ސުޝާންތު ސިންގް

ސުޝާންތުގެ މަރާ މަށާ ނުގުޅުވާ: ކުރީގެ ލޯބިވެރިޔާ

ސުޝާންތު ސިންގް ރާޖްޕޫތުގެ ބައެއް ފޭނުންނަށް އަދިވެސް އޭނާގެ ވަކިވެ ދިއުން ގަބޫލުކުރަން ދައްޗެވެ. އެހެންވެ އަބަދުވެސް އޭނާގެ މަރުގެ ޒިންމާ ކޮންމެވެސް މީހެއްގެ ބޮލުގައި އެޅުވޭތޯ އެމީހުން މަސައްކަތް ކުރަމުން ދެއެވެ. ދާދިފަހުން ފޭނަކު ވަނީ ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭގެ ބޮލުގައި ވެސް ސުޝާންތުގެ މަރާ ގުޅޭ އިލްތިޒާމްތަކެއް އަޅުވާފަ އެވެ.

މި ވާހަކަތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އަންކިތާ ވަނީ ވަރަށް ރަނގަޅަށް އެ ވާހަކަ ދައްކާ މީހުންނަށް ޖަވާބު ދީފަ އެވެ. އަންކިތާ ބުނީ އޭނާގެ އަބުރަށް ހުތުރު އަރުވަން އެއްވެސް މީހަކު މަސައްކަތް ނުކުރުމަށެވެ.

"ސުޝާންތުގެ މަރާ ގުޅިގެން އަހަރެން ކުށްވެރިކުރަން އަދި އަހަރެން ބޮލުގައި އެއްވެސް ކަމެއް އަޅުވަން ނޫޅޭ. ތި މީހުންނަކަށް ނޭނގޭ މަގޭ ވާހަކައެއް. މަށާ ދޭތެރޭ ކަންތައްތައް ވީގޮތެއް. އަހަރެންނަށް ޑިޕްރެޝަންގެ މައްސަލަތައް ވެސް ވަރަށް ބޮޑަށް ދިމާވި. ނަމަވެސް އެ ވާހަކަތައް އަހަރެން އާއްމު ނުކުރީ،" އަންކިތާ ބުންޏެވެ.

އަންކިތާ ބުނި ގޮތުގައި އޭނާ އަށް ސޯޝަލް މިޑިއާގައި މަލާމާތްކޮށް ޓްރޯލް ކުރުމުން އެކަމާ ދެރަވަނީ އަދި ހިތްހަމަނުޖެހެނީ އޭނާ އެކަންޏެއް ނޫނެވެ. އޭނާގެ މައިންބަފައިންނަށް ވެސް އެކަމުން ވަރަށް ނޭދޭވޭ އަސަރުތަކެއް ކުރެ އެވެ.

"އެމީހުންނަށް އެ ކަހަލަ ކަންކަން ބަރުދާސްތުކުރަން ވަރަށް އުނދަގޫ. އަހަރެންނާ ދިމާލަށް މީހުން ހުތުރު އެއްޗެތި ގޮވަނީ ކީއްވެހޭ؟ އެމީހުން އެ ފަދަ އެއްޗެތި ގޮވާ ވަރުގެ ކަމަކަށް އަހަރެން ކުރީ ކޮން ކަމެއްހޭ އަހަރެންގެ މައިންބަފައިން އަހާ،" އަންކިތާ ބުންޏެވެ.

އަންކިތާ ބުނި ގޮތުގައި މިއަދު އޭނާއާ ދިމާލަށް އިނގިލި ދިއްކުރާ މީހުންނަކީ އޭނާ އާއި ސުޝާންތުއާ އޮތް ގުޅުން އެއްގޮތަކަށް ވެސް އެނގޭ ބައެއް ނޫނެވެ. އަދި އެމީހުންނަކީ އެހާ ސުޝާންތު ދެކެ ލޯބިވާ ބައެއް ނަމަ މިހާރު އޭނާ އާ ދިމާކޮށްލައިގެން އުޅެނީ ކީއްވެތޯ އަންކިތާ ސުވާލު ކުރި އެވެ.

"ކުރިން ކޮބާތަ ތި ހުރިހާ އެންމެން. އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ނިމިގެން ދިޔައިރު ތި މީހުން ކޮބާ؟ އަހަރެންގެ އެއްވެސް ކުށެއް ނެތިސް މިއަދު ކީއްވެ އަހަރެންގެ ބޮލުގައި ތިކަންކަން އަޅުވަނީ،" އަންކިތާ ބުނެފައި ވެއެވެ.

އަންކިތާ ބުނިގޮތުގައި ސުޝާންތު އާ ވަކިވުމަށްފަހު އޭނާއަށް ވެސް ޑިޕްރެޝަންގެ މައްސަލަ ވަރަށް ބޮޑުވި އެވެ.
"އަހަރެން ވެސް އުޅުނީ ވަރަށް ހާލުގަ. އެކަމަކު އަހަރެން އެންމެން ކައިރީ އެ ވާހަކައެއް ނުދައްކަން. އަހަރެން ވެސް ވަރަށް ރުއިން. މިހާރު ދެން އަހަރެންގެ ބޮލުގައި ކަންކަން ނާޅުވާ. ސުޝާންތުގެ ހަޔާތުގައި އަހަރެން ނެތްތާ އެތައް އަހަރެއް ފާއިތުވެއްޖެ. އަހަރެންގެ ޒިންމާއެއް ކަމަށް ބަލައިގެން އަހަރެން ކުރަން ޖެހޭ ކަންކަން ކޮށްދީފައި ހުންނާނީ،" އަންކިތާ ބުންޏެވެ.

ސުޝާންތުގެ ފޭނުން އަންކިތާ އަށް ޓްރޯލް ކުރީ ސޯޝަލް މީޑިއާގައި އުފާވެރި ފޮޓޯތައް އޭނާ ޝެއާ ކުރާ ކަމަށް ބުނެފަ އެވެ. އޭނާ ޝެއާކުރާ ޑާންސް ވީޑިއޯތަކާއި އެކި ހެދުން އަޅައިގެން ގޮތްގޮތަށް ނަގާފައިވާ ހުންނަ ފޮޓޯތައް ބަލާފައި ސުޝާންތުގެ ފޭނުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. އެމީހުން ބުނަނީ ސުޝާންތު މަރުވި ފަހުން އަންކިތާ އުފަލުން އުޅޭ ކަމަށެވެ.