ބޮލީވުޑް

ރިއާ އަކީ މައުސޫމް މީހެއް: އާލިއާގެ މަންމަ ސޯނީ

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ގިނަ ބައެއްގެ ރުޅި އާއި މަލާމާތް އަދި ޕްރެޝަރު އެންމެ ބޮޑުވީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އަށެވެ. ޖޫން 2020 ގައި ސުޝާންތު މަރުވެފައި ހުއްޓާ ފެނުމުން ހިންގި ތަހުގީގުގެ ވަކި ހިސާބަކުން އެއީ ރިއާ ކުރި ކަމެއް ކަމަށް ދޭހަވާ ގޮތަށް މީޑިއާ ތަކާއި ބައެއް ސިޔާސީ ޕާޓީތަކުން ވާހަކަ ދައްކަން ފެށި އެވެ. އަދި ރިއާއަށް ޖަލުގައި ވެސް ގިނަ ދުވަސް ތަކަކު ހުންނަން ޖެހުނެވެ.

މިކަންކަން މިހެން ހުއްޓަސް ފިލްމު އެކްޓަރު އަދި އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާންގެ ތާއީދު އޮތީ ރިއާއަށް ކަން އޭނާ ވަނީ ހާމަކޮށްފަ އެވެ.

ސުޝާންތުގެ މައްސަލަގަނޑާ ހެދި ރިއާ ކުޅެން ލިބިފައިވާ ވަރަށް ގިނަ ފިލްމުތައް ގެއްލެމުންދާ ކަމަށް ހޯމަ ދުވަހު ސޯޝަލް މީޑިއާގައި ގިނަބަޔަކު އަޑު ފަތުރަމުން ދިޔަ އެވެ. ސޯނީ ޖަވާބު ދިނީ މިކަމާ ގުޅޭ ގޮތުން މީހަކު ކުރި ޓުވީޓަކަށެވެ.

ސޯނީ ލިޔެފައިވާ ގޮތުގައި ރިއާ ޖަލަށް ލުމުން ފަޅާ އެރީ އެހެން ބަޔަކު ކުރި ކަންތައް ތަކެކެވެ. އަދި އޭނާ ޖަލަށް ލީ މީހުންނަކަށް އޭނާގެ ކުށެއް ނުދެއްކުނެވެ. އެހެންވީމާ އޭނާއަކީ ހަމައެކަނި ބަޔަކު ފަރުމާކޮށް ގޮތްގޮތަށް އަނބުރާލި އޮއިވަރެއްގައި ޖެހުނު މައުސޫމް މީހެއްކަން ސާބިތުވެއްޖެ އެވެ.

"ކީއްވެ އެއްވެސް މީހަކު އޭނާއަށް މަސައްކަތް ނުދޭންވީ. އަހަރެން ގަބޫލު ކުރާ ގޮތުގައި ފިލްމު ކެރިއަރުގައި ރިއާއަށް ވަރަށް ކުރިޔަށް ދެވޭނެ. އަހަރެން އުންމީދު ކުރަނީ އެގޮތަށް،" ސޯނީގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ރިއާ އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ސުޝާންތުގެ އާއިލާއިންނެވެ. އެމީހުން ބުނާ ގޮތުގައި ސުޝާންތު އަމިއްލައަށް މަރުވާން މަޖްބޫތު ކުރުވީ ރިއާ އެވެ. އަދި ވައްކަމާއި އެހެނިހެން ޖިނާއީ ކުށްތައް ރިއާ ކޮށްފައިވާ ކަމަށް ސުޝާންތުގެ އާއިލާއިން ތުހުމަތު ކުރެ އެވެ.
ނަމަވެސް ސުޝާންތުގެ މަރު ތަހުގީގު ކުރަމުންދިޔަ އިންޑިޔާގެ ސީބީއައި އަށް ވެސް ރިއާ އާ ދެކޮޅު ހެއްކެއް ނުދެއްކުނެވެ. އެހިސާބުން ޑްރަގްގެ މައްސަލައަކަށް އެ މައްސަލަ ބަދަލު ކޮށްލި އެވެ. އަދި ސުޝާންތު މަރުވީ މަސްތުވާތަކެތީގެ އަވައިގައި ޖެހިގެން ކަމަށާއި އެ ތަކެތި އޭނާއަށް ފޯރުކޮށްދެނީ ރިއާ އައި އޭނާގެ ބޭބެ ކަމަށް ބުނަން ފެށި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިއާ ހައްޔަރު ކުރީ މި ތުހުމަތުތައް ކޮށްފަ އެވެ. ނަމަވެސް އޭގެ މަހެއް ފަހުން ބެއިލް ބަހައްޓައިގެން ޖަލުން މިނިވަން ވީއިރު ވެސް ރިއާއާ ދެކޮޅު ހެއްކެއް ނުދެއްކުނެވެ.

ސޯނީގެ ފިރިމީހާ އަދި މަޝްހޫރު ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓަކީ ސުޝާންތުގެ މަރާ ގުޅިގެން އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ އެއް ފަރާތެވެ. މަހޭޝް ބަޓް އާއި ރިއާ ވަޓްސްއަޕުން ދައްކާފައިހުރި ވާހަކަތަކެއް ލީކުކޮށް އެ ދެ މީހުންގެ މެދުގައި ސިއްރު ގުޅުމެއް އޮންނަ ކަމަށް ވެސް އޭރު ތުހުމަތުކުރި އެވެ. ނަމަވެސް އެ މެސެޖުތަކުގައި ދައްކާހުރި އެއްވެސް ވާހަކައަކުން ވެސް އެމީހުންގެ މައްޗަށް ކުށެއް ކުރި ކަމުގެ ހެކި ލިބިފައެއް ނެތެވެ.