އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން މިހާރު ބަލަމުންދާ މައްސަލައެއްގައި އެ އެޖެންސީއަށް ދެ ވަނަ ފަހަރަށް ހާޒިރުވާން އަންގާފައިވާ ބަތަލާ ދީޕިކާ ޕަދުކޯންގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް ފިލައިފި އެވެ.
މީގެ ކުރިން އެންސީބީން ވަނީ ކަރިޝްމާ އާއި ޕްރިޔަންކާ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެއީ އެ ދެ މީހުންގެ މެދުގައި 2017 ގައި ވަޓްސްއަޕް ބަދަލުކޮށްފައިވާ މެސެޖުތަކެއްގައި ޑްރަގް ހޯދުމާ ގުޅޭ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ކަރިޝްމާ ދެ ވަނަ ފަހަރަށް އެންސީބީއަށް ހާޒިރުވާން ޖެހެނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް ހާޒިރުވާން ޖެހޭ ވަގުތު ނުޖެހެނީސް ކަރިޝްމާ ދިރިއުޅޭތަން އެންސީބީން ރެއިޑް ކޮށްފި ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ. އަދި އެތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ކަރިޝްމާ އާއި ދީޕިކާގެ އިތުރުން ސާރާ އަލީ ޚާން އާއި ޝްރައްދާ ކަޕޫރު ވެސް އެންސީބީ އަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ.
ބޮލީވުޑް ތަރިން ތަކަކަށް ޑްރަގްގެ ތުހުމަތު ކުރެވުނީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން އެ މަރުގެ ތަހުގީގުގެ ތެރެއިން އެނގުނު ބައެއް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ.
އިންޑިޔާގެ ސީބީއައި އިން ބަލަމުންދާ ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ވަކި ހިސާބަކުން އޭނާ އާއި ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ޑްރަގް ބޭނުންކުރާ ކަމުގެ ހެކިތަކެއް ފެނުމުން އެންސީބީ އާ އެ ބައި ބަލަން ހަވާލު ކުރެވުނީ އެވެ.
އެންސީބީން މައްސަލަ ބަލަމުން ދިޔައިރު ސުޝާންތުގެ މެނޭޖަރު އާއި ދީޕިކާގެ މެނޭޖަރު ވަޓްސްއަޕް ގްރޫޕެއްގައި ދައްކާފައިވާ ވާޙަކަތަކެއްގައި ޑްރަގް ހޯދުމާ ގުޅޭ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބެލެވުނީ އެވެ. އަދި ސާރާ އާއި ޝްރައްދާ ވެސް ހާޒިރުކުރީ އެމީހުންނާއި ސުޝާންތުގެ މެނޭޖަރާ ދެމެދު ދެކެވިފައިވާ ވާޙަކަ ތަކެއްގެ މައްޗަށް ރިއާޔަތްކޮށްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ރިއާ މިހާރު ހުރީ ވަގުތީ ގޮތުން މިނިވަން ކޮށްފަ އެވެ. ނަމަވެސް ރިއާގެ ބޭބެ ޝޯވިކް އަދިވެސް ހުރީ ޖަލުގަ އެވެ. އަނެއްކޮޅުން ސުޝާންތުގެ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރި ވަރަށް ގިނަ މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުންނަށް ކުރާ ތުހުމަތަކީ ޑްރަގް ވިއްކާ މީހުންގެ އަތުން އެ އެއްޗެތި ގަނެ ސުޝާންތު އަށް ފޯރުކޮށްދޭ ކަމުގެ ތުހުމަތެވެ.