް ނޫޅޭ ކަމަށް ގަބޫލުކުރާ މީހުން ގިނަ އެވެ. ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ.

ވަރަށް ކުރިން ޕާކިސްތާނުގެ ޓީވީ ޗެނަލް އަކަށް ދިން އިންޓަވިއުއެއްގައި ސަރޯޖް ވަނީ އޭނާ އިސްލާމް ދީން ޚިޔާރު ކުރި ސަބަބު ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ސަރޯޖް ބުނެފައިވާ ގޮތުގައި އޭނާ އިސްލާމްވީ ސަރްދާރް ރޯޝަން ޚާން ނަމަކަށް ކިޔާ މީހަކާ ކައިވެނި ކޮށްފަ އެވެ. ނަމަވެސް އޭނާ އިސްލާމްވީ ހަމައެކަނި މުސްލިމަކާ ކައިވެނި ކުރަން ނޫން ކަމަށާއި އިސްލާމް ދީން ޚިޔާރުކުރީ އެ ދީނަށް އުޅެން ބޭނުންވާތީ ކަމަށް ސަރޯޖް ބުންޏެވެ.

"އަހަރެން އިސްލާމް ދީން ޚިޔާރުކުރީ ވަރަށް ބޮޑު ދެ ސަބަބަކަށްޓަކައި. ފުރަތަމަ ސަބަބަކީ ކުޑަ ކުދިން އިސްލާމް ދީނަށް އުޅެ، އަޅުކަންކުރާ މަންޒަރަކީ އަހަރެންގެ ހިތަށް ވަރަށް އުފާވެރިކަން ލިބޭ ހިތްހަމަޖެހޭ މަންޒަރަކަށް ވުން. ހިންދޫ ދީނުގައި ވެސް އަދި އެހެން އެއްވެސް ދީނަކުން އަހަންނަކަށް އެ ފަދަ މަންޒަރެއް ނުފެނޭ،" ސަރޯޖްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

ދެ ވަނަ ސަބަބެއް ކަމަށް ސަރޯޖް ބުނީ އޭނާއަށް ފެނުނު ހުވަފެނެކެވެ. އެ ހުވަފެނުގައި އޭނާއަށް ފެނުނީ ވަރަށް ޒުވާން އަންހެންކުއްޖަކު މިސްކިތެއް ތެރޭގައި ހުރެގެން އޭނާއަށް އަންނާށޭ ކިޔާފައި ގޮވާ ތަނެވެ. އެ ކުއްޖާ އޭނާއަށް ގޮވާނީ މަންމާއޭ ކިޔާފައި ކަމަށާއި އެ ކުއްޖާ އެތައް އިރެއް ވީއިރުވެސް އޭނާ އަށް ގޮވަމުން ދިޔަތަން ހުވަފެނުން ފެނުނު ކަމަށް ސަރޯޖްގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ. މިއީ އޭނާ އިސްލާމް ދީން ޚިޔާރު ކުރި ސަބަބު ކަމަށާއި އޭނާ އިސްލާމް ދީނަށް ވަނީ އެއްވެސް މީހަކު މަޖްބޫރުކޮށްގެން އަދި ޕްރެޝަރު ކޮށްގެން ނޫން ކަމަށް ސަރޯޖް ބުނެފައި ވެއެވެ.

ސަރޯޖް ވަޅުލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި މުމްބައިގައި ހުންނަ ގަބުރުސްތާނެއްގަ އެވެ.