އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ގިނަ ބަޔެއްގެ މަލާމާތާއި ފުރައްސާރައާއި ދޮގު އިލްޒާމްތަކާއި ބިރު ދެއްކުމާއި އެކި ކަހަލަ ތުހުމަތުތަކާ އެންމެ ބޮޑަށް ކުރިމަތިވީ ސުޝާންތު މަރުވިއިރު ރައްޓެހިވެގެން އުޅުނު ބަތަލާ ރިއާ ޗަކްރަބަތީ އަށެވެ.
ސުޝާންތުގެ މަރާ ގުޅިގެން ރިއާ އަށް ތުހުމަތު ނުކުރާ ކަމެއް ނެތެވެ. އިންޑިޔާގެ އެކިއެކި ޓީވީ ޗެނަލްތަކުން އެ ދުވަސްވަރު ރިއާގެ އަބުރު ކަތިލުން ނޫންކަމެއް ނުކުރެ އެވެ. ދުވާލު ހަތަރުދަމު އެ ޗެނަލްތަކުން ރިއާ އޭ ކިޔައިގެން ހަދަހަދައިގެން ދޮގު ޚަބަރުތައް ފަތުރަމުން ދިޔަ އެވެ. އަދި ސުޝާންތު މަރުވީ ރިއާ ގަސްތުގައި ކުރި ކަމަކުން ކަމަށް ދޭހަވާ ގޮތަށް ޚަބަރުތަކާއި ރިޕޯޓުތައް ގެނެސްދިނެވެ.
ރިއާގެ އިތުރުން އޭނާގެ މުޅި އާއިލާއަށް މިކަމުގައި ވަރަށް ބޮޑެތި ތަކުލީފުތަކާއި ބިރުވެރިކަން ތަހައްމަލު ކުރަން ޖެހުނެވެ. އެންމެ ފަހުން ޑްރަގުގެ މައްސަލައަކާ ސުޝާންތުގެ މަރު ގުޅުވައި އަދި ސުޝާންތަށް ޑްރަގު ދިނީ ރިއާ އާއި އޭނާގެ ބޭބެ ޝޯވިކް ކަމަށް ތުހުމަތުކޮށް އެ ދެބެން ޖަލުގައި ވެސް އެތައް ދުވަހަކު ބަހައްޓާފައި ވެއެވެ.
އާ އަހަރާ ދުނިޔެ ކުރިމަތިލާއިރު ރިއާ އާއި ބޭބެ ހުރީ ބެއިލް ބަހައްޓައިގެން ޖަލުން މިނިވަން ވެފަ އެވެ. އަދި އެމީހުންގެ މައްޗަށް ކުރި އެއްވެސް ތުހުމަތެއް ސާބިތު ކުރެވޭ ވަރުގެ ހެއްކެއް މުމްބައިގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ހޯދިފައި ނެތް ކަމަށް އިންޑިއާގެ ނޫސްތަކުން މިހާރު ބުނެ އެވެ. އެހެންކަމުން މި ފެށުނު އާ އަހަރަކީ ރިއާ އަށް ޒާތީ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުންވެސް ރަނގަޅު އަހަރަކަށް ވާން އޭނާއަށް ތާއީދުކުރާ މީހުން އުންމީދު ކުރެ އެވެ.
ރިއާ އާއި ސުޝާންތުގެ ލޯބީގެ ހަޔާތާއި އެމީހުންގެ ޒާތީ އަދި ޕްރޮފެޝަނަލް ގުޅުމުގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭ އެކަކީ ޑައިރެކްޓަރު ރޫމީ ޖެފްރީ އެވެ.
ރޫމީ ދާދިފަހުން އިންޑިޔާގެ ނޫހަކަށް މިކަމާ ގުޅޭ ގޮތުން ދިން އިންޓަވިއު އެއްގައި ސުޝާންތުގެ މަރާ ގުޅިގެން ރިއާއަށް ތަހައްމަލު ކުރަން ޖެހުނު ތަކުލީފާއި ވޭންތައް އަދި އޭނާ ހޭދަކުރި ބިރުވެރި ދުވަސްތަކުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ކިޔައިދީފައި ވެއެވެ.
ރޫމީ ބުނި ގޮތުގައި ރިއާއަށް ބަރުދާސްތު ކުރަން ޖެހުނު ކަންކަމުގެ ސަބަބުން އޭނާ ވަނީ މުޅިން ހަމަހިމޭން ވެފަ އެވެ. އޭނާ ވަނީ ހިތްވަރު އެލި މުޅިން މާޔޫސްވެފަ އެވެ. އެހެން މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކާކަށް ރިއާ ބޭނުމެއް ނުވެ އެވެ. އެކަނިމާއެކަނި އަބަދުވެސް ޚިޔާލަކަށް ގެއްލިފައި އިންނަނީ އެވެ. ނަމަވެސް މި ފެށުނު އާ އަހަރު ރިއާ އަލުން އާ ހިތްވަރަކާއެކު ތެދުވެ ފިލްމީ މަސައްކަތަށް ނުކުންނާނެ ކަމަށާއި އަދި އޭނާއާ ދޭތެރޭ ކަންތައްތައް ކުރި ގޮތާ ދެކޮޅަށް ވާހަކަ ދައްކާނެ ކަމަށް ރޫމީ އުންމީދުކުރެ އެވެ.
"އަހަރެން ދާދިފަހުން އޭނާއާ ބައްދަލުކުރިން. އޭނާ މީހުންނާ މާގިނައިން ވާހަކަ ދައްކައެއް ނޫޅޭ. އަދި އިންނަނީ ވަރަށް މަޑުމަޑުން. އޭނާއަށް ތަހައްމަލު ކުރަން ޖެހުނު ކަންތައްތަކުގެ ސަބަބުން އެއީ އެކަން ވާނެގޮތް ކަމަށް ގަބޫލު ކުރަން ޖެހޭ. އޭނާ ހަމަޔަކަށް އެޅިލީމަ އަދި ތެދުވެ އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތްތައް ކިޔާދޭނެކަމަށް މި ބަލަނީ،" ރޫމީ ބުންޏެވެ.
ސުޝާންތުގެ މަރުގެ ތަހުގީގު އިންޑިޔާގެ ސީބީއައި އިން އަދިވެސް ކުރިޔަށް އެބަ ގެންދެ އެވެ. ނަމަވެސް ސުޝާންތުގެ މަރާއި ރިއާ އާ ގުޅުވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ސީބީއައި އަށް ވެސް އަދި އެންސީބީ އަށް ވެސް ހޯދިފައި ނެތް ކަމަށް މިހާރު އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.
އެހެންކަމަށް ވާނަމަ އެއް މަސް ދުވަހު ޖަލުގެ ތޭރިތަކުގައި ރިއާ ހޭދަކުރީ އެއްވެސް ކުށެއް ނެތި ހެއްޔެވެ؟ އަދި ރިއާ އާ މެދު ކުރި ހުރިހާ ތުހުމަތުތަކަކީ މުޅިން ބުހުތާނު ދޮގު ހެއްޔެވެ؟ މިހާރު މައްސަލައިގެ ތަހުގީގު ދާ ގޮތަށް ބަލާއިރު ރިއާގެ ހަމައެކަނި ކުށަކީ ސުޝާންތު ދެކެ ލޯބިވުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ސުޝާންތު ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ މުމްބައިގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ނިދާ ކޮޓަރީގައި މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހު އެވެ.
"ޖަލޭބީ"ގެ ބަތަލާ ރިއާ ކުޅެ އަދި ރިލީޒްނުވާ ފިލްމެއް މި ފެށުނު އާ އަހަރު ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ. އެ ފިލްމަކީ އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ އާއެކު ރިއާ ކުޅުނު "ޗެހެރޭ" އެވެ.