ދިޕިކާ ޕަދުކޯން

ރިއާގެ ޑްރަގް މައްސަލައަށް ދީޕިކާ ވެސް ވައްދައިފި

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ބެލުމުގެ ތެރެއިން ފެންމަތިވެގެން އުޅޭ ޑްރަގްގެ ބޮޑު މައްސަލައިގައި ވަރަށް ގިނަ ގިނަ ފިލްމީ ތަރިންނާ ސުވާލު ކުރަން އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތައްޔާރު ވަމުންދާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. އެގޮތުން ފާއިތުވީ ދުވަސްތަކުގައި އިންޑިޔާގެ މީޑިއާ ތަކުން ބުނެފައިވަނީ ސުޝާންތުގެ ފާމްހައުސްގައި އޭނާ ބޭއްވި ޕާޓީތަކަށް އެކި ފަހަރު މަތިން ގޮސްފައިވާ ސުޝާންތާއެކު އެކި ފިލްމުތަކުގައި ބައިވެރިވި ބައެއް ބަތަލާއިންނާ ސުވާލު ކުރަން އެންސީބީން އުޅޭ ކަމަށެވެ.

ޑްރަގް މައްސަލައިގައި ސުވާލުކުރާ ބަތަލާއިންގެ ތެރޭގައި ސާރާ އަލީ ޚާން އާއި ޝްރައްދާ ކަޕޫރު އަދި ރަކުލް ޕްރީތު ސިންގް ހިމެނޭ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް އިއްޔެ އިންޑިޔާގެ މީޑީއާ އިން ބުނެފައިވަނީ ދިޕިކާ ޕަދުކޯން އާ ވެސް ސުވާލު ކުރަން އުޅޭ ކަމަށެވެ. އަދި ދިއާ މިރްޒާ އާއި އެނޫންވެސް ބައެއް އެކްޓަރުންގެ ނަންތައް އިއްޔެ ވަނީ މީޑިއާ އިން ހާމަ ކޮށްފަ އެވެ.

އެގޮތުން ދީޕިކާގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝް އާއި ކުވާން ޓެލެންޓް މެނޭޖްމަންޓް އެޖެންސީގެ ސީއީއޯ ދުރޫވް ޗިޓްގޯޕޭކަރް ވެސް އެންސީބީއަށް ހާޒިރުކޮށްފައިވާ ކަމަށް ވެއެވެ. މި ޓެލެންޓް އެޖެންސީ އަކީ ސުޝާންތުގެ ކެރިއަރުގެ ކަންތައްތައް ވެސް ބަލަހައްޓަމުން ގެންދިޔަ އެޖެންސީ އެވެ.

ދީޕިކާގެ މެނޭޖަރަކީ ވެސް އެ އެޖެންސީގެ ވަޒީފާގައި ހުރި މީހެކެވެ. ސުޝާންތުގެ ޓެލެންޓް މެނޭޖަރު ޖާޔާ ސާހާ އާ ވެސް އެންސީބީން މިހާރު ސުވާލުކޮށްފައި ވެއެވެ. އަދި ޖާޔާގެ ފޯނު އަތުލައި އޭގައިވާ މައުލޫމާތުތައް އެންސީބީން މިހާރު އެއްކުރަމުންދާ ކަމަށް ވެއެވެ. ބޮލީވުޑް ތަރިންގެ ނަންތައް ޚާއްސަކޮށް ދީޕިކާގެ ނަން މިކަމުގައި ޝާމިލުކޮށްފައިވަނީ ޖާޔާ އާއި ދީޕިކާ އާ ދެމެދު ބަދަލުކުރެވިފައިވާ ވަޓްސްއަޕް މެސެޖުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެއެވެ.

މި މައްސަލައިގައި ޖާޔާ ވަރަށް އަވަހަށް ހައްޔަރުކުރާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

ދީޕިކާ އާ ޑްރަގް އާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތަކުގެ ސަބަބުން ދީޕިކާގެ ފިރިމީހާ އަދި އެކްޓަރު ރަންވީރު ސިންގް ވަނީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. އަދި މި މައްސަލައިގައި ރަންވީރު އާއި ދީޕިކާގެ އާއިލާއިން ވަރަށް ސާބިތު ކަމާއެކު ދީޕިކާގެ ހިމާޔަތުގައި ތިބި ކަމަށް ވެއެވެ.

ސުޝާންތު އާއި ރިއާ ބައިވެރިވާ ޑްރަގްގެ މައްސަލަތައް ބަލަމުންދާއިރު އެމީހުންނަށް ޑްރަގް ވިއްކި ކަމަށް ބުނާ އެ ވިޔަފާރީގައި އުޅޭ 12 ވަރަކަށް މީހުން ވެސް މިހާރު ހައްޔަރު ކޮށްފައި ވެއެވެ. މި މައްސަލައިގެ ތެރެއަށް ދިއާ މިރްޒާ ވެއްދީ ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަނޫޖް ކޭޝްވާނީ ކިޔާ މީހަކެވެ. ދިއާ އެދިގެން އޭނާ އަށް ޑްރަގް ސަޕްލައި ކޮށްދޭ ކަމަށް އެންސީބީގެ ތަހުގީގުގައި މި މީހާ ބުނެފައިވާ ކަމަށް އިންޑިޔާ މީޑިއާ އިން ބުނެ އެވެ. އަދި ވަރަށް އަވަހަކަށް މިކަމާ ގުޅޭ ގޮތުން ސުވާލުކުރަން ދިއާ ވެސް އެންސީބީ އަށް ހާޒިރުކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އޭނާގެ ނަން އިންޑިޔާގެ މީޑިއާ ތަކުން ކިޔަން ފެށުމައެކު ދިއާ ވަނީ ވަރަށް ގިނަ ޓުވީޓްތަކެއް ކޮށް މި މައްސަލައާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި މިއީ ކަނޑައެޅިގެން ދޮގު ހަދައިގެން އޭނާގެ ނަން ޚަރާބުކޮށް އޭނާގެ ފިލްމީ ކެރިއަރުގެ ދުވަސް ދުއްވާލަން ބަޔަކު ރާވައިގެން ގަސްތުގައި ކުރާ ކަމެއް ކަމަށް ދިއާ ބުނެފައި ވެއެވެ.

މި މައްސަލައިގައި ރިއާ ހައްޔަރުކޮށްފައި ހުންނަވާ 14 ދުވަސް ހަމަ ވުމުން އަންގާރަ ދުވަހު އަނެއްކާވެސް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފަ އެވެ.