ފިނިޕޭޖް

ރިއާގެ ޑްރަގް ލިސްޓުގައި ސާރާއާ ރަކުލް ޕުރީތު

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ޑްރަގްގެ ބޮޑު މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފަ އެވެ. އަދި ސުޝާންތު އާއި ރިއާ ވެސް ޑްރަގް ބޭނުންކުރާ ކަމުގެ ހެކިތައް މިހާރު ލިބިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ކުރިން ރިއާ ބުނަމުން ދިޔައީ އޭނާ އެއްވެސް އިރެއްގައި ޑްރަގް ބޭނުން ނުކުރާ ކަމަށާއި ޓެސްޓް ކުރަން ވެސް ތައްޔާރު ކަމަށެވެ. ނަމަވެސް އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ން އެތައް ދުވަހެއް މަތިން ވަރަށް ގިނަ އިރު ވަންދެން ސުވާލު ކުރުމުން ރިއާ ވަނީ ސުޝާންތު އަށް ޑްރަގް ހޯދައި ދިނުމުގައި އޭނާގެ ދައުރު އޮތްކަމަށް އެއްބަސްވެފަ އެވެ.

އެއާއެކު ސެޕްޓެމްބަރު 8 ގައި ރިއާ ޑްރަގް މައްސަލައިގައި ހައްޔަރު ކޮށްފަ އެވެ. މި މައްސަލައިގައި ރިއާ ބެދުމުން އޭނާއާއެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ބައްދާލަން ރިއާ ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެގޮތުން 25 ފަންނާނެއްގެ ނަން ރިއާ މިހާރު އެންސީބީ އަށް ކިޔައިދީފައިވާ ކަމަށް ވެއެވެ.

އެންސީބީއަށް ރިއާ ބުނެފައިވާ ގޮތުގައި ބޮލީވުޑްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަކީ ޑްރަގް ބޭނުންކުރާ ބައެކެވެ. އަދި މީގެ ތެރެއިން ބައެއް މީހުންގެ ނަންތައް ރިއާ ހާމަ ކޮށްފައިވާ ކަމަށް "ޓައިމްސް ނައު" ނޫހުން ބުނެފައި ވެއެވެ.

ރިއާ ބުނެފައިވާ ގޮތުގައި ފިލްމި ބަތަލާ އިން ކަމަށްވާ ސާރާ އަލީ ޚާން އާއި ރަކުލް ޕްރީތު ސިންގް އަދި ފެޝަން ޑިޒައިނާ ސިމޯން ކަމްބާޓާ އަކީ ނާކޮޓިކްސް ސަބްސްޓެންސް ބޭނުންކުރާ ބައެކެވެ. އެހެން ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކާޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ އާއި ސުޝާންތުގެ ކުރީގެ މެނޭޖަރު ރޯހިނީ އައްޔަރު ވެސް ޑްރަގް ބޭނުންކުރާކަން އޭނާއަށް އެނގެ އެވެ.

އެންސީބީ އަށް ދީފައިވާ 20 ސަފުހާގެ ދިގު ބަޔާނުގައި ބޮލީވުޑް ވަރަށް ގިނަ މީހުންގެ ނަންތަކާއި އެމީހުންނާ ގުޅޭ ގޮތުން އޭނާއަށް އެނގި ފެނިފައިވާ މައުލޫމާތުތައް ރިއާ ކިޔައި ދީފައިވާ ކަމަށް ވެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި މި ހުރިހާ ފަންނާނުންނާ އެންސީބީން ސުވާލު ކުރަން ދަނީ ތައްޔާރު ވަމުންނެވެ.

މިހާރު ބައިކުލާ ޖަލުގައި ރިއާ ބަހައްޓާފައި ހުރި ގޮޅީގައި ގޮދަޑިއެއް ފަންކާއެއް ވެސް ނެތް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި އޭނާ ހުރި ޖަލު ގޮޅި އާ ޖެހިގެން ހުރި ގޮޅީގައި ހުންނަނީ އަމިއްލަ ދަރިފުޅު ޝީނާ ބޯރާ މަރާލިކަމުގެ ތުހުމަތުގައި ޖަލަށްލާފައިވާ އިންދިރާނީ މުކަރުޖީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ބެއިލް ހޯދަން ރިއާ ކުރި މަސައްކަތް ވެސް ހުކުރު ދުވަހު ވަނީ ނާކާމިޔާބު ވެފަ އެވެ. އެހެންކަމުން ސެޕްޓެމްބަރު 22 އާ ހަމަޔަށް އޭނާއަށް ޖުޑިޝަލް ކަސްޓަޑީގައި ހުންނަން ވަނީ ޖެހިފަ އެވެ.