ސުޝާންތު ސިންގް

ސުޝާންތުގެ ފަހު ފިލްމުގެ ޓްރެއިލާ: ފޭނުން ރޮއްވާލައިފި

އެންމެ ފަހު ފަހަރަށް ސުޝާންތު ސިންގް ރާޖްޕޫތު ސްކްރީނުން ދެކިލުމުގެ ފުރުސަތު އޭނާގެ ފޭނުންނަށް ލިބެން ކައިރި ވެއްޖެ އެވެ. އޭނާ މަރުވުމުގެ ކުރިން ކުޅުނު އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ވަރަށް އަވަހަށް ޑިޖިޓަލްކޮށް ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެ ފިލްމުގެ ފުރަތަމަ ޓްރެއިލާ މިދިޔަ ހޯމަ ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ. އެއާއެކު ސުޝާންތުގެ ފޭނުންގެ ލޮލުން އޮހޭ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބަން ފެށީ އެވެ.

ހަގީގަތުގައި މި ފިލްމުގެ ނަމަކީ ވެސް އަދި މައިގަނޑު މައުލޫއަކީ ވެސް ސުޝާންތުގެ ވަކިވެދިއުމާ ވަރަށް ގުޅޭ އެއްޗަކަށް ވަނީ ވެފަ އެވެ. ފިލްމަކީ ހަގީގަތުގައި ވެސް ވަރަށް ހިތާމަވެރި ހިތްދަތި ހާދިސާތަކެއް ފެނިގެންދާ ފިލްމަކަށް ވާތީ ޓްރެއިލާ ބަލާފައި ވެސް ގިނަ ބަޔަކު ޖަޒުބާތުގައި ޖެހުނީ އެވެ. ޚާއްސަކޮށް މިއީ އެމީހުންގެ ލޯބިވާ އެކްޓަރުގެ އެންމެ ފަހު ފިލްމުކަން ސުޝާންތުގެ ފޭނުންނަށް ޔަގީން ކުރެވޭތީ އެ މީހުންގެ ލޮލުން ފައިބާ ކަރުނަ ވެސް އިތުރުވީ އެވެ.

ޚާއްސަކޮށް ފިލްމުގެ އެއް ޑައިލޯގް ބެލުންތެރިންގެ ހިތުގެ އެންމެ ހިމަ ނާރާ ވެސް ވަނީ ކުޅެލާފަ އެވެ.

"އުފަންވާނީ ކޮން އިރަކުންތޯ މަރުވާނީ ކޮން އިރަކުންތޯ މިއީ އަހަރެމެންނަށް [އިންސާނުންނަށް] ނިންމޭނެ ކަމެއް ނޫން. ނަމަވެސް ދިރިއުޅޭނީ ކިހިނެއްކަން އަހަރެމެންނަށް ނިންމި ދާނެ،" މިއީ ސުޝާންތު އެ ފިލްމުގައި ބުނާ ވާޙަކަ އެކެވެ.

އަލަށް ފިލްމު ކުޅެން ފެށި ބަތަލާ ސަންޖަނާ ސާންގީ އާއެކު ސުޝާންތު ކުލެފައިވާ މި ފިލްމުގެ ޓްރެއިލާއަކީ މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމު ޓްރެއިލާ ތަކުގެ ތެރެއިން އެއް ގަޑިއިރު ތެރޭ އެންމެ ގިނަ ބަޔަކު ދެ ވަނަ އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާގެ ރެކޯޑު ވަނީ ގާއިމް ކުރެވިފަ އެވެ.

ޓްރެއިލާ ރިލީޒްކުރިތާ އެންމެ ގަޑިއެއްގެ އިރު ތެރޭ މިލިއަނަކަށް ވުރެ ގިނަ މީހުން ޓްރެއިލާ ބަލާފައި ވެއެވެ. އަދި ސޯޝަލް މީޑިއާގައި މި ފިލްމުގެ ޓްރެއިލާ އެތައް އިރެއް ވަންދެން އެއް ވަނައިގައި ޓްރެންޑް ވަމުން ގޮސްފައި ވެއެވެ.

ރޯހިތު ޖެއިސްވާލް ކިޔާ ސުޝާންތުގެ ފޭނަކު މި ޓްރެއިލާ ބަލާފައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަގީގަތުގައި ވެސް މި ޓްރެއިލާ ބަލާފައި ރޮވިއްޖެ ކަމަށެވެ. ޚާއްސަކޮށް ސުޝާންތުގެ ޑައިލޯގުން ހިތަށް ވަރަށް އަސަރުކޮށްފި ކަމަށެވެ. މިއީ ރޯހިތު ނޫނަސް ވަރަށް ގިނަ ބައެއްގެ ޖަޒުބާތު ހުރި ގޮތެވެ.

"ދިލް ބޭޗާރާ" ގެ އޮފިޝަލް ޓްރައިލާ

"ދިލް ބޭޗާރާ" ގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ސުޝާންތު އެ ފިލްމު ކުޅެދޭން އެއްބަސްވީ ފިލްމުގެ ސްކްރިޕްޓް ނުވެސް ކިޔަ އެވެ.

"އަހަރެން ހަނދާން އެބަހުރި ވަރަށް ކުރިން ސުޝާންތު އަހަރެން ކައިރީގައި ބުނި ވާހަކައެއް. އެއީ ކޮންމެ ޒަމާނަކުން އަހަރެން ފިލްމެއް އުފެއްދިޔަސް އެ ފިލްމެއްގެ ލީޑް ރޯލު ކުޅެދޭން އޭނާ ހުންނާނީ ތައްޔާރަށް ކަމަށް. އޭނާ ވީ ވައުދު އޭނާ ފުއްދި. އަހަރެން 'ދިލް ބޭޗާރާ' އުފައްދަން ގަސްތުކޮށް ސުޝާންތު ކައިރީ އެ ވާހަކަ ބުނުމުން ވަގުތުން އޭނާ އާއެކޭ ބުނި. ސްކްރިޕްޓް ކިޔުމަކާ ވެސް ނުލާ. އަހަރެމެންގެ މެދުގައި ވަރަށް ވަރުގަދަ ގުޅުމެއް އެހާ ކުރިއްސުރެ ވެސް އޮތް،" ޑައިރެކްޓަރު ބުންޏެވެ.

"ދިލް ބޭޗާރާ" ސްޓްރީމް ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށީގެން ޑިޒްނީ + ހޮޓްސްޓާ އިންނެވެ.
މިއީ ވަރަށް މަޝްހޫރު ވާހަކައެއް ކަމަށްވާ "ދަ ފޯލްޓް އިން އަވަ ސްޓާޒް" ކިޔާ ވަރަށް އަސަރުގަދަ ރީތި ވާހަކައެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.