ބޮލީވުޑް

ރިއާގެ ބަޔާނުގައި ސާރާއަށް ބޮޑެތި ތުހުމަތުތަކެއް

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން ކުރި ފެޅި އޭނާ އާއި ލޯބިވެރިޔާ އަދި އެކުވެރިން ޑްރަގް ބޭނުން ކުރަމުން ދިޔަ މައްސަލައިގެ ތަހުގީގަށް ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރުކޮށް މުމްބައިގެ ނާކޮޓީކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރިއާގެ ބަޔާން ނަގާފައި ވެއެވެ. މި ބަޔާނުގެ ބައެއް ގަނޑުގައި ޒީ ނިއުސް އަށް ލިބި އެ ޗެނަލުން ވަނީ ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ.

މި ލިޔުމުގައި ވަނީ 2020 ސެޕްޓެމްބަރުގެ ތާރީޚެވެ. މި ލިޔުމުގައިވާ ގޮތުން ބޮލީވުޑް ބަތަލާ ސާރާ އަލީ ހާން އާ ދެކޮޅަށް ރިއާ ވަރަށް ގިނަ ވާހަކަތައް ދައްކާފައި ވެއެވެ. ރިއާ ބުނެފައިވާ ގޮތުގައި 2017 ގައި އޭނާ އާއި ސާރާ ވަރަށް ގިނައިން އެކުގައި ވަގުތު ހޭދަކުރި އެވެ. އޭޜު ދެ މީހުން ދަނީ އެއް ޖިމް އަކަށް ކަމަށް ވާތީ ޖިމުން ނިމިގެން ނުކުންނަ ގަޑީގައި ޕަޕަރާޒީން ވެސް ވަރަށް ގިނައިން ދެ ބަތަލާއިން އެކުގައި ފޮޓޯ ނަގާފައި ވެސް ހުރުމުން ރިއާގެ މި ވާހަކައަކީ ކޮންމެވެސް ވަރެއްގެ ތެދެއްކަން ޔަގީން ކުރެވެ އެވެ.

ރިއާ ބުނަނީ އޭނާއަށް ބަނގުރަލާއި ޑްރަގް ދިނީ ސާރާ ކަމަށެވެ. ރެއާ ބުނާ ގޮތުގައި "ކެދާރްނާތު" ގެ ސެޓުގައި ސުޝާންތަށް ވެސް ފުރަތަމަ ޑްރަގް ދިނީ ސާރާ އެވެ. އަދި އެ ފިލްމުގެ ކުރޫންގެ ގިނަ ބަޔަކު އެ ފިލްމުގެ ޝޫޓިންގް ދުވަސްވަރު ޑްރަގް ނަގަމުން ދިޔަ ކަމަށް ރިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރިއާގެ ބަޔާނުގެ ނިމޭ ބައިގައި ވެސް ބުނެފައި ވަނީ ބަނގުރަލާއި ޑްރަގް އޭނާއަށް ފުރަތަމައިނުން ވެސް ދޭން ފެށީ ސާރާ ކަމަށެވެ.

ޑްރަގް ބޭނުން ކުރުމާއި ގެންގުޅުމުގެ ކުށުގައި ރިއާ ހައްޔަރުކޮށް އެއް މަސް ދުވަހު ޖަލުގައި ބަހައްޓާފައި ވެއެވެ. އަދި ރިއާގެ ބަޔާނާ ގުޅިގެން ސާރާ އާއި ބޮލީވުޑް އެހެން ބައެއް އެކްޓަރުން އެންސީބީ އަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައި ވެއެވެ.

ރިއާގެ މި ތުހުމަތުތަކަށް ސާރާ އާއި އޭނާގެ އާއިލާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ސުޝާންތު މަރުވީ މިދިޔަ އަހަރުގެ ޖޫންމަހު އޭނާ މުމްބައިގައި ދިރިއުޅޭ ފްލެޓުގެ ނިދާ ކޮޓަރީގައި އަމިއްލައަށް ދަންޖެހިގެން ކަމަށް މުމްބައި ފުލުހުންގެ ތަހުގީގުތަކަށް ސާބިތުވެފައިވާކަމަށް ފުލުހުން ބުނި ނަމަވެސް ސުޝާންތުގެ އާއިލާގެ މީހުންނާއި އެކުވެރިން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ.