ރެއާ ޗަކްރަބަތީ

އިޝްތިހާރުން ނުފެނުނަސް "ޗެހެރޭ" ގައި ރިއާ ބައިވެރިވޭ

ރިއާ ޗަކްރަބަތީ ކުޅެން ހަމަޖެހިފައިވާ "ޗެހެރޭ" ގެ ޕޯސްޓަރު ތަކާއި އިޝްތިހާރުތަކުން އޭނާ ނުފެނުމުން ފިލްމުން އޭނާ ވަކި ކުރީތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ދާދި ފަހުން ދިން އިންޓަވިއުގައި ބުނެފައިވަނީ ރިއާ އަކީ ފިލްމުގައި މުހިއްމު ކެރެކްޓާއެއް އަދާކުރާ އެކްޓަރެއް ކަމަށާއި ރިއާ ފިލްމުން ވަކި ނުކުރާ ކަމަށެވެ.

"ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމުގެ ކުރިން ރިއާ އެއްގޮތަކަށް ވެސް ނުދައްކަން އަހަރެމެންގެ ޓީމުން ނިންމާފައި ވަނީ. އެއީ އާއްމުންގެ ރުޅި އާއި ނަފްރަތު އޭނާއަށް އަމާޒުވެފައި އޮތްލެއް ބޮޑުކަމުން ރިއާއަށް ވެސް ހަމަޖެހިލަން ވަގުތުކޮޅެއް ދޭން ވެގެން،" ޕްރޮޑިއުސަރު ބުންޏެވެ.

މިއަހަރު ފެށުނުތަނާ ހެން "ޗެހެރޭ" ރިލީޒްކުރާ ދުވަހާއި ފިލްމުގައި ހިމެނޭ ތަރިންގެ ނަންތައް ވެސް ވަނީ އިއުލާން ކޮށްފަ އެވެ. އެ ނަންތަކުގެ ތެރޭގައި ވެސް ރިއާގެ ނަމެއް ނެތެވެ.

ޕްރޮޑިއުސަރު ބުނީ އެގޮތަށް ކަންތައް ކުރީ ރިއާ ބައިވެރިވާކަން އެނގުމުން ގިނަ ބައެއްގެ ރުޅިއާއި ނަފްރަތާ އެ ފިލްމަށް ކުރިމަތިލާން ޖެހިދާނެތީ ބިރުންނެއް ނޫނެވެ. އެއީ ހަމައެކަނި ރިއާގެ ސަލާމާތާއި ރައްކާތެރިކަމަށް ކުރިކަމެކެވެ.

މިދިޔަ އަހަރު އަމިއްލައަށް މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ރިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ގިނަ ބައެއްގެ ރުޅިއާއި ނަފްރަތު ވަނީ އަމާޒުވެފަ އެވެ. ސުޝާންތު މަރުވިއިރު ރައްޓެހިވެގެން އުޅުނީ ރިއާ އާ ކަމަށް ވެފައި އޭނާގެ މަރުގައި ރިއާގެ އަތެއް ވާ ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި ވާތީ އެވެ.

ސުޝާންތުގެ އާއިލާ އާއި ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން ރިއާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދަނިކޮށް ދަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ރިއާ އާއި އޭނާގެ ބޭބެ ހައްޔަރުކުރުމުން އޭނާއަށް ހިތްދަތިކަމާއި މާޔޫސްކަން އިތުރުވާން މެދުވެރިވި އެވެ.

ނަމަވެސް މި ހުރިހާ މައްސަލަތަކެއް ކުރިމަތިވެފައި ވުމާއެކު ވެސް "ޗެހެރޭ"އިން ރިއާ ވަކިނުކޮށް އޭނާ ލައްވާ ފިލްމު ފުރިހަމަކުރަން ޕްރޮޑިއުސަރުން ނިންމީ ރިއާ އަކީ ވެސް މި މައްސަލަތަކުގައި އަނިޔާލިބެމުންދާ މީހެއް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ޕްރޮޑިއުސަރު ބުނެފައި ވެއެވެ.

އަމީތާބު ބައްޗަން އާއި އިމްރާން ހާޝިމީ ބަތަލުގެ ބައި ކުޅެފައިވާ "ޗެހެރޭ"ގައި ރިއާ ބައިވެރިވާކަން ފިލްމުގެ އިޝްތިހާޜުތަކުން ނޭނގުނަސް ފިލްމުގައި ރިއާ މުހިއްމު ރޯލެއް ކުޅެފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

"ފިލްމުގެ އިޝްތިހާރުތަކުގައި އޭނާގެ ނަން ހިމަނައިގެން އޭނާއަށް އިތުރު މުސީބާތްތައް ކުރިމަތިކުރާކަށް އަހަރެމެން ބޭނުމެއް ނޫން. މިހާރު ވެސް އޭނާއަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ތަކުލީފުތައް ވަނީ އުފުލަން ޖެހިފައި. އެހެންވެ އެ މައްސަލަތައް އިތުރު ނުކުރަން ވެގެން އޭނާގެ ނަން ގަސްތުގައި ނުހިމެނީ،" ޕްރޮޑިއުސަރު ބުންޏެވެ.

ނަމަވެސް ފިލްމުގެ ޓްރެއިލާ ލޯންޗުކުރުމަށްފަހު ރިއާގެ ނަން ވެސް ފިލްމުގެ ބައިވެރިންގެ ލިސްޓުގައި އޮންނާނެ އެވެ.
ޗެހެރޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އެޕްރީލް 30 ވަނަ ދުވަހު އެވެ.