ބޮލީވުޑް

"ޗެހެރޭ"އިން ރިއާ ވަކިކުރީތަ؟

އަމީތާބު ބައްޗަން އާއި އިމްރާން ހާޝިމީ ލީޑް ރޯލުތައް ކުޅޭ "ޗެހެރޭ"ގެ ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައި އޮތީ ރިއާ ޗަކްރަބަތީ އެވެ. ނަމަވެސް ފިލްމުގެ ދެ ޕޯސްޓަރެއްގެ ދާދިފަހުން ސޯޝަލް މިޑިއާގައި ރިލީޒްކުރިއިރު މީގެން އެއްވެސް ޕޯސްޓަރެއްގައި ރިއާ އެއް ނެތެވެ. އެއާއެކު ރިއާ މި ފިލްމުން ވަކި ކުރީތޯ ވަނީ ސުވާލު އުފެދިފަ އެވެ. އަދި ރިއާގެ ބަދަލުގައި އެހެން ބަތަލާއަކަށް ފިލްމު ދިނީތޯ ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.

މިހާތަނަށް ރިލީޒްކުރި ދެ ޕޯސްޓަރުގައި ފިލްމުގައި މުހިއްމު ބައިތައް ކުޅޭ ހުރިހާ އެކްޓަރުން ފެންނަން ހުރެފައި ރިއާ ނެތުމުން މި ވާހަކައިގެ އަޑު މާ ގަދަވާ ގޮތް ވީ އެވެ.

"ޗެހެރޭ" އަކީ ރޫމީ ޖެފްރީ ޑައިރެކްޓްކުރާ ތުރިލާ އެކެވެ. ރޫމީ އަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ރިއާގެ ގާތް އެކުވެރިއެކެވެ. އަދި ސުޝާންތު އަމިއްލައަށް މަރުވުމުގެ މާ ކުރިއްސުރެ "ޗެހެރޭ"ގެ ބަތަލާއަކަށް ރޫމީ ވަނީ ރިއާ ޚިޔާރު ކޮށްފަ އެވެ. އަދި ސުޝާންތުގެ މަރާ ގުޅިގެން ރިއާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ވެސް ރޫމީ އެވެ.

"ޗެހެރޭ"ގެ ޕްރިވިއު އެއް މާދަމާ ރިލީޒްކުރަން ހަމަޖެހިފައިވާއިރު ފިލްމުގައި ރިއާ ބައިވެރިވާކަން ނުވަތަ ނޫންކަން މި އިޝްތިހާރުން ޔަގީން ވާނެ ކަމަށް ބެލެވެ އެވެ.

ސުޝާންތުގެ މަރާ ރިއާ އާ ގުޅުވައި ސޯޝަލް މީޑިއާގައި ރިއާއަށް ގިނަ ބަޔަކު ނަފްރަތާއި ރުޅިވެރިކަން ފާޅުކުރަމުންދާތީ "ޗެހެރާ"އިން އޭނާ ވަކިކޮށްފައިވާ ކަމުގެ ޚަބަރުތަކެއް ވެސް ތަންކޮޅެއް ކުރިން ފެތުރުނެވެ. ނަމަވެސް ފިލްމު އުފައްދާ ފަރާތުން މިކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ސުޝާންތު އަމިއްލައަށް މަރުވީ ރިއާ އާއި އޭނާގެ ބޭބެ ޑްރަގް ދީގެން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ޚަބަރު ފަތުރާފައި ވެއެވެ. އަދި މި ސުޝާންތުގެ މަރާއި މަނާ ޑްރަގް ބޭނުންކުރުމާ ހުރި ގުޅުން ތަހުގީގުކުރަމުންދިޔަ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން ރިއާ އާއި އޭނާގެ ބޭބެ ޖަލުގައި ހައްޔަރުކޮށްގެން ވެސް ގިނަ ދުވަސްތަކަކު ގެންގުޅެފައި ވެއެވެ. ފަހުން އެ މީހުން ބެއިލްގެ ދަށުން ޖަލުން މިނިވަން ވީ އެވެ. އަދި މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާ ލިސްޓުގައި ވެސް ރިއާގެ ނަން އެބައޮތެވެ.