ބޮލީވުޑް

"ޗިޗޯރޭ"ގެ ނެޝަނަލް އެވޯޑު ސުޝާންތަށް ޚާއްސަކޮށްފި

މި އަހަރުގެ ނެޝަނަލް އެވޯޑަށް ހޮވުނު ފަރާތްތައް ހޯމަ ދުވަހު އިއުލާން ކޮށްފައިވާއިރު އެންމެ މޮޅު ހިންދީ ފިލްމުގެ އެވޯޑު ލިބިފައިވަނީ ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރު ތަރިންގެ ގޮތުގައި ހިމެނުނު "ޗިޗޯރޭ" އަށެވެ. ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އާއި ޑައިރެކްޓަރު ނިތޭޝް ތިވާރީ ވަނީ މި ފިލްމަށް ލިބުނު ފަޚުރުވެރި އެވޯޑު ފިލްމުގެ ބަތަލު ސުޝާންތަށް ޚާއްސަކޮށްފަ އެވެ.

މި އެވޯޑު ސުޝާންތަށް ޚާއްސަކޮށް ސާޖިދުގެ ފިލްމު ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުޝާންތުގެ ވަކިވެދިއުމުން ލިބުނު ގެއްލުން ދުވަހަކުވެސް ފޫނުބެއްދޭނެކަމަށެވެ. އަދި ފިލްމު ސުޝާންތުގެ ހަނދާނަށް ޚާއްސަ ކުރާ ކަމަށެވެ.

"ޗިޗޯރޭ" އަކީ ސުޝާންތު ކުޅެ އޭނާ ދުނިޔޭގައި ހުއްޓާ ރިލީޒްކުރި ފަހު ފިލްމެވެ. ފިލްމު ރިލީޒްކޮށްފައިވަނީ 2019 ގެ ސެޕްޓެމްބަރު 6 ވަނަ ދުވަހު އެވެ. ސުޝާންތު މަރުވީ 2020 ގެ ޖޫން 14 ވަނަ ދުވަހު އެވެ.

މިފަހަރުގެ ނެޝަނަލް އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ކަންގަނާ ރަނާވަތު އަށެވެ. "މަނީކަރްނީކާ" އާއި "ޕަންގާ" ގައި އޭނާ އަދާކުރި މޮޅު ރޯލުތަކުންނެވެ. މިއީ ކަންގަނާގެ ހަތަރު ވަނަ ނެޝަނަލް އެވޯޑެވެ. މީގެ ކުރިން "ކުއީން" އާއި "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އިން ކަންގަނާ އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ. އަދި "ފެޝަން" ކުޅެގެން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑު ދެ އެކްޓަރަކަށް ލިބުނެވެ. އެއީ މަނޯޖް ބަޖްޕާއީ އާއި ދަނުޝް އަށެވެ. މަނޯޖް އަށް ބެސްޓް އެކްޓަރުގެ އެވޯޑު ލިބުނީ "ބޯންސްލޭ" ކުޅެގެންނެވެ. ދަނުޝް އަށް ލިބުނީ "އާސޫރަން" ކުޅެގެންނެވެ.
އެންމެ މޮޅު ތެލުގޫ ފިލްމުގެ އެވޯޑޫ ލިބުނީ "ޖާޒީ" އަށެވެ. މި ފިލްމުގެ ހިންދީ ރިމޭކްގެ މަސައްކަތް މިހާރު ޝާހިދު ކަޕޫރު ގެންދަނީ ކުރަމުންނެވެ.

އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑު ލިބުނީ "ކެސާރީ"ގެ 'ތެރި މިއްޓީ' ލަވަ ކިޔައިދިން ލަވަކިޔުންތެރިޔާ އަށެވެ.