އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިފައިވާ ޑްރަގް މައްސަލައިގެ ތަހުގީގުގައި ސުވާލު ކުރަން ބޭނުންވާތީ އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހާޒިރުވުމަށް ބޮލީވުޑް ބަތަލާއިންގެ ތެރެއިން ދީޕިކާ ޕަދުކޯން އާއި ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ޚާން އާއި ރަކުލް ޕްރީތު ސިންގް އަށް އަންގައިފި އެވެ. އަދި ޑިޒައިނާ ސިމޯން ކަމްބައްޓާ އަށް ވެސް އެ އެޖެންސީއަށް ހާޒިރުވާން އަންގާފައި ވެއެވެ
ދީޕިކާ ހާޒިރުކުރާނީ މިއަދު އެވެ. ޝްރައްދާ އާއި ސާރާ އަށް އެ އެޖެންސީއަށް ހާޒިރުވާން ޖެހެނީ ސެޕްޓެމްބަރު 26 ވަނަ ދުވަހު އެވެ.
ސުޝާންތުގެ މަރުގެ މައްސަލަ ބަލަމުން ދިޔަ ސީބީއައި ޓީމަށް މި މައްސަލަ އާއި ޑްރަގް ބޭނުންކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާކަން ޔަގީން ކުރެވިގެން މައްސަލައިގެ ތެރެއަށް އެންސީބީ ޝާމިލު ކުރީ އެވެ. އަދި ސުޝާންތު މަރުވިއިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީ ހައްޔަރުކުރީ ސުޝާންތު އާއެކު އޭނާ ވެސް މަސްތުވާ ތަކެތި ބޭނުންކޮށްފައިވާ ކަމުގެ ހެކިތައް ލިބިގެންނެވެ.
މި މީހުންނަށް ޑްރަގް ފޯރުކޮށްދިން މީހުންގެ ތެރެއިން 12 ވަރަކަށް މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ޑްރަގް ވިޔަފާރިކުރާ މަޝްހޫޜު މީހުން ހިމެނެ އެވެ. މި ކަމުގައި ރިއާގެ ބައިވެރިވުން ބޮޑުކަން ކަށަވަރުވެގެން ރިއާ ހައްޔަރުކުރީ ސެޕްޓެމްބަރު 9 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖަހައިދިން 14 ދުވަސް ހަމަވެ މިހާޜު ވަނީ އަލުން 14 ދުވަސް ޖަހާފަ އެވެ.
މިހާޜު ބައިކުލާ ޖަލުގައި ހުރި ރިއާ ތަހުގީގަށް ދީފައިވާ ބަޔާންތަކުގައި ވަރަށް ގިނަ ބަތަލާއިންގެ ނަންތައް ހާމަކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ. ނަމަވެސް ރިއާގެ ވަކީލު ސަތީޝް މަނޭޝިންޑޭ ބުނެފައިވަނީ ރިއާ އެންސީބީއަށް ދީފައިވާ ބަޔާނުގައި އެއްވެސް ބަތަލާއެއްގެ ނަން ބުނެފައި ނުވާ ކަމަށެވެ.
ރިއާ ހައްޔަރުކުރިތަނާ އިންޑިޔާ މީޑީއާ އިން ބުނީ ބޮލީވުޑްގައި މިހާޜު މަސައްކަތްކުރާ އޭ-ލިސްޓް ނުވަތަ އެންމެ މަތީ ފަންތީގެ އެކްޓަރުންގެ ތެރެއިން 25 އެކްޓަރެއްގެ ނަން ޑްރަގާ ގުޅުވައި ރިއާ ހާމަކޮށްފައިވާ ކަމަށެވެ. ނަމަވެސް ރިއާގެ ވަކީލު މި ވާހަކަ އަދިވެސް ދަނީ ދޮގު ކުރަމުންނެވެ.
ދީޕިކާ އާއި އިތުރު ފިލްމީ ތަރިން އެންސީބީ އަށް ހާޒިރުކުރަނީ ރިއާ އާއި ސުޝާންތުގެ މެނޭޖަރު ޖާޔާ ސާހާގެ ފޯނުގައި ހުރި ވަޓްސްއަޕް މެސެޖުތަކެއްގައި ދައްކާފައި ހުރި ވާހަކަ ތަކަކަށް ބިނާކޮށް ކަމަށް ޚަބަރުތައް ބުނެ އެވެ.